މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބީޗް ވޮލީ އިވެންޓުން ފިރިހެން ޓީމު އިވެންޓުން ރާއްޖެ ރިހި މެޑަލް ހޯދައިފިއެވެ.

ރައުންޑް ރޮބިން ލީގު އުސޫލުން ޓީމު އިވެންޓް ކުރިއަށް ގެންގޮސްފައިވާ އިރު، ރާއްޖޭގެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ ދެވަނައެވެ. މިއީ އައިއޯއައިޖީގައި ބީޗް ވޮލީން ރާއްޖެ ހޯދި ފުރަތަމަ މެޑަލްއެވެ.

ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ރާއްޖެ ކުޅުނު ފަހު މެޗުން ކާމިޔާބުކުރީ 2-0އިންނެވެ. މެޗުގެ ފުރަތަމަ ޓައި ރާއްޖެއިން ގެންދިޔައީ 21-18 އަދި 21-18 އިންނެވެ. ދެވަނަ ޓައި ރާއްޖެއިން ކާމިޔާބުކުރީ 21-13 އަދި 21-14 އިންނެވެ.

މުބާރާތުގެ ރަން މެޑަލްއަށް ޓާގެޓް ހިފައިގެން ވާދަކުރި މޮރިޝަސްވެސް ރާއްޖެއިން ވަނީ ބަލިކޮށްފައެވެ. ހަމައެކަނި ވަރުގަދަ ރިޔޫނިއަން އަތުން ރާއްޖެ ބަލިވި އިރު، ދެވަނަ މެޗުގައި ރާއްޖެއިން ވަނީ ކޮމޮރޯސް ބަލިކޮށްފައެވެ.

މިފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން 15 މެޑަލްއަށް ޓާގެޓް ޖެހި އިރު، މިހާތަނަށް ވަނީ މުހިއްމު އިވެންޓްތަކަކުން މެޑަލް ނަގާފައެވެ. އެގޮތުން ޓީޓީގެ އަންހެން ޓީމް އިވެންޓުން ރަން މެޑަލް ނެގި އިރު، ބެޑްމިންޓަން ފިރިހެން ޓީމް އިވެންޓުން ރާއްޖެ ވަނީ ލޯ މެޑަލް ނަގާފައެވެ.