އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅުނު ގްރޫޕް ބީގެ ފަހު މެޗުގައި ޑީސީ ސްޕޯޓްސް ކްލަބު ކައިރިން ބަލިވެ، ވަން އެންޑް އޮންލީ ރީތި ރަށަށް ގްރޫޕްގެ އެއްވަނަ މަގާމު ގެއްލިއްޖެއެވެ.

މިރޭ ކުޅުނު މެޗުން ޑީސީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗު ފެށި އިރުވެސް ރީތި ރަށަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފައެވެ. އެޓީމަށް މިރޭގެ މެޗު މުހިއްމުވީ ގްރޫޕްގެ އެއްވަނަ ހޯދުމަށެވެ. މެޗަށް ނުކުތް އިރު، ޑީސީ ކަޓާފައި އޮތް ނަމަވެސް އެޓީމުން މަސައްކަތް ކުރީ މޮޅެއް ހޯދައިގެން މުބާރާތުން ދިޔުމަށެވެ. އެ ގްރޫޕްގެ ދެވަނައިގައި ހޯދަޑު ސްޕޯޓްސް އޮތް އިރު، މި ގްރޫޕްގެ ޓީމުތައް ކުއާޓާގައި ކުޅެން ޖެހޭނީ ގްރޫޕް ޑީގެ ޓީމުތަކާ ދެކޮޅަށެވެ.

ރީތި ރަށާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގެ ފުރަތަމަ ހާފްވެސް ފެނިގެންދިޔައީ ހަމަލާތައް ގިނަ، ހާފެއްގެ ގޮތުގައެވެ. ކުރީކޮޅުގައި ރީތި ރަށުން ހަމަލާތައް އުފެއްދި އިރު، އާދަމް ލަރީފް (ރޮނާ)ގެ ބާރު ދެ ހަމަލާއެއް ފެނުނެވެ. އެ ދެ ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ޑީސީގެ ގޯލްކީޕަރެވެ. އޭގެފަހުން ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ހަމީދު ފޮނުވާލި ހަމަލާ ފާރުގައި ޖެހި ރީބައުންސްއަށް ލިބުނު އިރު، އެ ފުރުސަތުގައި މުހައްމަދު ދާނިޝްއަށް ލިބުނު ހަމަލާ ދިޔައީ މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ރީތި ރަށަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރުމުން ޑީސީން ފުރަތަމަ ހާފްގެ ފަހުކޮޅުގައި ހަމަލާތައް އުފެއްދިއެވެ. އެ ހަމަލާތައް ދެވަނަ ހާފްގައިވެސް އުފައްދާ ހާފްގެ ކުރީކޮޅުފައި ޑީސީން ލީޑުވެސް ނެގިއެވެ. ޑީސީއަށް ލީޑު ނަގައިދިނީ އަހުމަދު ތޮލާލެވެ. ތޮލާލުގެ ގޯލާއެކު ރީތި ރަށަށް ގްރޫޕްގެ އެއްވަނަ ގެއްލުމުގެ ބިރު ހީވި އިރު، އެޓީމުން ކުރިއަށް ޖެހުނެވެ.

އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ހަމަލާތައް އުފެއްދީ ޓީސީންނެވެ. ޑީސީން ކައުންޓާ އެޓޭކްގައި އުފެއްދި ހަމަލާއެއްގައި ލީޑު ފުޅާވެސް ކުރި އިރު، އެ ގޯލަކީ ރޮނާ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ އިރުކޮޅެއްފަހުން ރީތި ރަށުގެ ދާނިޝް ގޯލެއް ނެގި ނަމަވެސް، އަނެއްކާވެސް ޑީސީން އިތުރު ގޯލެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ.

ރީތި ރަށާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ޑީސީގެ ފަހު ގޯލް މޫސާ އަތޫން ޖެހި އިރު، މެޗުގައި މޮޅު ކުޅުމެއް ދެއްކީ ޑީސީގެ ގޯލްކީޕަރު މިފްދާދު އަހުމަދެވެ. އޭނާ ވަނީ ރީތި ރަށުގެ ފަރާތުން އުފެއްދި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށް ބޭރުކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައި ވަނީ ޑީސީގެ ގޯލްކީޕަރެވެ.

މޮޅު ކުޅުންތެރިޔާއަށް އާގަލާގެ ފަރާތުން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި "ވަގުތު"ގެ ފަރާތުން ހުށަހަޅާ ޓްރޮފީ ހަވާލުކޮށްދެއްވީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާޝިޔަތު މުހައްމަދު ދީދީއެވެ.

ގްރޫޕް ބީގެ މެޗުތައް ނިމިފައިވާ އިރު، އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ހޯދަޑު ސްޕޯޓްސްއެވެ. ރީތި ރަށާ ހޯދަޑަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ހޯދަޑުން ވަނީ ފައިދާ ހަތަރު ގޯލް ހޯދާފައެވެ. ރީތި ރަށަށް ހަ ޕޮއިންޓާއެކު ލިބެނީ ފައިދާ ތިން ގޯލެވެ.

ރީތި ރަށާއި ޑީސީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.