އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސީގައި މިރޭ ކުޅުނު މެޗުގައި މަރަދޫ ފޭދޫ ބަލިކޮށް، ސްޕްރިންޓުން ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗު 2-1ގެ ނަތީޖާއަކުން ސްޕްރިންޓުން ކާމިޔާބުކުރި އިރު، އެޓީމަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ދެޓީމަށްވެސް ކުއާޓާގެ ފުރުސަތު އޮތީ ފަހިކޮށެެވެ. މަރަދޫ ފޭދޫއަށް މެޗު އެއްވަރު ކޮށްލައިގެންވެސް ކުއާޓާއަށް ދެވެން އޮތް އިރު، ސްޕްރިންޓަށް އޮތީ މޮޅެއް ހޯދުމެވެ.

ސްޕްރިންޓާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގައި ވަރުގަދަކޮށް ފެށީ އެފްސީ ސްޕްރިންޓުންނެވެ. މުބާރާތުގައި އެޓީމުން މިހާތަނަށް ކުޅުނު ދެމެޗުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އައި އިސްމާއީލް މުނީޒްގެ ނުރައްކާ މެޗުގެ ކުރީކޮޅުގައި ފާހަގަކޮށްލެވު އިރު، ސްޕްރިންޓުން ފުރަތަމަ ކޮޅު ލީޑު ނެގުމާ ގާތަށްވެސް ޖެހިލިއެވެ. މުނީޒަށް ލިބުނު ހުސް ދެ ފުރުސަތެއް އޭނާ ނަގާލި އިރު، ބާރު ދެ ހަމަލާއެއް ވަނީ ގޯލް ކީޕަރުވެސް ދިފާއު ކޮށްފައެވެ.

ސްޕްރިންޓްގެ އަބްދުﷲ ރާއިޒް ފޮނުވާލި ބާރު ހަމަލާއެއް މުނީޒް ރޮނގުމަތީގައި ހުއްޓާ އޭނާގެ ފައިގައި ޖެހި ހުރަސް ދަނޑިއަށް އަމާޒުވެ ދިޔައީ ބޭރަށެވެ. އޭގެފަހުން ރާއިޒަށް ހުސްކޮށް ލިބުނު ފުރުސަތުވެސް އޭނާ ނަގާލި އިރު، އެންމެފަހުން ސްޕްރިންޓަށް ލީޑު ނަގައިދިނީ މުނީޒެވެ. އޭނާ ކުރިއަށް ޖެހި ފޮނުވާލި ބޯޅަ ގޯލަށް ވަނީ ގޯލްކީޕަރު ފައިގައި ޖެހިފަ، ކެހިގެންނެވެ.

ބޯ ވާރޭގައި ކުޅެމުންދިޔަ މެޗުގެ ފުރަތަމަ ހާފްގެ ފަހުކޮޅުގައި މަރަދޫ ފޭދޫން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް، ގޯލްކީޕަރު ވަނީ ސްޕްރިންޓް ސަލާމަތް ކޮށްދީފައެވެ.

ދެވަނަ ހާފަށް ނުކެމެ މަރަދޫ ފޭދޫން ފެނުނީ އިތުރު ހިތްވަރަކާއެކު ކުޅެމުންދިޔަތަނެވެ. އެޓޭކަށް ޖެހި، މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް މަރަދޫ ފޭދޫން ބޮޑެތި މަސައްކަތްތަކެއް ކުރި އިރު، އެޓީމުގެ ނުރައްކާތެރި ދެ ހަމަލާއެއް ސްޕްރިންޓްގެ ގޯލްކީޕަރު ދިފާއުކުރިއެވެ. އަނެއްކޮޅުން ސްޕްރިންޓުން އުފެއްދި ކައުންޓާ އެޓޭކް ހަަލާއެއްގައި އެޓީމުން ލީޑު ފުޅާވެސް ކުރިއެވެ.

ރާއިޒްގެ ގޯލާއެކު ސްޕްރިންޓުން ލީޑު ފުޅާކޮށް، އިތުރު ހިތްވަރަކާއެކު ކުޅެން ފެށިއެވެ، އޭގެ މިނެޓެއްފަހުން މުނީޒްގެ ބާރު ހަމަލާއެއް މަރަދޫ ފޭދޫ ގޯލްކީޕަރު ދިފާއުކުރިއެވެ. މެޗުގެ ފަހު ކޮޅުގައި މަރަދޫ ފޭދޫން ގިނަ ހަމަލާތަކެއް އުފެއްދި އިރު، މެޗުގެ "ހީރޯ"އަކަށްވީ ސްޕްރިންޓްގެ ގޯލްކީޕަރު އިބްރާހީމް އައްސަދެވެ. ދަނޑު ތެމި އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް، ގޯލްކީޕަރު އައްސަދު ވަނީ އުނދަގޫ މޮޅު ސޭވްތަކެއް ކޮށްފައެވެ.

ސްޕްރިންޓާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގެ ފަހު ތިން މިނެޓް ތެރޭގައި މަރަދޫ ފޭދޫގެ ހުސައިން ފަހުމީ ގޯލެއް ޖަހާ، އެޓީމަށް އުންމީދެއް ގެނެސްދިން ނަމަވެސް، ބަލިވެގެން ދިޔައީ ހިތްދަތިކޮށެވެ. މަރަދޫ ފޭދޫން މެޗުގައި ހިތްވަރު ކުރި ނަމަވެސް، ކަޓައިގެން ދިޔުމާއެކު ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ތިއްބައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕްރިންޓް ގޯލްކީޕަރު އައްސަދެވެ.

ސްޕްރިންޓާއި މަރަދޫ ފޭދޫ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުން ބަލިވުމުން ކުއާޓާގެ ފުރުސަތަކަށް ބަލަން ޖެހޭނީ މިރޭގެ ފަހު މެޗަކަށެވެ. މަރަދޫ ފޭދޫއަށް ކުއާޓާގެ އުންމީދެއް އޮތީ މޯލްޑިވިއަން ބަލިވެގެންނެވެ. މޯލްޑިވިއަންއިން މާދަމާ ރޭ ނުކުންނާނީ ޔުނައިޓެޑް ސްޕްރިންޓާ ދެކޮޅަށެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.