އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖުގައި ފޯރިގަދަ ކުޅުުމަކަށްފަހު ހޯދަޑު ސްޕޯޓްސް ކަޓުވާލައި، ޒެލޯންއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިރޭ ހިތަދޫ ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުން މަރަދޫގެ ޒެލޯން މޮޅުވީ 2-1ގެ ހަނި ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޒެލޯންގެ ފުލް ގޯލްކީޕަރު އިބްރާހީމް ޝިނާޒަށް ދެއްކި ރަތްކާޑަކާއެކު މިރޭގެ މެޗުގައި އެޓީމަށް ކުޅެން ޖެހުނީ އޭނާ ނުލައެވެ. އެހެން ނަމަވެސް ޓީމުން އެއްވެސް ވަރަކަށް ހިތްވަރު ގެއްލުވާލާފައެއް ނުވެއެވެ. އެޓީމުން ފޯރީގައި ކުޅުނު އިރު، ބޭރުންވެސް މެޗުގައި ފޯރި ނެގިތަން ފެނުނެވެ. އެތައް ސަޕޯޓަރުންނާއެކު މެޗު ކުޅެމުންދިޔަ އިރު، ފުރަތަމަ ކޮޅުގައި ފެނުނީ މުޅިންވެސް ޒެލޯންއިން އެޓޭކް ކުރިތަނެވެ.

ޒެލޯންއާއި ހޯދަޑު ވާދަކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ހުސައިން އައިކްގެ ނުރައްކާ ވަރަށް ބޮޑަށް ފާހަގެވެގެން ދިޔަ އިރު، އޭނާގެ ހަމަލާތަކުގެ ހުރަހަކަށްވީ ހޯދަޑުގެ ގޯލްކީޕަރެވެ. އައިކްގެ ހަލުވިކަމާއެކު ކުޅުންތެރިން ނައްޓުވަމުން އުފެއްދި ހަމަލާތައް ގިނަކޮށް ފެނިގެންދިޔަ އިރު، ފުރަތަމަ ހާފްގެ ކޮންޓްރޯލްވެސް އޮތީ ޒެލޯން އަތުގައެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އެޓީމުން އުފައްދަމުން ދިޔަ އިރު، އެންމެފަހުން ލީޑުވެސް ނެގިއެވެ.

އައިކްގެ ހަމަލާއެއް ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ހުސައިން ލައުހް ވައްދާލީ ގޯލްގެ މަތީ ކަމަށެވެ. މުޅި ދަނޑު ކައްކުލާލި އިރު، ހޯދަޑު މާޔޫސްކޮށްލިއެވެ. އިންތިހާއަށް މެޗު ފޯރިގަދަވެގެން ދިޔަ އިރު، ހޯދަޑު އިތުރަށް މާޔޫސް ކޮށްލީ ހާފް ނިމެންދަނިކޮށް ލައުހް ޖެހި ދެވަނަ ގޯލާއެކުގައެވެ.

ޒެލޯންއިން ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާއަށް ދިޔުމަށް މިސްރާބު ޖަހާފައިވާ އިރު، ދެވަނަ ހާފަށް ހޯދަޑު ނުކުތީ ވަރުގަދަކޮށެވެ. އަލީ އިރުފާދުވެސް ކުޅުމުތެރެއަށް ނެރެފައިވާ އިރު، ހާފްގެ ކުރީކޮޅުގައި އެޓީމުގެ ހަމަލާތަކެއް ފެނިގެންދިޔައެވެ. އެހެން ނަމަވެސް އެހަމަލާތަކާއެކު ޒެލޯންގެ ކައުންޓާ އެޓޭކްތައް ވަރަށް ބޮޑަށް ނުރައްކާވެސް ވިއެވެ.

ޒެލޯންއާއި ހޯދަޑު ވާދަކުރި ކުއާޓާ ފައިނަލް މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ކައުންޓާ އެޓޭކްގައި އައިކް އަދި އަހުމަދު ނާދިރަށްވެސް ފުރުސަތުތައް ލިބުނު އިރު، އަނެއްކޮޅުން ޒެލޯންގެ ގޯލަށްވެސް ހޯދަޑު ނުރައްކާ ކުރިއެވެ. އިރުފާދުގެ ދެ ހަމަލާއެއްވެސް ގޯލްގެ ދަނޑިކައިރިން ދިޔަ އިރު، އަލީ އިހުސާން ފޮނުވާލި ބާރު ހަމަލާވެސް ދިފާއުކޮށް ބޭރުކޮށްލީ ޒެލޯންގެ ގޯލްކީޕަރެވެ. މެޗުގެ ފަހުކޮޅުގައި އިތުރަށް ފޯރިގަދަކޮށް ފެނިގެންދިޔަ އިރު، ހޯދަޑުގެ އަހުމަދު ސިމާހަށް ލިބުނު ފުރުސަތުގައިވެސް އޭނާއަށް ބޭނުން ހިފިފައެއް ނުވެއެވެ.

ފަހު ފަސް މިނެޓް ތެރޭގައިވެސް ފެނުނީ ހޯދަޑު ހަމަލާތައް ފުލުފުލުންނެވެ. ފަހު ހާފްގައި މެޗު ކޮންޓްރޯލްކޮށް، ހަމަލާތައް އުފެއްދުމުގެ ފައިދާވެސް ހޯދަޑުން ނެގިއެވެ. ޓީމުގެ ތަރި ސިމާހްގެ ގޯލަކާއެކު ނަތީޖާގެ ފަރަގު ކުޑަކުރި އިރު، އެ ގޯލާއެކު ހޯދަޑުން ހިތްވަރު އާކުރިއެވެ. މަދު ވަގުތުކޮޅެއް މެޗުގައި ބާކީ އޮތް ނަމަވެސް، އެޓީމުން ހަމަލާތައް އުފައްދަން ކުރިއަށް ޖެހުނެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ ހިތްދަތިކޮށެވެ.

މިއީ ޒެލޯންއިން "ވަގުތު" ފުޓްސަލް ޗެލެންޖުގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުވެސް ހޯދަޑު ކަޓައިގެން ދިޔައީ ކުއާޓާއިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައިކްއަށް އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓް އަދި ވަގުތުގެ ހާއްސަ ޓްރޮފީ ހަވާލުކޮށްދެއްވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފުއްސަދާތެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ކުރިއަށް އޮތް ކުއާޓާ ފައިނަލް މެޗުގައި ވާދަކުރާނީ މޯލްޑިވިއަންއާއި ނެކްސަސްއެވެ.