ޖަލުގައި ކުޅުނު މެޗެއްގައި އަނިޔާވި ކަމަށް ބުނާ ވާހަކަތައް ބޮކަ ޖޫނިއާސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ކާލޯސް ޓެވޭޒް ދޮގުކޮށްފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ޓެވޭޒް ޖަލަށް ދިޔައީ އޭނާގެ ކޮއްކޮ އާއި ބައްދަލުކުރުމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ގައިދީންނަށް ކުޅެން ހާއްސަކޮށްފައިވާ ދަނޑެއްގައި ޓެވޭޒް މެޗެއް ކުޅުނު ކަމަށާއި ޓެވޭޒްގެ ފަޔަށް އަނިޔާވެފައިވަނީ އެ މެޗުގެ ތެރެއިން ކަމަށް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް މި ވާހަކަތައް ދޮގުކުރަމުން ޓެވޭޒް ބުނީ އޭނާ އަށް އަނިޔާވީ ޖިމުގައި ވޯކް އައުޓެއް ކުރިއަށް ގެންދަނިކޮށް ކަމަށާއި އޭނާ ދައްކާ ވާހަކަ ބައެއް ފަރާތްތަކުން ގަބޫލުނުކުރާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށެވެ.

"މިދިޔަ ބުދަ ދުވަހުގެ ހެނދުނު، ޖިމްގައި ވޯކް އައުޓެއް ހަދަމުންދަނިކޮށް ފަޔަށް ތަދެއް އަރަން ފެށި. ތަދެއް އެރުމުން ފައިގައި ޓޭޕް އަޅައިގެން ކުރިއެރުމަށް ލިބޭތޯ ވެސް އަހަރެން ބެލިން. އެކަމަކު ކުރިއެރުމެއް ނުލިބުމުން ޓެސްޓުތަކެއް ހެދީ. ޓެސްޓުތަކުން ފަޔަށް ލިބުނު އަނިޔާ އެނގިގެން ދިޔައީ ވެސް" ޓެވޭޒް ބުންޏެވެ.

ޓެވޭޒް ބުނީ އޭނާ އަބަދުވެސް ވާހަކަ ދައްކާނީ ތެދަށް ކަމަށާއި ޖަލަށް ގޮސް ކުޅިވަރު ކުޅެން އޭނާ އަކީ މޮޔައެއް ނޫން ކަމަށެވެ. އަދި މީހުން ދައްކާ މިފަދަ ދޮގު ވާހަކަތަކުގެ ސަބަބުން އޭނާ އިތުރަށް ވާނީ ވަރުގަދަ ކަމަށްވެސް ޓެވޭޒް ބުންޏެވެ.

"މީހުން ދައްކާ މިފަދަ ވާހަކަތަކަށް ރައްދު ދޭކަށް އަހަރެން ބޭނުމެއް ވެސް ނުވޭ. އަހަރެން ބޭނުން ވަނީ ދަނޑު މަތީގައި ކުރަންޖެހޭ ކަންކަން ވީހާވެސް ރަނގަޅަކަށް ފުރިހަމަކުރަން" ޓެވޭޒް ބުންޏެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ އަދި ޔުވެންޓަސް އަށް ވެސް ކުޅެފައިވާ ޓެވޭޒް އަންނަނީ މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕަށްދާ އާޖެންޓީނާ ގައުމީ ޓީމުން ފުރުސަތު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޓެވޭޒް ވަނީ މި ސީޒަނުގައި ބޮކަ ޖޫނިއާސް އަށް ކުޅެދިން އަށް މެޗުގައި ތިން ގޯލު ކާމިޔާބުކޮށްފައެވެ.