އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި ޕެނެލްޓީ ޖަހައިގެން މޯލްޑިވިއަން ކަޓުވާލާ، ނެކްސަސްއިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އައްޑޫ ހިތަދޫ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ނެކްސަސް މޮޅުވީ 6-5ގެ ނަތީޖާއަކުންނެވެ.

މުޅި ދަނޑުގެ ވަށައިގެން ސަޕޯޓަރުން ފުރާލާފައި އޮތް އިރު، ހަޅޭކުގެ އަޑު ބާރެވެ. ފޯރިގަދަކޮށް މިރޭގެ މެޗުތައް ފެނިގެންދާ އިރު، މި މެޗުވެސް ފާހަގަކޮށްލެވުނީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ މިނެޓުން ފެށިގެންވެސް ދެޓީމުގެ ފަރާތުންވެސް ކުއާޓާ ފައިނަލްގެ ޕްރެޝަރު ފެނުނު އިރު، ހަމަލާތައް އިންތިހާއެވެ. އެއްކޮޅަށް ފުރުސަތެއް، އަނެއް ކޮޅަށް ފުރުސަތެކެވެ.

މޯލްޑިވިއަންއިން ގްރޫޕްގެ އެއްވަނަ ގޮތުގައި، ތަރިންގެ ހުނަރާއެކު ކުއާޓާއަށް ހަމައަށް އައި ނަމަވެސް، ނެކްސަސްއިން އެކަމަށް ދުލެއް ދޭން ބޭނުން ނުވާކަން ފުރަތަމ މިނެޓުން ފެށިގެންވެސް އެނގުނެވެ. ނެކްސަސްއިން ކުރިއަށް ޖެހި ހަމަލާތައް އުފެއްދި އިރު، އަނީލް އިބްރާހީމްއާއި ހޫދު ލަތީފަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. އެހެން ނަމަވެސް ނެކްސަސްއަށް އޭގެން އެއްވެސް ފުރުސަތެއް ނިންމާލެވޭ ގޮތެއް ނުވިއެވެ.

ނެކްސެސްއާއި މޯލްޑިވިއަން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އޭގެ ފައިދާ ނެގީވެސް މޯލްޑިވިއަންއިންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗުގައި ފެނިފައިނުވާ ނަމަވެސް، މިރޭގެ މެޗަށް ނުކުތް އަލީ މާއިޝް (މައްޓު)ގެ ދެ ހަމަަލާއެއް ފާހަގަކުރެވުނު އިރު، އިބްރާހީމް މުބީން (މުއްކި) އާއި ހުޒައިފަތު ރަޝީދުގެ ކޮލިޓީ ފެނިގެންދިޔައެވެ. ރަނގަޅު ޕާސްތަކަކާއެކު އުފެއްދި ހަމަލާ ނިންމާލާ، މޯލްޑިވިއަންއަށް ލީޑު ނަގައިދިނީ އަބްދުﷲ ވާޒިއުއެވެ.

މޯލްޑިވިއަންއިން ލީޑު ނެގި ނަމަވެސް، ނެކްސަސް ފަހަތަކަށް ނުޖެހުނެވެ. އެޓީމުން ކުރިއަށް ޖެހި ހާފްގެ ފަހު މިނެޓާ ހަމައަށް އެޓީމުން މަސައްކަތް ކުރީ ނަތީޖާ ހަމަހަމަ ކުރުމަށެވެ. އެކަމުގެ ނަތީޖާ ފޮނިވެސް ފޮންޏެވެ. ހާފްގެ ފަހު މިނެޓްގައި ހޫދުގެ ގޯލާއެކު ނެކްސަސް ނަތީޖާ ހަމަހަމަ ކުރިއެވެ. މުޅި ބެންޗާއި އެތަކެއް ސަޕޯޓަރުންވެސް އުފާފާޅު ކުރި އިރު، ދެވަނަ ހާފް ފެނުނީ އަދި އެއަށްވުރެވެސް ފޯރިގަދަ ކޮށެވެ.

ފުރަތަމަ ކޮޅުގައި އަނީލް އިބްރާހީމާއި މުހައްމަދު ސިރުހާންގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، އަނެއްކޮޅުން މައްޓުއާއި ވާއިޒްގެ ހަމަލާތައް ފާހަގަކުރެވުނެވެ. މެޗުގެ އޮއެވަރު އެނބުރިގެން ދިޔައީ ހާފްގެ 10 ވަރަކަށް މިނެޓްގައި ނެކްސަސްއަށް ލިބުނު ޕެނެލްޓީންނެވެ. އަލީ ނާފިއު (ކަޅޭ)، ސިރުހާންއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް ނަތީޖާ އަނބުރާލީވެސް ސިރުހާނެވެ.

ނެކްސެސްއާއި މޯލްޑިވިއަން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މޯލްޑިވިއަންއަށް ހައިރާން ކަމެވެ. އެތައް ސަޕޯޓަރުންނަކަށްވެސް ހައިރާންކެމެވެ. ވަރުގަދަ، ގަދަފަދަ މޯލްޑިވިއަން ފަހަތަށް ޖެހިލިއެވެ. ނެކްސަސްއިން އުންމީދާއެކު ކުޅެމުންދިޔަ އިރު، މޯލްޑިވިއަންގެ ހަމަލާތައް އަނެއްކާވެސް ފެނުނީ ބޭކާރު ކޮށެވެ. އަހުމަދު ސައީދު (އަންމަޓީ)ގެ ހަމަލާއެއް މަތިން ދިޔަ އިރު، މޯލްޑިވިއަންއަށް ދިރުން ގެނެސްދިނީ މައްޓުގެ ހިތްގައިމު ގޯލާއެކުގައެވެ.

ވަރަށް ރީތިކޮށް ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ ނިންމާލީ ސީދާ ގޯލްގެ ކަނަށެވެ. މޯލްޑިވިަންގެ ގޯލާއެކު މެޗު ހޫނުވެސް ވެގެންދިޔަ އިރު، އެ ގޯލަށް ފަސްވަރަކަށް މިނެޓް ފަހުން ނެކްސަސްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ސިރުހާން ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ގޯލްކީޕަރު ގައިގައި ޖެހިފައެވެ.

ނެކްސަސްއިން ހިތްވަރާއެކު ކުޅެމުންދިޔަ އިރު، އެޓީމުން އަނެއްކާވެސް މޯލްޑިވިއަން މާޔޫސް ކޮށްލިއެވެ. މެޗުގެ ތިންވަނަ ފަހަރަށް ނެކްސަސްއިން ލީޑު ނަގާ، ސަޕޯޓަރުން ކައްކުވާލިއެވެ. މުހައްމަދު އަހުމަދު ގޯލާއެކު ސަޕޯޓަރުންގެ އަޑު އިންތިހާއަށް ގަދަވިއެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. އަނެއްކާވެސް މެޗުގެ ފޯރި އިތުރަށް ގަދަވީއެވެ.

މައްޓު ހަމަލާއެއް ރީބައުންސް ވެގެން ނުކުތް އިރު، ދުރުން، ތިރިން ބާރު ހަމަލާއެއް ގޯލްގެ ކަނަށް އަމާޒުކޮށްލާ މޯލްޑިވިއަންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ކަޅޭއެވެ. ކަޅޭގެ ގޯލާއެކު މެޗު ދިޔައީ ޕެނެލްޓީއަށެވެ. ޕެނެލްޓީގައި ކަޅޭ ފުރަތަމަ ފޮނުވާލި ޕެނެލްޓީ ކާމިޔާބުކުރި އިރު، ނެކްސަސްގެ ހަސަން ވިސާލްގެ ބާރު ޕެނެލްޓީވެސް ވަރަށް ކާމިޔާބެވެ.

މޯލްޑިވިއަންގެ ދެވަނަ ޕެނެލްޓީ މައްޓު، ހަމަޖެހިލާފައި ގޯލަށް ވައްދާލި އިރު، މެޗުގައި ދެ ގޯލް ޖެހި ހޫދު ނެކްސަސްއަށް އަނެއްކާވެސް އެއްވަރު ކޮށްދިނެވެ. މޯލްޑިވިއަންގެ ތިންވަނަ ޕެނެލްޓީ ޖަހަން ދިޔައީ ހުޒައިފަތެވެ. އޭނާގެ ޕެނެލްޓީ ހުރަސް ދަނޑިއަށް އަމާޒުވެ މޯލްޑިވިއަން ޕްރެޝަރުވިއެވެ. ނެކްސަސް މޮޅުކޮށްދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ ސިރުހާނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. މޮޅު ކުޅުންތެރިޔާއަށް އާގަލާގެ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި ވަގުތުގެ ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް ހުސައިން މުސައްވިރެވެ.

މިދިޔަ ދެއަހަރުގެ ތެރެއިން ފުރަތަމަ އަހަރު މޯލްޑިވިއަންއިން މުބާރާތުގެ ފައިނަލް ކުޅުނު އިރު، މޯލްޑިވިއަން ވަނީ މިދިޔަ އަހަރު ސެމީގައިވެސް ކުޅެފައެވެ. އެހެން ނަމަވެސް ނެކްސަސްއަކީ މުބާރާތުގެ ސެމީއަށް މުޅިން އާ ނަމެކެވެ. މިއީ އެޓީމު ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ނެކްސެސްއާއި މޯލްޑިވިއަން ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ފަހުމެޗުގައި މިރޭ އުސްގަނޑަ ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ވަން އެންޑް އޮންލީ ރީތި ރަށާ ދެކޮޅަށެވެ.