އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި އެފްސީ އުސްގަނޑައިން މައިލޯ ސިޓީ ބަލިކޮށް، ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ހިތަދޫގައި މިރޭ ކުޅުނު މެޗު އުސްގަނޑައިން ކާމިޔާބުކުރީ 7-3ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލީ ލިރުއާމް ވަނީ ހެޓްރިކްވެސް ހަދާފައެވެ.

މެޗަށް ނުކުތް އިރުވެސް އުސްގަނޑަށް ގާތްގަނޑަކަށް ގްރޫޕްގެ އެއްވަނަ ޔަގީންވެފައި އޮތް އިރު، މައިލޯ ސިޓީ އޮތީ މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ ކަޓާފައެވެ. މެޗަކީ ގްރޫޕް ސްޓޭޖު ފަހު މެޗަށްވާ އިރު، ގިނަ ބަޔަކު މިހާރު އިންތިޒާކުރު ކުރަމުންދަނީ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތަކަށެވެ. ވަރުގަދަ ޓީމުތަކުގެ ކުރިމަތިލުންތަކެއް ކުއާޓާގައި ފެންނާނެ އިރު، ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއްވެސް އޮންނާނީ 21 ވަނަ ދުވަހުގެ ރޭގައެވެ.

އުސްގަނޑާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މެޗުގައި ވަރުގަދަކޮށް ފެނުނީ އުސްގަނޑުންނެވެ. މެޗުގައި ގިނަ ޕާސްތަކެއް ޖަހައިގެން އުސްގަނޑުން ކުޅުނު އިރު، އެެޓީމު ލީޑުކޮށްގެން ކުޅުނީ ހުސައިން ޝަރީފް (އޮންލީ)އެވެ. ފުރަތަަމަ ހާފްގައި އުސްގަނޑުން ތިން ގޯލް ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލް އަބްދުﷲ އިމްރާން ކާމިޔާބު ކޮށްދިން އިރު، އޮންލީއާއި އަލީ ލިރުއާމްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ.

މައިލޯ ސިޓީގެ ގޯލްކީޕަރުގެ މޮޅު ސޭވްތަކެއް ފެނިގެންދިޔަ އިރު، މައިލޯ ސިޓީން ކައުންޓާ އެޓޭކްގައި އުފެއްދި ހަމަލާތައް ހުއްޓުވީ އުސްގަނޑަގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ)އެވެ. ފުރަތަމަ ހާފްގެ ތިންވަނަ ގޯލް ލިރުއާމް ކާމިޔާބު ކޮށްދިން އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައިވެސް ލިރުއާމް ވަނީ އިތުރު ގޯލެއް ޖަހާ، ނަތީޖާ 4-0 އަކަށް ބަދަލު ކޮށްލާފައެވެ.

އުސްގަނޑާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އުސްގަނޑައިން މެޗު ކޮންޓްރޯލްކޮށް، ރީތި ކުޅުމެއް ދައްކަމުންދިޔަ އިރު، އެޓީމުން ވަނީ ފަސްވަނަ ގޯލެއްވެސް ޖަހާފައެވެ. އޮންލީގެ ގޯލަކާއެކު އުސްގަނޑަ ނަތީޖާގެ ތަފާތު ބޮޑުކުރި އިރު، މެޗުގެ ފަހުކޮޅުގައި މައިލޯ ސިޓީން ވަނީ ގޯލެއްވެސް ޖަހާފައެވެ. އަލީ ޝިޔާހްގެ ގޯލާއެކު މައިލޯއިން އެޓީމުގެ ސުން ކަނޑުވާލި އިރު، ފަހުކޮޅުގައި މުޅިންހެން ފެނުނީ އުސްގަނޑަގެ ހަމަލާތަކެވެ.

މައިލޯ ސިޓީގެ އިބްރާހީމް ސިމާހް އެޓީމަށް ދެވަނަ ގޯލެއް ޖެހި ނަމަވެސް އަހުމަދު ޔުސްރާއި މުހައްމަދު ރަފާހް އަބްދުﷲ އަދި އޮންލީގެވެސް ހަަމަލާތައް ފެނިގެންދިޔައީ ނުރައްކާ ކޮށެވެ. ނިމެން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށް، ލިރުއާމްގެ ހެޓްރިކް ފުރިހަމަ ކުރި އިރު، ޒުވާން ކުޅުންތެރިޔާ އިބްރާހީމް އާލާމް ނަސީމްގެ ގޯލެއްވެސް ފެނިގެންދިޔައެވެ.

އޭގެފަހުން މައިލޯގެ ސިމާހްގެ އިތުރު ގޯލެއް ފެނިގެންދިޔަ އިރު، އޭނާގެ ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް އުސްގަނޑަށް ހެޓްރިކް ހަދައިދިން ލިރުއާމް ހޮވުނު އިރު، އޭނާއަށް އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި "ވަގުތު"ގެ ޓްރޮފީ ހަވާލުކޮށްދެއްވީ އައްޑޫ ހައިސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމެވެ.

މިރޭގެ ނަތީޖާއާއެކު އުސްގަނޑަށް ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިބިފައިވާ އިރު، ދެވަނައިގެ ގޮތުގައި ކުއާޓާއަށް ދިޔައީ ޒެލޯންއެވެ. އެޓީމަށް ތިން މެޗަށް ލިބިފައި ވަނީ ދެ މެޗުން ހަ ޕޮއިންޓެވެ.

އުސްގަނޑާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ކުއާޓާގެ މެޗުތައް އޮންނާނީ 21 ވަނަ ދުވަހުގެ ރޭގައެވެ.

ކުއާޓާގެ މެޗުތައް:

20:00 އެފްސީ ބޭރުމަތި - އެފްސީ ސްޕްރިންޓް

21:00 ހޯދަޑު ސްޕޯޓްސް - ޒެލޯން

22:00 މޯލްޑިވިއަން - ނެކްސަސް

23:00 އެފްސީ އުސްގަނޑަ - ވަން އެންޑް އޮންލީ ރީތިރަށް