މި ސީޒަނަށްފަހު އިސްކޯ ރެއާލް މެޑްރިޑް ދޫކޮށްލަން އުޅޭ ވާހަކަތަށް އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ދޮގުކޮށްފިއެވެ.

އިސްކޯ ރެއާލް ދޫކޮށްލަން އުޅޭކަމުގެ ވާހަކަތައް ގަދަވެފައިވަނީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކުރާ އިތުބާރު ރެއާލް މެޑްރިޑުގައި އަދިވެސް އޭނާ އަށް ހާސިލުނުވާ ކަމަށް ބުނެ އިސްކޯ ދާދިފަހުން ވާހަކަތަކެއް ދައްކާފައިވަނިކޮށެވެ.

އެންމެފަހުން ސްޕެއިންގެ ގައުމީ ޓީމުން ކުޅުނު މެޗުގައި އިސްކޯ ހެޓްރިކެއް ހަދާފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އޭނާ ގެނައުމަށް މެންޗެސްޓަރ ސިޓީ އިން ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

މި ވާހަކަތަކާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ޒިދާން ބުނީ އިސްކޯ އަކީ ރެއާލް އަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާ ދައްކަމުންދާ ކުޅުމާއި މެދު ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އިސްކޯ އަކީ ރެއާލްގެ ކުޅުންތެރިއެއް. އޭނާ ހުންނާނީ ވެސް މި ކްލަބުގައި. ކުޅުމުގެ ފުރުސަތު ގިނައިން ނުލިބުމަކީ އިސްކޯގެ ކުށެއް ނޫން. އިސްކޯ އަކީ ކުޅެން އަރާ ކޮންމެ މެޗެއްގައި ވެސް 100 ޕަސެންޓް ދޭ ކުޅުންތެރިއެއް" ޒިދާން ބުންޏެވެ.

އިސްކޯ އާއި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ބައެއް ފަހަރު ކަންތައްތައް ރަނގަޅަށް ދާ ފަހަރާއި ނުދާ ފަހަރު ވެސް އަންނާނެކަން ގަބޫލުކުރަން ވާނެ ކަމަށް ވެސް ޒިދާން ބުންޏެވެ.

"25 ކުޅުންތެރިން ތިބޭއިރު ދަނޑު މައްޗަށް ކުޅެން އެރޭނީ 11 ކުޅުންތެރިންނަށް. އިސްކޯ އަކީ ރެއާލް އަށް މުހިއްމު ކުޅުންތެރިއެއް. މިކަން އަބަދުވެސް އޮންނާނީ މިގޮތަށް" ޒިދާން ބުންޏެވެ.

2013 ވަނަ އަހަރު ރެއާލް އާއި ގުޅުނު އިސްކޯ ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ހަތަރު އަހަރު އެބައޮތެވެ.