މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އައިލެންޑް ގޭމްސްގެ ފިރިހެން ވޮލީ އިވެންޓްގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ސީދާ ތިން ސެޓުން ކޮމޮރޯސް ބަލިކޮށްފިއެވެ.

ވޮލީ އިވެންޓްގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ހިމެނެނީ ރާއްޖެއާއި ކޮމޮރޯސްގެ އިތުރުން މަޑަގަސްކަރަ އަދި ރިޔޫނިއަންއެވެ. ފުރަތަމަ ކުޅުނު މެޗުން މަޑަގަސްކަރަ އަތުން ސީދާ ތިން ސެޓުން ރާއްޖެ ބަލިވެފައި އޮތުމުން މިއަދުގެ މެޗުން މޮޅުވުން ކޮންމެހެންވެސް މަޖުބޫރުވިއެވެ. ރާއްޖެއިން މިއަދުގެ މެޗުން މޮޅުވެ އުންމީދު އާކޮށްފައިވާ އިރު، މާދަމާ ރިޔޫނިއަން އަތުން މޮޅުވުމަކީ މެޑަލްއަކާ ހަމައަށް ދިޔުމަށް މަޖުބޫރު ކަމެކެވެ.

މިއަދުގެ މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 25-23، 25-20 އަދި 25-19 އިންނެވެ.

ރާއްޖޭގެ އަންހެން ވޮލީ ޓީމުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ، ކަޓާފައިވާ އިރު، ފިރިހެން ޓީމުން ރިޔޫނިއަންއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މާދަމާއެވެ.

މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖެ ދިޔައީ 15 މެޑަލްއަށް ޓާގެޓް ކޮށްގެންނެވެ. މިހާތަނަށް ރާއްޖެއިން ވަނީ ފަސް މެޑަލް ހޯދާފައެވެ. ޓީޓީގެ އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، ޕެރަ އެތުލެޓިކްސްގެ ބައިން މުހައްމަދު މާޒިންއާއި ބެޑްމިންޓަން އަންހެން އަދި ފިރިހެން ޓީމުންވެސް ވަނީ ލޯ މެޑަލް ހޯދާފައެވެ. އޭގެ އިތުރުން އަލަށް ބައިވެރިވި ބީޗު ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދާފައެވެ.