އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް އޭގެ ފަހު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބޭރުމަތިން ކުޅުނު ފަހު މެޗުގައި އަލީ ހާފިޒް (ހާއްޕެ) ކާމިޔާބު ކޮށްދިން ހެޓްރިކާއެކު ބޭރުމަތިން ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި މިރޭ ކުޅުނު މެޗުން ބޭރުމަތި މޮޅުވީ 8-1ގެ ނަތީޖާއަކުންނެވެ.

ހީކުރި ގޮތަށް، މެޗު ޑޮމިނޭޓްކޮށް، ވަރުގަދަކޮށް ކުޅެމުންދިޔައީ ބޭރުމަތިންނެވެ. އެޓީމުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔަ އިރު، ވިނިންފައިވްއަށް ފުރަތަމަ ހާފްގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ވިނިންފައިވްގެ ހާފް ތެރޭގައި ބޭރުމަތިން ބޯޅަ ގެންގުޅެ، މެޗު އެއްކޮށް ކޮންޓްރޯލް ކުރަމުންދިޔަ ކުރީކޮޅުގައި އަލީ ހާފިޒް (ހާއްޕެ)ގެ ހިތްގައިމު ގޯލާއެކު އެޓީމުން ވަނީ ލީޑުވެސް ނަގާފައެވެ.

ބޭރުމައްޗާއި ވިނިން ފައިވް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް /އިބްރާހީމް ޝާބިލް

މެޗުގެ ދެވަނަ ގޯލް، ގިނައިރުތަކެއް ނުވެ ބޭރުމަތިން ކާމިޔާބު ކުރި އިރު، އެ ގޯލަކީ އަލީ ފަހުމީ ކާމިޔާބު ކޮށްދިން ގޯލެކެވެ. ފުރަތަމަ ހާފްގައިވެސް ހާއްޕެއާއި އިބްރާހީމް އަސްވާދު (ގަބޭ)ގެ އިތުރު ހަމަލާތައް ފެނުނު އިރު، އެ ހަމަލާތައް މަތަކޮށް، ތަފާތު ކުޑަކޮށް ހާފް ނިންމާލުމަށް އެހީތެރިވެދިނީ ވިނިން ފައިވްގެ ގޯލްކީޕަރު މުހައްމަދު ޒަޔާންއެވެ.

ޒަޔާންގެ މޮޅު ސޭވްތަކާ އެކުވެސް ބޭރުމަތިން ލީޑު 3-0އަކަށް ބަދަލުކޮށްލިއެވެ. އެޓީމަށް ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ މޫސާ ވަހީދެވެ. ގަބޭގެ ރީތި ޕާސް، މޫސަ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ. ފުރަތަމަ ހާފްގައި ވިނިން ފައިވްއިން އުފެއްދި ފުރަތަމަ ހަަލާގައި އެޓީމުން ގޯލެއްވެސް ޖެހިއެވެ. އަރިމަތިން ކުރިއަށް ޖެހި ނަގައިދިން ހުރަސް ގޯލަށްވަނީ ބޭރުމަތީގެ ޑިފެންޑަރު ހުސައިން ގައްސާން ލަބީބްގެ ގައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.

ބޭރުމައްޗާއި ވިނިން ފައިވް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް /އިބްރާހީމް ޝާބިލް

"ވަގުތު" ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު، ބޭރުމަތިން މިފަހަރުގެ މުބާރާތަށް ތަށި މިލްކް ކުރަން ނުކުތް އިރު، އެޓީމުން ފެނިގެންދަނީ ތަރިންނާއެކުއެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވޭ ހާއްޕެއާއި ގަބޭވެސް އޭގެ ތެރޭގައި ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފް ފެށިގެންވެސް ބޭރުމަތީގެ އެޓޭކްތަކަކަށް ހުއްޓުމެއް ނެތެވެއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔައެވެ. ހާފްގެ ކުރީކޮޅުގައި ފަހުމީގެ އިތުރު ގޯލަކާއެކު ބޭރުމަތިން ހަތަރުވަނަ ގޯލެއްވެސް ޖެހި އިރު، އޭގެފަހުން އުފެއްދި ނުރައްކާތެރި ތިން ހަމަލާއެއް މަތަކޮށް ބޭރުކޮށްލީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވިނިން ފައިވްގެ ގޯލްކީޕަރު ޒަޔާންއެވެ.

މެޗުގެ ފަހު ހަތްވަރަކަށް މިނެޓް ތެރޭގައިވެސް ބޭރުމަތިން އިތުރު ގޯލްތަކެއްވެސް ޖެހިއެވެ. ހާއްޕެއާއި ހުސައިން މިފްރާހް ގޯލްތައް ޖެހި އިރު، ހާއްޕެ މަސައްކަތް ކުރީ ހެޓްރިކް ފުރިހަމަ ކުރުމަށެވެ. ދުރުން ފޮނުވާލި ދެ ހަމަލާވެސް ޒަޔާން މަތަކޮށް ބޭރުކޮށްލި އިރު، ހެޓްރިކް ފުރިހަމަ ކުރީ ކައިރިން ފަސޭހަކަމާއެކު ޖެހި ގޯލަކުންނެވެ.

މެޗު ނިމެން ދަނިކޮށް ބޭރުމަތިން އަށްވަނަ ގޯލެއްވެސް ކާމިޔާބު ކުރިއެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ އިބްރާހީމް ސާމީއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހާއްޕެއަށް އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓް އަދި "ވަގުތު"ގެ ޓްރޮފީ ހަވާލުކޮށްދެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ.

ބޭރުމައްޗާއި ވިނިން ފައިވް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް /އިބްރާހީމް ޝާބިލް

ގްރޫޕް އޭގެ ކުޅުން ނިމިފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ބޭރުމައްޗަށް ލިބުނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުންވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު ފައިދާ 19 ގޯލާވެސް އެކުގައެވެ. ގްރޫޕްގެ ދެވަނަ، ނެކްސަސްއަށް ލިބިފައި ވަނީ ހަ ޕޮއިންޓާއެކު ފައިދާ 12 ގޯލާވެސް އެކުގައެވެ. އެ ގްރޫޕުން އަލް ވަދާއުކިޔަން ޖެހުނީ އެފްސީ މޫލެކެޑެއާއި ވިނިން ފައިވްއެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މާދަމާ ރޭ އޮންނާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

20:30 ވަން އެންޑް އޮންލީ ރީތިރަށް - ޑިސީ ސްޕޯޓްސް

21:30 މޯލްޑިވިއަން - ޔުނައިޓެޑް ސްޕްރިންޓް

22:30 އެފްސީ އުސްގަނޑަ - މައިލޯ ސިޓީ އެފްސީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ. ޖ. އ

    ވަރަށް ފޫހި މުބާރާތެއް.. ނޯ ފޯރި.. ހާއްޕެ އަކީ ކިންގް އޮފް ސްލޯ މޯށަން