ނިމިދިޔަ ޗެމްޕިއަންސް ލީގުން ވިދާލި އަޔަކްސް ކެޕްޓަން މެތިއެސް ޑި ލިޓްސް ޔުވެންޓަސް އަށް ސޮއި ކުރަން އެއްބަސްވި ސަބަބު އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ހާމަ ކޮށްފިއެވެ.

އުމުރުން އެންމެ 19 އަހަރުގެ ސެންޓާ ބެކް ހޯދުމަށް ޔޫރޮޕްގެ އެންމެ ބޮޑެތި ކްލަބުތައް ކަމުގައިވާ ރެއަލް މެޑްރިޑާއި، މެންޗެސްޓާ ޔުނައިޓެޑު އަދި ބާސެލޯނާގެ އިތުރުން ޕީއެސްޖީވެސް މަސައްކަތް ކުރި އިރު، ޑި ލިޓްސް ޔުވެންޓަސް އަށް ދިޔައީ ސިރި އޭ އަކީ ދުނިޔޭގެ އެންމެ މޮޅެތި ޑިފެންޑަރުން ތިބި ތަން ކަމުން، ތަޖުރިބާ ހޯދުމުގެ ގޮތުން ކަމަށް އޭނާގެ އޭޖެންޓް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައެވެ.

"އޭނާ ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރި ކްލަބަކަށް ނޫން ބަލަންވީ ކީ. ޑިފެންޑަރެއް ނަމަ އިޓަލީ އަށް އައުން އެއީ ވަރަށް މުހިއްމު ކަމެއް. މިތަނުގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ލިސްޓައް އެރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ. އެހެންވެ އަހަރެން ބުނާނީ ޑި ލިޓްސް ޔުވެންޓަސް އަށް ދާން ނިންމީ ރަނގަޅަށޭ" އޭޖެންޓް ބުނެފައި ވެއެވެ.

67.5 މިލިއަން ޕައުންޑުގެ އަގަކަށް 5 އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ޑި ލިޓްސް ޔުވެންޓަސް އާއި ގުޅުމަށް އިއްޔެ ޓިއުރިން އަށް ގޮސްފައި ވާއިރު، ބެލެވޭ ގޮތުގައި އޭނާ ވަނީ މިހާރު އެ ކްލަބުގެ މެޑިކަލް ޓެސްޓުތައް ވެސް ހަދައިފައެވެ.

ކްރިސްތިއާނޯ ރޮނާލްޑޯވެސް ޑި ލިޓްސް ގާތު ޔުވެންޓަސް އަށް އައުމަށް މީގެ ކުރިން އެދިފައި ވާއިރު، ގިނަ ބަޔަކު ތިބީ ފެށޭ ސީޒަނުގައި މި ދެ ކުޅުންތެރިންގެ ކުޅުން ބަލަން ކެތް މަދުވެފައިކަން ފާހަގަކޮށްލެވެއެވެ.