އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލް ފަހު މެޗުގައި ކެޕްޓަން އަލީ ލިރުއާމް ޖަހައިދިން ހިތްގައިމު ގޯލާއެކު އުސްގަނޑައިން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.

މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުން އުސްގަނޑަ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭ ކުރިން ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކަކޭ އެއްގޮތަށް މި މެޗުވެސް ފެނުނީ އިންތިހާއަށް ފޯރިގަދަ ކޮށެވެ. ސަޕޯޓަރުންގެ އަޑުބާރުކޮށް ފެނުނު އިރު، ހާއްސަކޮށް އުސްގަނޑަގެ ސަޕޯޓަރުންގެ އަޑު ދަނޑުގައި ވަނީ ގުގުމާލާފައެވެ. މިއަހަރުގެ މުބާރާތަށް ތަރިންނާއެކު އުސްގަނޑަ ނުކުތް އިރު، އެޓީމުގެ އަމާޒަކީ ސީދާ ތަށްޓެވެ. މިރޭގެ ކުއާޓާގައި އެޓީމު ހުއްޓުވަން ނުކުތީ ވަން އެންޑް އޮންލީ ރީތި ރަށެވެ.

އުސްގަނޑާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ރީތި ރަށަކީ މިދިޔަ އަހަރުގެ ފައިނަލް ކުޅުނު ޓީމަކަށްވާ އިރު، އެޓީމުން ނުކުތީ މިއަހަރުވެސް އެކާމިޔާބީ ތަކުރާރު ކުރުމަށެވެ. މެޗުގެ ފެށިގެން ފުރަތަމަ ފެނިގެންދިޔައީ އުސްގަނޑަގެ ހަމަލާތަކެވެ. އަލީ ލިރުއާމްގެ ހަމަލާތަކާއި އަބްދުﷲ އިމްރާންގެ ނުރައްކާތެރި ހަމަލާތައް ކުރީކޮޅުގައި ފާހަގަކޮށްލެވުނު އިރު، އެ ހަމަލާތަކަށް ހުރަސް އެޅީ ފުރަތަމަ ހާފްގައި މޮޅު ކުޅުމެއް ދެއްކި ރީތި ރަށުގެ ގޯލްކީޕަރު އަހްމަދު އާދަމް އެވެ.

އުސްގަނޑުން ރަނގަޅު ފެށުމަކުން ފެށި އިރު، އިމްރާން ވަނީ އެޓީމަށް ލީޑުވެސް ނަގައިދީފައެވެ. ލިރުއާމްގެ ހުރަސް އިމްރާން ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ. އެގޯލާއެކު އުސްގަނޑުން ކުރިއަށް ޖެހި، މެޗުގެ ލީޑު ފުޅާކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އޭގެ ފަސްވަރަކަށް މިނެޓްފަހުން ވަން އެންޑް އޮންލީ ރީތިރަށުން ނަތީޖާ ހަމަހަމަ ކުރިއެވެ.

އުސްގަނޑަގެ ޓީމު ލީޑުކުރަމުން، ޓީމަށް ހިތްވަރު ދެމުންއައި ހުސައިން ޝަރީފް (އޮންލީ) އަތުން ބައިކޮޅަށް ވަން އެ ގޯލާއެކު ރީތި ރަށުން ހިތްވަރު އާކުރިއެވެ. ހާފްގެ ފަހުކޮޅުގައި އުސްގަނޑުން ނުރައްކާތެެރި ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެޓީމުން ބެލީ އެޓޭކް ކުރެވޭތޯއެވެ. އެހެން ނަމަވެސް ހިތްގައިމު މޮޅު ސޭވްތަކަކާއެކު މެޗުގެ ނަތީޖާ ދަމަހައްޓައިދިނީ ރީތިރަށުގެ ގޯލްކީޕަރު އަހްމަދު އާދަމް އެވެ.

ދެވަނަ ހާފަށް ނުކުމެ، ފުރަތަމަ ކޮޅުގައި ރަނގަޅަށް ކުޅުނީ ރީތިރަށުންނެވެ. އެޓީމުގެ ތަޖުރިބާކާރު ކެޕްޓަން އާދަމް ލަރީފް (ރޮނާ)ގެ ނުރައްކާތެރި ހަމަލާއެއް އުސްގަނޑަގެ ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ދިފާއުކުރި އިރު، މިރޭގެ މެޗުގައި އުސްގަނޑަ ޓީމުގެ ހަސަން ރާއިފް (ހަންނަ) ނެތްތައް ވަރަށް ބޮޑަށް ދެއްކިއެވެ.

ދެވަނަ ހާފްގައިވެސް އިމްރާނާއި ލިރުއާމްގެ ހަމަލާތައް ފާހަގަކޮށްލެވުނު އިރު، ކައުންޓާ އެޓޭކްގައި ރީތި ރަށުގެ އަބްދުﷲ ވިޝާމަށް ވަނީ މުހިއްމު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ އިރުކޮޅެއްފަހުން އުސްގަނޑައިން ރަނުގެ ފުރުސަތެއް ތަނަވަސްކުރިއެވެ. ލިރުއާމްއާއެކު ރީތި ވަންޓޫއެއް ޖަހާލާފައި ވަދެ އަހުމަދު މުއާޒް ފޮނުވާލި ހަމަލާއަށްވެސް ހުރަސް އެޅީ ރީތިރަށުގެ ގޯލްކީޕަރެވެ.

އުސްގަނޑާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އުސްގަނޑުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުންދިޔުމުގެ ނަތީޖާއަކަށްވީ ދެވަނަ ފަހަރަށް ލީޑު ނެގުމެވެ. އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ކެޕްޓަން ލިރުއާމްގެ ހިތްގައިމު ގޯލާއެކުގައެވެ. ހާފްގެ މެދެއްހާ ހިސާބުން އޭނާ ފޮނުވާލި "ރޮކެޓް" އަމާޒުކޮށްލީ ސީދާ ގޯލްގެ މަތީ ކަނަަށެވެ. ވަރަށް ހިތްގައިމު ނިންމާލުމެކެވެ. އޭގެފަހުންވެސް އިމްރާންގެ ރީތި ހަމަލާއެއް ރީތިރަށުގެ ގޯލްކީޕަރު މަތަކުރިއެވެ. އަދި އޭނާގެ ދެވަނަ ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

އަނެއްކޮޅުން ރީތި ރަށުގެ ވިޝާމްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، އޭގެފަހުން ރޮނާއާއި އަހުމަދު ފޮނުވާލި ހަމަލާވެސް ދިޔައީ ބޭރަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އޮންލީއަށް އާގަލާއިން ހަދިޔާ ކުރާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި ވަގުތުގެ ޓްރޮފީ ހަވާލުކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފެވެ.

އުސްގަނޑާއި ރީތިރަށް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 23 ވަނަ ދުވަހުގެ ރޭގައެވެ.

ސެމީ ފައިނަލް މެޗުތައް

21:00 އެފްސީ ބޭރުމަތި - ޒެލޯން

22:00 އެފްސީ އުސްގަނޑަ - ނެކްސަސް