އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ "ގްރޫޕް ޑީ"ގައި މިރޭ ކުޅުނު މެޗުގައި އެފްސީ ޒެފިއާ ބަލިކޮށް، ޒެލޯންއިން ކުއާޓާގެ ޖާގަ ޔަގީން ކޮށްފިއެވެ.

މިރޭ ކުޅުނު ފޯރިގަދަ މެޗު ޒެލޯންއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗު ފެނިގެން ދިޔައީ އިންތިހާއަށް ފޯރިގަދަ މެޗެއްގެ ގޮތުގައެވެ. ދެކޮޅަށްވެސް ހަމަލާތައް ގިނަކޮށް ފެނިގެންދިޔަ އިރު، ކުއާޓާއަށް ދިޔުމަށް ދެޓީމުންވެސް އިތުރު ހިތްވަރަކާއެކު ކުޅެމުންދިޔަތަން ފެނުނެވެ. މިއަދާ މިރޭ އައްޑުއަށް ވެހެންމުން ދިޔަ ބޯ ވާރެއާއެކު ދަނޑު ތެމިފައި އޮތް އިރު، މެޗުގެ ޓެމްޕޯ ފެނުނީ އަވަސް ކޮށެވެ.

ޒެލޯންއާއި ޒެފިއާ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

މި މެޗަށް ވާރޭ ހުއްޓާލާފައި އޮތް އިރު، ފުރަތަމަ ކޮޅުގައި ޒެފިއާގެ މަޖުދާން ސޯލިހާއި މުހައްމަދު އިންޝާލްގެ ހަމަލާތައް ފާހަގަ ކޮށްލެވުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ޒެލޯންގެ ގޯލްކީޕަރެވެ. އަނެއްކޮޅުން ޒެލޯންގެ އެންމެ ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނީ ހުސައިން އައިކެވެ. މިހާތަނަށް މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އައިކްގެ ބާރު ދެ ހަމަލާއެއް ޒެފިއާގެ ގޯލްކީޕަރު ދިފާއުވެސް ކުރި އިރު، އޭނާގެ ހަމަލާއެއް ގޯލް ރޮނގުމަތީގައި ހުރި އަމިއްލަ ޓީމުގެ ކުޅުންތެރިއެއް ފައިގައި ޖެހިގެންވެސް ބޭރު ވެފައިވެއެވެ.

ހާފްގެ ފަހުކޮޅުގައި އިންޝާލްއަށް ލިބުނު ފުރުސަތުގައި އޭނާއަށް ފޮނުވާލަން ލިބުނު ހަމަލާ ސީދާ ގޯލްކީޕަރު އަތަށް ދިޔަ އިރު، އަނެއްކޮޅުން އަލީ އަޖުފާން ފޮނުވާލި ހަމަލާ ހުޝިޔާރު ކަމާއެކު މަތަކޮށް ބޭރު ކޮށްލީ ޒެފިއާގެ ގޯލްކީޕަރު މުހައްމަދު އަޝްވާންއެވެ.

ދެވަނަ ހާފް ފެށިގެންވެސް ހަމަލާތައް ފުލުފުލުގައި ފެނުނެވެ. ޒެފިއާގެ އިބްރާހީމް ސައީދު ފޮނުވާލި ހަމަލާ ޒެލޯންގެ ގޯލްކީޕަރު އަތުގައި ޖެހިފައި ގޮސް ގޯލްގެ އަރިމަތީ ދަނޑީގައި ޖެހިފައިވެސް ނުކުތީ ބޭރަށެވެ. ފަހު 10 ވަރަކަށް މިނެޓް ހިނގިތަނާ ޒެފީއަށް އިތުރު ހިތްވަރެއް ލިބުނީ ޒެލޯންގެ ގޯލްކީޕަރު ހުސައިން ނިސާލްއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

އޭރިއާ ބޭރަށް ނުކުމެ ގޯލްކީޕަރު ކުރި ޓެކުލަށް ރެފްރީ ސީދާ ރަތްކާޑު ދެއްކި އިރު، ބަދަލުގައި ގޯލްކީޕަރަށް އެރީ ކުޅުންތެރިޔާ ހުސައިން ލައުހެވެ. ރަތްކާޑާއެކު ދެމިނެޓް ވަންދެން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޒެލޯންއިން އެވަގުތުކޮޅުގައި ޑިފެންސް ކުރި އިރު، ޒެފިއާއަށް އެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. ފަހުކޮޅުގައި ޒެލޯންއިން ވަރުގަދައަށް ކުޅެ، ހަމަލާތައްވެސް އުފެއްދި އިރު، އެންމެފަހުން އެޓީމުން ލީޑުވެސް ނެގިއެވެ.

ޒެލޯންއާއި ޒެފިއާ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

ހަނި ދޭތެރެއަކުން އުފެއްދި ހަމަލާ ގޯލަށް ވައްދާލީ އަހުމަދު އަޒްމީލްއެވެ. އޭގެފަހުންވެސް ހިތްވަރާއެކު ކުޅުނީ ޒެލޯންއިންނެވެ. މޮޅު ކުޅުމެއް ދައްކަމުންދިޔަ އައިކް ލީޑު ފުޅާވެސް ކޮށްދިނެވެ. އަރިމަތިން އަރާ އައިކް، ވަރަށް ބަލާލާފައި ފޮނުވާލި ބޯޅަ ގޯލަށްވަނީ ތިރިތިރިން ގޮސް އަރިމަތީ ދަނޑީގައިވެސް ޖެހިފައެވެ.

މެޗުން މޮޅުވެ ޒެލޯންއިން ކުއާޓާ ފައިނަލްގެ ޖާގަ ޔަގީންކުރީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އުސްގަނޑަ އޮތީ ދެމެޗުން ހަ ޕޮއިންޓް ހޯދާ ފައިދާ ގޯލްގެ ތަފާތުންނެވެ. އުސްގަނޑުން އެ ގްރޫޕްގެ ފަހު މެޗުގައި ނުކުންނާނީ މޮޅެއް ނުލިބި ކަޓާފައި އޮތް މައިލޯ ސިޓީއާ ދެކޮޅަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އައިކްއަށް އާގަލައިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި "ވަގުތު"ގެ ފަރާތުން ހަދިޔާ ކުރި ޓްރޮފީ ހަދިޔާކޮށްދިނީ ވަގުތުގެ މާކެޓިން ހެޑް ޒަހީން އަބްދުﷲއެވެ.

ޒެލޯންއާއި ޒެފިއާ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަލަ

    މިހާރު އަންހެނުންނާއި ފިރިހެނުން އެކުގައި ރާއްޖޭގައިވެސް ފުޓުބޯޅަ ކުޅުން ހުއްދަކުރީތަ؟

  2. އ. ޖ. އ

    ވަރަށް ފޫހި މުބާރާތެއް.. ނޯ ފޯރި