އެތަކެއް ދުވަހެއްގެ ބުރަ މަސައްކަތެވެ. އެތަކެއް ހިތި ތަޖުރިބާތަކަކުން ދަސްވި ފިލާވަޅުތަކެކެވެ. ރަނގަޅު ތަޖުރިބާގެ ފޮނި މީރުކަން ފެނިގެންދިޔައީ މިއަދުއެވެ. އަންހެން ޓީޓީ ޓީމުން، ރާއްޖޭގެ ކުޅިވަރު ތާރީހުން މުހިއްމު ސަފްހާއެއްގައި ނަން ފަވާލީ ރަން އަކުރުންނެވެ. މޮރިޝަސް ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ދެއްކީ ގައުމީ ރޫހެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރާއްޖޭން ޓީމު އިވެންޓަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި އެފަދަ ގޭމްސްއަކުން ރާއްޖެއަށް ލިބުނު ޖުމްލަ ދެވަނަ ރަން މެޑެއްޔެވެ. ފުރަތަމަ ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އައިއޯއައިޖީން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ. އެއީ އިންޑިވިޖުއަލް އިވެންޓެކެވެ.

ފައިނަލް މެޗުގެ ތެރެއިން --- އެމްއޯސީ ފޮޓޯ/ ނިޝާން އަލީ

ގައުމީ ބެޖުގައި، ގައުމަށްޓަކާ ކުޅުނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ. ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔައީ ގައުމީ ރޫހެވެ. ގައުމުގެ އެހެން އެތުލީޓުންނަށް ދެއްކީ ނަމޫނާއެވެ.

ފަހު ޕޮއިންޓާއެކު މެޗު ކުރިއަށްދިޔަ މުޅި އެރީނާއެކީ އުފަލުން ފޮޅުވާލި އިރު، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދުވެސް ފެނުނީ އުފަލުން ފޮޅިފައިވަނިކޮށެވެ. އެންމެ ބާރަށް ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ދުއްވައިގަތީވެސް ރައީސް ސޯލިހެވެ.

ރާއްޖެ ފައިނަލަށް ދިޔަ ހިސާބުންވެސް ކޯޗު އިބްރާހީމް ޝިއުރީ ބުނި ވާހަކައަކީ ރަން މެޑަލް ނެގޭނެ ކަމުގެ ވާހަކައެވެ. ކުޅުންތެރިން ދެއްކި ބުރަ ހިތްވަރުން ސާބިތުކޮށްދެނީ ޝިއުރީގެ ސްޓޭންޑެވެ. ރަން މެޑަލްއާއެކު ޝިއުރީ ފެނުނީ ބަސް ހުއްޓިފައި ހުއްޓައެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައި ހުރި އިރު، މެޗު ކައިރިކައިރިން، އުނދަގޫކޮށް ދިޔުންވީ ހާއްސަ އުފާވެރިކަމެއް ގެނެސްދިން ކަމަކަށެވެ.

ފައިނަލް މެޗުގެ ތެރެއިން --- އެމްއޯސީ ފޮޓޯ/ ނިޝާން އަލީ

"ބުނާނެ އެއްޗެއްވެސް ނޭނގިފައި މި ހުންނަނީ. އެހާވެސް ހަމަ ޓެންޝަނުގައި މިތިބެނީ ބެންޗުގައި ތިބި ހުރިހާ ކުޅުންތެރިންނާ އޮފިޝަލުންވެސް. އެހާވެސް ކައިކައިރިން މިދިޔައީ. ވަރަށް ބޮޑު ޕްރެޝަރެއްގައި މިތިބެނީ. ފުރަތަމަވެސް މި ޓީމާއެކު ކުޅެ އެހާ ފައިޓް ބޮޑުކޮށް ދިޔައީ. ހަމަ އެންމެ ޕޮއިންޓެއްގެ ތަފާތުން މި މޮޅުވަނީ. މިގޮތަކަށް ވެގެން މޮޅުވީމަ ހާސްބައި އުފާވޭ އަސްލު. މި އިހުސާސަކީ ފަސޭހައިން މޮޅުވުމަށްވުރެ މާބޮޑަށް އުފާވާ އިހުސާސެއް،" މެޗަށްފަހު ޝިއުރީ ބުނެފައިވެއެވެ.

ވާނެކަމުގެ އުންމީދެވެ. މިއީ ރާއްޖެއަށްވެސް ޓީމު އިވެންޓްތަކަށް ގޮސް، ސަރަހައްދީ މެޑަލް ނެގޭނެކަމުގެ ފެހި ސިގްނަލެކެވެ. އައިއޯޖީއަށް ދިޔުމުގެ ކުރިން އެތައް ޒަމާނެއް ވަންދެން ކުރި މަސައްކަތް ރަން މެޑަލްއިން ދައްކައިދެއެވެ. ޓީމުގެ ކާމިޔާބީއަށް ހުރިހާ ދިވެހިން ސެލިއުޓް ކުރާ އިރު، ރާއްޖޭގެ ރައީސްވެސް ވިދާޅުވީ ޓީމަކީ މުޅި ރާއްޖޭގެ ފަހުރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހެއް

    ސާބަސް ދަރިންނޭ