ސިރި އޭގައި ކުޅެމުން އަންނަ އޭސީ މިލާން އިން އަނެއްކާވެސް ރެއަލް މެޑްރިޑުގެ ލޫކާ މޮޑްރިޗް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

2018 ވަނަ އަހަރުގެ ބެލޯންޑިއޯ ވެސް ހޯދާފައިވާ މޮޑްރިޗް ހޯދުމަށް ކްލަބު ތަކުން މަސައްކަތް ކުރި ނަމަވެސް، އޭނާ ބުނެފައި ވަނީ ރެއަލް މެޑްރިޑު ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އެ ކްލަބުގެ ކޯޗު ޒައިނެއްދީން ޒިދާން ބައެއް ކުޅުންތެރިން ވިއްކަމުން އައި ނަމަވެސް މޮޑްރިޗް ނުވިއްކާނޭ ކަމަށް ސްޕެއިންގެ މަރުކާ އިން ރިޕޯޓު ކުރެއެވެ.

މޮޑްރިޗް ރެއަލް އާއި އެކު ހަދާފައިވާ ކޮންޓްރެކުގައި ބާކީ އަދި 2 އަހަރު އޮތް އިރު، ފާއިތު ވެދިޔަ 3 ޓްރާންސްފާ މާކެޓުގައިވެސް އޭސީ މިލާނުން ވަނީ މޮޑްރިޗް ހޯދުމަށް މަސައްކަތް ކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

މިލާންގެ ބޯޑު މެމްބަރުންގެ މެދުގައި މޮޑްރިޗް ގަތުމާއި މެދު ހިޔާލު ތަފާތުވުން ތަކެއް ހުރި އިރު، އެއް ބަޔަކު ބުނަމުން އަންނަނީ ޑިސެމްބަރު މަހު 34 އަހަރު ފުރޭ ކުޅުންތެރިޔަކު މިހާރު ކިތަންމެ މޮޅަސް، ބޮޑު މުސާރަ އެއް ދީފައި 3،4 އަހަރަށް އެ ކްލަބަށް ގެނައުން އެއީ ވަރަށް ބޮޑު ރިސްކެއް ކަމަށެވެ.

މި ސީޒަނުގައި ސިރި އޭ ތަވާލްގެ 5 ވަނާގައި ނިންމައިލި އޭސީ މިލާން އަށް މޮޑްރިޗް ދިއުމަކީ ކައިރި މުސްތަގުބަލެއްގައި ވާނޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ.