އިންޑިއަން އޯޝަން އައިލެންޑް (އައިއޯއައިޖީ)އަށް ރާއްޖޭގެ ފުޓުބޯޅަ ޓީމު ދިޔަ އިރުވެސް ޓީމުގެ ހާލަތު އެންމެ ރަނގަޅު ނޫންކަން އެނގޭ ކަމަށް ގައުމީ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

އައިއޯއައިޖީގެ ފުޓުބޯޅަ އިވެންޓްގައި ރާއްޖެއިން މިއަދު ކުޅުނު ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ރިޔޫނިއަން އައިލެންޑްސް އަތުން ބަލިވީ 4-0ގެ ނަތީޖާއަކުންންނެވެ. ދިވެހި ޓީމުގެ ފަރާތުން މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު، މުބާރާތަށް ދިޔުމުގެ ކުރިންވެސް ކޯޗު ސެގަޓް އެންމެ ބޮޑަށް ދެއްކި ވާހަކައަކީ ލީގު ނުފެށާ ހަ މަހުގެ ބްރޭކެއް ދިނުމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ބޮޑުތަނުން ދަށްވެފައިވާ ކަމުގެ ވާހަކައެވެ.

ސީޒަންގެ އޮނިގަނޑަށް އެފްއޭއެމްއިން ގެނައި ބަދަލާއެކު، ރާއްޖޭގެ ލީގު ފަށާފައި ވަނީ ޖޫން މަހުގައެވެ. އޭގެ ކުރިން ކުޅުންތެރިންނަށް ހަމަހުގެ ބްރޭކެއް ލިބިފައިވާ އިރު، މިއަހަރަކީ ގައުމީ ފުޓުބޯޅަ ޓީމަށް މުހިއްމު އަހަރަކަށްވެފައި، މިއަހަރާ ދިމާކޮށް ސީޒަނަށް ބަދަލު ގެނައުމުން އެކަމުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް އެންމެ ބޮޑު ފުރުސަތެއް އޮންނަ އައިއޯއައިޖީއަށްދާ ޓީމުވެސް ފޮނުވަން ޖެހުނީ ސީޒަން ނުފަށަނީސްކަމުން، އެންމެ އެކަށީގެންވާ ގޮތެއްގައި ސްކޮޑު ހޮވިފައިނުވާ ކަމަށްވެސް ކޯޗު ސެގަޓް ވަނީ ބުނެފައެވެ.

މިއަދުގެ މެޗަށްފަހު ކޯޗު ސެގަޓް ޕްރެސްގައި --- ފޮޓޯ/ އެމްއޯސީ މުހައްމަދު ޝަރުހާން

ޒުވާން ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ހިމަނައިގައި ގައުމީ ޓީމުން މޮރިޝަސްއަށް ދިޔަ އިރު، މުބާރާތުގެ ޝެޑިއުލް އޮންނަ ގޮތުން، ފަސް ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހެއެވެ. އެއީ ރާއްޖެއަށް ދިމާވި އެންމެ ބޮޑު ޗެލެންޖްވެސް މެއެވެ.

"ފުރަތަމަވެސް ރީޔޫނިއަންއަށް މަރުހަބާ ކިޔަން. ކުޅުންތެރިންގެ ފިޓްނަސް ހާލަތު ވަރަށް ރަނގަޅަށް ފެންނާނެ މިއަދުގެ މެޗުންވެސް. ފުރަތަމަ 30 މިނެޓް އޮތީ 0-0ގައި. ދެން ފެނުނީ ފަސޭހަ ދެގޯލް ކޮޅަށް ވަންތަން. އެންމެނަށްވެސް އެނގޭނެ، ހަ މަހަށް ދިގު ދެމިގެންދިޔަ ބްރޭކާއެކު ކުޅުންތެރިންގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށްވެފައި. ފުރަތަމަ ހާފް އަދި ދެވަނަ ހާފްގައިވެސް ފުރަތަމަ ކޮޅު ހިފެހެއްޓުނު ނަމަވެސް، ފަހުކޮޅަށް ގޮސް ޓީމު ރޫޅިގެންދަނީ،" ކޯޗު ސެގަޓް މެޗަށްފަހު ބުންޏެވެ.

ސެގަޓް ބުނީ ކުޅުންތެރިން 100 ޕަސެންޓް ދިން ނަމަވެސް، ފިޒިކަލީ ކުޅުންތެރިން ފިޓް ނުވުމުން ނަތީޖާ ނެރެވޭ ގޮތް ނުވި ކަމަށެވެ.

"މެޗުގައި ލިބުނު ދެތިން ފުރުސަތެއްވެސް. ދާދުއާއި ފޭދޫ އިއްބެއަށްވެސް ލިބުނު ބައެއް ފުރުސަތު. އެކަމަކު ރީޔޫނިއަންގެ މޮޅަށް އިހުތިރާމް ކުރަން ޖެހޭނެ. އެޓީމުގެ ކުޅުންތެރިންގެ އިސްކޮޅުން ދިގު، ދެން ހަށިގަނޑުގެ ކޮންޑިޝަން ވަރަށް ބޮޑަށްވެސް ރަނގަޅު. އެޓީމު ނުހުއްޓުވުނު. އެއީ އަހަރެމެން ޓީމުގެ ހާލަތުވެސް ހުރި ގޮތުން، ކުޅުންތެރިންގެ ފިޒިކަލް ހާލަތުވެސް ހުރި ގޮތުން. އެކަމަކު ކުޅުންތެރިން 100 ޕަސެންޓް ދިން މެޗަށް. އެކަން ގަބޫލުކުރަން. އެކަމަކު ތަންކޮޅެއް ބޮޑަށް ދޫކޮށްލެވުނު އެމީހުންނަށް، އެމީހުންގެ ސްޓައިލްގައި ކުޅެން." ސެގަޓް ބުންޏެވެ.

"ކުޅުންތެރިންގެ ހާލަތު ވަރަށް ރަނގަޅަށް އިނގޭ އައި އިރު، މުބާރާތަށް އައި އިރުވެސް އެނގޭ ކުޅުންތެރިންގެ ހާލަތު ރަނގަޅު ނޫންކަން. މާބޮޑަށް ދިގު ދެމިގެން ދިޔަ ބްރޭކަކަށްފަހު އަދި ރަނގަޅަށް ނުހޭނޭ ކުޅުންތެރިން. ފަރިތަކޮށް، މުބާރާތަށް ތައްޔާރުވާންވެސް މާބޮޑު ވަގުތެއް ނުލިބޭ،" ކޯޗު ސެގަޓް އިތުރަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Juhaa

    ހުރިހާވެސް މައްސަލައަކީ ކަލޭ. ރާއްޖޭގައި ތިބި ތަޖުރިބާހުރި މޮޅެތި ކުޅުންތެރިން ޓީމުން ބާކީކޮށްފައި ޅަކުދިންތަކެއް ގޮވައިގެން ގޮސްފައި، ކަލޭ ހީކުރީ ތިމާވަރުގެ މޮޅު މީހަކު ނެތްކަމަށް.. ކަލޭ ތިޔައީ ވަގުތުން ދިވެހިރާއްޖެއިން ބޭރުކުރަންޖެހޭ މީހެއް. މީނާގެ އެގްރިމެންޓް އުވާލުމަށް އެފް.އޭ.އެމަށް ގޮވާލަން.

    6
    16
  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިހުރިހާ ކަމެއް އެނގޭއިރު ކީއްކުރަންތަ ބޭކާރު ލާރިތަކެއް ދުއްވާލަން ތިދަނީކީ. މިމީހުން ބަލިވާއިރަށް މިދަމާ ހާސަރަކުން ބޮލާނުފުރުއްޕާންވާނެ ކޮންމެފަހަރަކު.

    10
    1
  3. ހިސެން

    ރަނގަޅު އެއްގޮތެއްވެސް ނެތް. ސީޒަންފަށާފަ އޮތީޔާ ބުނާނެ ސީޒަން މެޗްތައް ކުޅެމުން މުބާރާތައް އަންނަންވީމަ ރެސްޓް ނުލިބޭތީ ކުޅުންތެރިން ވަރުބަލިވަނީޔޭ. މިހާރު ނުކުޅެތިބޭތީ ފިޓްނޫނީޔޭ. ބަލަގަ ތިމުބާރާތް އައީ ދުރާލާ ވަކިދުވަހެއް ނޭގި އީދުވަހުގެ ހަނދުފެންނަ އުސޫލުންތަ. ސީޒަން ނުފެށުނަސް ކޮންމެ ދުވަހު ކޯޗައް ޓީމުގޮވައިގެން ގޮސް ޕްރެކްޓިސްކޮއް ފިޓްނަސް ރަނގަޅު ކުރަން ދުވަސް ލިބުނެއްނު.