ސްޕެއިންގެ ގަދަ ބާރު ރެއަލް މެޑްރިޑަށް ކުޅެމުން އަންނަ ވިންގާ ގެރެތް ބޭލް އަށް އެ ކްލަބުގެ ސަޕޯޓަރުން ތަކެއް ޖެއްސުން ކޮށްފިއެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރެއަލް މެޑްރިޑުން ކެނެޑާގައި ތަމްރީންތައް ފަށައިފައި ވާއިރު، އެ ގައުމުގައި ތިބި ރެއަލްގެ ސަޕޯޓަރުން ވަނީ ކުޅުންތެރިން ތަމްރީނަށް ދިޔަ ގަޑީގައި އެމީހުން ބަލައިލުމަށްޓަކައި ހޮޓެލް ކައިރިއަށް އެއްވެފައެވެ.

ގިނަ ކުޅުންތެރިން ތަކެއް ސަޕޯޓަރުންނާއި އެކު ފޮޓޯ ނަގައި އޮޓޯގްރާފް ދެމުން ގެންދިޔަ އިރު ބޭލް އެތަނުން ދިޔައީ ކަންފަތުގައި ހެޑްސެޓް ޖަހައިގެން އިސް ދަށަށް ބަލަމުންނެވެ.

މިއާއި އެކު ސަޕޯޓަރުން ވަނީ ބޭލް މާ ފޮނި ކަމަށް ބުނެ، އޭނާ އާއި ދިމާލަށް އެކިއެކި އަޑުތައް ލައްވައި ޖެއްސުން ކޮށްފަ އެވެ.

ޒައިނެއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ބޭލް އަށް އެ ކްލަބުގައި ފުރުސަތެއް ނެތް ކަމަށް ބުނި ނަމަވެސް، އޭނާ ބޭނުން ވަނީ ރެއަލްގައި މަޑު ކުރުމަށެވެ. ހަފްތާ އެއްގެ މައްޗައް 600،000 ޕައުންޑުގެ މުސާރަ އެއް ބޭލް އަށް ލިބޭ އިރު، މި ޓްރާންސްފާ މާކެޓުގައި ޗައިނާގެ ކްލަބުން ފިޔަވައި އިތުރު ހުށަހެޅުމެއް އޭނާ އަކަށް ނުލިބެއެވެ.

ބޭލް އަށް ސަޕޯޓަރުން ޖެއްސުން ކުރާ ވީޑިއޯ މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ފަހަކަށް އައިސް ބޭލް އަށް ސަޕޯޓަރުންގެ ރުޅިވެރިކަން ލިބެމުން އަންނަ ކަމެވެ.