އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގައި ޔުނައިޓެޑް ސްޕްރިންޓް ކޮޅަށް 16 ގޯލް ޖަހާ މޯލްޑިވިއަންއިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭގެ މެޗުގައި މޯލްޑިވިއަންގެ ހުޒައިފަތު ރަޝީދު ނުވަ ގޯލް ޖެހި އިރު، މޯލްޑިވިއަންއިން މެޗުން މޮޅުވީ 16-1ގެ ނަތީޖާއަކުންނެވެ.

މެޗަށް ނުކުތް އިރުވެސް ޔުނައިޓެޑް ސްޕްރިންޓް އޮތީ ކަޓާފައެވެ. ކުޅުނު ދެ މެޗުންވެސް ބަލިވެ، ކޮޅަށް 15 ގޯލް ވަދެފައި އޮތް އިރު، މޯލްޑިވިއަންއަށް މިރޭގެ މެޗުން ތިން ޕޮއިންޓް މުހިއްމެވެ. ހަތަރު ޕޮއިންޓާއެކު މިރޭގެ މެޗަށް މޯލްޑިވިއަން ނުކުތް އިރު، މިރޭގެ މެޗުން ތިން ޕޮއިންޓާއެކު އެޓީމަށް ގްރޫޕްގެ އެއްވަނަ ޔަގީން ކުރެވޭނެއެވެ.

މޯލްޑިވިއަންއާއި ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން ---- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މޯލްޑިވިއަންއިން މިފަހަރުގެ މުބާރާތަށް ވަރުގަދަކޮށް ނުކުތް އިރު، އެޓީމުން މިރޭގެ މެޗުގައި ވަނީ ފެންވަރު ދައްކާލައިފައެވެ. ފުރަތަމަ މިނެޓުގައި ޖެހި ގޯލާއެކު ވަރުގަދަކޮށް ފެށި އިރު، ފުރަތަމަ މިނެޓްގައި ގޯލް ޖަހައިދިނީ އިބްރާހީމް މުބީން (މުއްކި)އެވެ. މުއްކިގެ ގޯލާއެކު ޔުނައިޓެޑް ސްޕްރިންޓް ފެނުނީ ހިތްވަރު އެލި، ވަނދު ކުޅުމެއް ކުޅެމުންދިޔަތަނެވެ.

ޔުނައިޓެޑް ސްޕްރިންޓަށް މޯލްޑިވިއަން ހިފެހެއްޓުމަށް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ އިރު، ފުރަތަމަ ހާފް ނިމިގެން ދިޔައީ މޯލްޑިވިއަންއިން 8-0ގެ ލީޑަކާއެކުގައެވެ. މޯލްޑިވިއަންގެ ކުރިން މޮޅަށް ކުޅުނު ހުޒައިފަތު ރަޝީދު ފުރަތަމަ ހާފްގައިވެސް ހަތަރު ގޯލް ޖެހި އިރު، މެޗުގައި އޭނާއާއި މުއްކިގެ ރީތި ޕާސްތަކެއް ފެނިގެންދިޔައެވެ.

ފުރަތަމަ ހާފްގައި މުއްކިގެ ދެ ގޯލާއެކު އަހުމަދު ސައީދު (އަންމަޓީ)ގެ ގޯލެއްވެސް ފެނިގެންދިޔަ އިރު، އަންމަޓީއަކީ 2008 ވަނަ އަހަރު ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދައިދިން ޓީމުގައިވެސް ވިދާލި ކުޅުންތެރިއެކެވެ. ޔުނައިޓެޑް ސްޕްރިންޓްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށްވެސް ފުރަތަމަ ހާފްގައި ގޯލެއް ވަން އިރު، ދެވަނަ ހާފް ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައިވެސް އަނެއްކާވެސް ހުޒައިފަތުގެ ގޯލެއް ފެނިގެންދިޔައެވެ.

މޯލްޑިވިއަންއާއި ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން ---- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ހުޒައިފަތުގެ ފަސްވަނަ ގޯލާއެކު މޯލްޑިވިއަން ނުވަ ގޯލް ހަމަކުރި އިރު، ދެން ފެނުނީ ޔުނައިޓެޑް ސްޕްރިންޓްގެ ގޯލެކެވެ. މޯލްޑިވިއަންއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް، އުފެއްދި ކައުންޓާ އެޓޭކެއްގައި ޔުނައިޓެޑް ސްޕްރިންޓުން މުބާރާތުގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ އާދާމް ޒާހިރެވެ.

އެ ގޯލަށްފަހު އަނެއްލާވެސް ފެނިގެން ދިޔައީ ފުލުފުލުގައި މޯލްޑިވިއަންއިން ގޯލްތައް ޖަހަމުންދިޔަތަނެވެ. ހުޒައިފަތާއި މުބީންގެ ގޯލައް ފެނިގެންދިޔަ އިރު، އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭގެ އިތުރުން ހުޒައިފަތުގެ ގޯލް ފުންޏެއް ފެނިގެންދިޔައެވެ. ޕެނެލްޓީއަކުން އިބްރާހީމް ހައިމާން ކާމިޔާބުކޮށްދިން ގޯލާއި މުހައްމަދު ރިޒްނީހް ކާމިޔާބުކޮށްދިން ގޯލް ފިޔަވާ ދެން ފެނިގެންދިޔައީ މުޅިންވެސް ހުޒައިފަތުގެ ގޯލްތަކެވެ.

ހުޒައިފަތު މެޗުގައި ނުވަ ގޯލް ޖެހި އިރު، އެއީ ވަގުތު ފުޓްސަލް ޗެލެންޖްގެ ތާރީހުގައި އެއް ކުޅުންތެރިޔަކު، އެއް މެޗެއްގައި އެންމެ ގިނަ ގޯލް ޖެހި ރެކޯޑެވެ. މީގެ ކުރިން 2017 ވަނަ އަހަރު ޓައިޓަންސްގެ އަނީލް އިބްރާހީމް އެއް މެޗެއްގައި ވަނީ އަށް ގޯލް ޖަހާފައެވެ. އަދި މިރޭގެ 16-1ގެ ނަތީޖާއަކީ މުބާރާތުގައި ތާރީހުގައި ފެނިގެންދިޔަ ދެވަނައަކަށް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މީގެ ކުރިން ވަގުތު ފުޓްސަލް ކަޕްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއަކީ 2017 ވަނަ އަހަރުގެ މުބާރާތުގައި މައިލޯ ސިޓީން ޓީމް ޓެކް ކޮޅަށް 20 ގޯލް ޖެހި މެޗެވެ. އެ މުބާރަތުގައި ފަސްގަނޑު އެފްސީން ޓީމް ޓެކް ކޮޅަށް 14 ގޯލް ޖަހާ ބަލިކުރި އިރު، މިދިޔަ އަހަރުގެ ކުއާޓާގައި ބޭރުމަތިން ވަނީ ވިނިން ފައިވް ކޮޅަށް އަށް ގޯލް ޖަހާފައެވެ. އަދި މިއަހަރު މޫލެކެޑެ ކޮޅަށްވެސް ބޭރުމަތިން ވަނީ 11 ގޯލް ޖަހާފައެވެ.

މޯލްޑިވިއަންއާއި ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން ---- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އޭގެ އިތުރުން 2017 ވަނަ އަހަރުގެ މުބާރާތުގައި އެފްސީ ޓައިޓަންއާއި ޓީމް ޓެކް ވާދަކުރި މެޗު، ޓައިޓަންއިން 13-1އިން ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ އަހަރު އެމްއެސްޓީން ވަނީ ހޯދަޑު ކޮޅަށްވެސް ނުވަ ގޯލް ޖަހާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހުޒައިފަތަށް އާގަލާގެ ފަރާތުން ދޭ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި "ވަގުތު"އިން ހަދިޔާކުރާ ޓްރޮފީ ހަވާލުކޮށްދެއްވީ އައިސީއެމްގެ ސީއީއޯ އިބްރާހީމް ދީދީއެވެ.

މޯލްޑިވިއަންއަކީ 2017 ވަނަ އަހަރު "ވަގުތު" ފުޓްސަލްގެ ރަނަރަޕް ޓީމެވެ. އަދި މިދިޔަ އަހަރު އެޓީމުން ސެމީ ކުޅުނު އިރު، ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ގޮސް، އެޓީމުން ނުކުންނާނީ ނެކްސަސްއާ ދެކޮޅަށެވެ. އެ ގްރޫޕުން ދެވަނައަށް ދިޔަ އެފްސީ ސްޕްރިންޓުން ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ބޭރުމައްޗާ ދެކޮޅަށެވެ. ކުއާޓާގެ ހުރިހާ މެޗެއްވެސް އިންނާނީ 21 ވަނަ ދުވަހުގެ ރޭގައެވެ.

މޯލްޑިވިއަންއާއި ސްޕްރިންޓް ވާދަކުރި މެޗުގެ ތެރެއިން ---- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވާދަކުރާނީ އެފްސީ އުސްގަނޑަ އަދި މައިލޯ ސިޓީ އެފްސީއެވެ.