މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިއޯޖީ)ގެ އަންހެން ޓީޓީ އިވެންޓްގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފައިވާ އިރު، ރަން މެޑަލް ނެގުމަކީ ވާނެ ކަމެއްކަން މިހާރުވެސް ޔަގީން ކުރެވިފައިވާ ކަމަށް ކޯޗު، އަދި ކުރީގެ ޓީޓީ ޗެމްޕިއަން އިބްރާހީމް ޝިއުރީ ބުނެފިއެވެ.

ރާއްޖެއިން މަޑަގަސްކަރަ ބަލިކޮށް، ފައިނަލްގެ ޖާގަ ޔަގީން ކުރި އިރު، ޓީމު ފެނުނީ ތަފާތު މޮޅުކޮށެވެ. 3-1އިން ރާއްޖެއިން މަޑަގަސްކަރަ ބަލިކުރި އިރު، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ދެ ގޭމް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ދެން ރާއްޖެއަށް ގޭމް ކާމިޔާބު ކޮށްދިނީ ރަފާ ނާޒިމްއެވެ.

"ވަރަށް އުފާވެފައި މިހުރީ، ވަރަށް މަސައްކަތުން ދުރާލާ ރަނގަޅު ޓްރެއިނިންއެއް ހަދައިގެން ދުރާލާ މަސައްކަތް ކުރީމަ، މިއޮތީ ރަން މެޑަލްއާ ފިޔަވަޅެއް ކައިރިއެއް ޖެހިލާފައި. ޓާގެޓަކީ ރަން މެޑަލްއެއް ހޯދުން،" ޝިއުރީ ބުންޏެވެ.

މީގެ ކުރިން ޖެހިޖެހިގެން ހަތް އަހަރު ރާއްޖޭގެ ޓީޓީ ޗެމްޕިއަންކަން ހޯދި ޝިއުރީ އަންނަނީ ކޯޗިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. ދާދިފަހުން ސަރަހައްދީ މުބާރާތަކުންވެސް ރާއްޖެއަށް ރަން މެޑަލް ގެނެސްދިން އިރު، ޝިއުރީ ބުނެފައި ވަނީ ފައިނަލަށް ދިޔައީވެސް އެންމެފަހުގެ ޗެމްޕިއަން ބަލިކޮށްފައި ކަމަށާއި، ރަން މެޑަލް ނެގުމަކީ ވާނެ ކަމެއްކަން އެހިސާބުންވެސް އެނގޭ ކަމަށެވެ.

"ސިލްވާ ޔަގީންވެފައި އޮތް ނަމަވެސް ރަން މެޑަލް ހޯދުން އެއީ ޓީމުގެ ޓާގެޓަކީ. އެކަން ވާނެކަން ޔަގީން ކޮށްދެވެނީ ގްރޫޕް ސްޓޭޖުގައިވެސް އެންމެފަހުގެ ޗެމްޕިއަން ބަލިކޮށްފައި އައިސް ސެމީ ފައިނަލްގައިވެސް ވަރުގަދަ ޓީމެއް ބަލިކޮށްގެން މިދިޔައީ. މުޅި ޓީމުގެ ފޯކަސް އޮތީ ފައިނަލް މެޗަށް. ވާނެ އިރާދަކުރެއްވިއްޔާ. އެއީ ވާނެކަމެއް،" ޝިއުރީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސދފ

    ދީމާ ކިޔާ ކުއްޖާ އާއި ދެންވެސް ކުޅުނު ކުދިންގެ ހިތްވަރު ތިއީ.
    ތިއީ އެއްވެސް ސަރުކާރަކުން މާބޮޑު އެހީއެއްލިބގެން އެކުދިން ކުރި ކަމެއްނޫން

  2. ފަރީދު9

    އަސްލު ޝިއުރީއެއް ނޫން ދޯ ކޯޗަކީ. ބޭރު މީހެއްދޯ! އެމީހާއަށް އައްސަރިބަހާއި ސާބަސް