މި މަހުގެ 19 އިން ފެށިގެން މޮރިޝަސްގައި މިހާރު ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބްލްސްގެ ހުރިހާ މެޗަކުން މޮޅުވެ، އެއް ވަނަ ޓީޓީ ޓީމުގެ ގޮތުގައި އައުޝަތު ރަފާ ނާޒިމްއާއި ޒީސްތު ނަސީމްގެ ޕެއާ ގަދަ 16އަށް ދަތުރު ކޮށްފިއެވެ.

އައިޝަތު ރަފާ ނާޒިމް އާއި ޒީސްތު ނަސީމްގެ ޕެއާ ދެވަނަ ބުރަށް ދަތުރު ކޮށްފައި މިވަނީ ކުޅުނު 3 މެޗުންވެސް މޮޅުވެ ގްރޫޕުގެ އެއް ވަނާގައި ކަމުގައި ވާއިރު، މީގެ ކުރިން އަންހެން ޓީމު އިވެންޓުގައި ވާދަކޮށް، ރަފާ ނާޒިމް ވަނީ ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން ޓީމުގައި ހިމެނިފައިކަން ފާހަގަކޮށްލެވެއެވެ.

ރަފާ އާއި ޒީސްތު މިކްސް ޑަބްލްސްގެ ފުރަތަމަ މެޗުގައި މަޑަގަސްކާ އާއި ބައްދަލު ކޮށް 4-1 ސެޓުން މެޗު ކާމިޔާބު ކޮށްފައި ވާއިރު، ދެވަނަ މެޗުގައި ރީޔޫނިއަންގެ މައްޗައް ކުރި ހޯދީ ސީދާ 3 ސެޓުންނެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީޝެލްސް އާއި ބައްދަލު ކުރި މެޗުވެސް މި ދެ ކުޅުންތެރިން ވަނީ ސީދާ 3 ސެޓުން ކާމިޔާބު ކޮށްފައެވެ.

މި ބައިގައި ދެން ރާއްޖޭ އިން ވާދަ ކުރި ދީމާ އާއި މުންތިފްގެ ޕެއާގެ އިތުރުން މުއީނާ އާއި ޝައްފާންގެ ޕެއާވެސް ވަނީ ސެޓުގެ ތަފާތުން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ.