(ހިތަދޫ، އައްޑޫ) ޔޫއެފާ އެސިސްޓް 15 އަހަރުން ދަށުގެ މުބާރާތުގައި ވަރުގަދަ ސައުދީ އަރަބިޔާއިން ރާއްޖެ ބަލިކޮށްފިއެވެ.

ފުރަތަމަ ހާފްގައި ޖެހި ގޯލްތަކާއެކު ސައުދީން ރާއްޖެ ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ. ރާއްޖެ މިއަދު މެޗުން ބަލިވި ނަމަވެސް، ބޫޓާން މެޗާ އަޅާބަލާ އިރު، ރާއްޖެ ޓީމު ފެނުނީ ވަރުގަދަކޮށެވެ.

ޔޫއެފާގެ އެހީތެރިކަމާއެކު އައްޑޫ ސިޓީގައި ބާއްވަމުންދާ ޔޫއެފާ އެސިސްޓް މުބާރާތަކީ 15 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެކެވެ. ކުރިއަށް އޮތް ސާފް 16 އަހަރުން ދަށުގެ މުބާރާތާއި، ޔޫއެފާގެ 16 އަހަރުން ދަށުގެ މުބާރާތަށް ރާއްޖެއިން ޓީމެއް ތައްޔާރުކުރަމުންދާ އިރު، މިއީ އެ މުބާރާތަތްތަކަށް ޓީމުގެ ފެންވަރު ވަޒަން ކޮށްލަން ލިބުނު މުހިއްމު ފުރުސަތެކެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

ހާއްސަކޮށް މި ސަރަހައްދުގައި ހިމެނޭ ބޫޓާނުންވެސް މުބާރާތުގައި ވާދަކުރާ އިރު، ދެން މުބާރާތުގައި ވާދަކުރަނީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ބާރު، ސައުދީ އަރަބިޔާއާއި ޔޫރަޕްގެ ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ ލެޓްވިއާއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ބޫޓާނާ ދެކޮޅަށް ނުކުތް އިރު، އެ މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ސައުދީން ލެޓްވިއާ ކައިރިން ބަލިވީ 4-1ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ފައިނަލަށް ދިޔުމަށް މިއަދުގެ މެޗު ދެޓީމަށްވެސް މުހިއްމިވި އިރު، މެޗަށް ނުކުތް އިރުވެސް ސައުދީއަކީ ފެވަރިޓުންނެވެ. ފުޓުބޯޅައިގެ ލެވެލްއާއި ވަސީލަތްތަކަށް ބަލާއިރުވެސް ސައުދީއަކީ ފުޓުބޯޅައިގައި އޭޝިއާގެ އެންމެ މަތީ ފަންތީގެ މުބާރާތެކެވެ. ސީނިއާ ޓީމުން ވޯލްޑް ކަޕްގެ ޖާގަވެސް ހޯދަމުންދާ އިރު، މިއީ ރާއްޖޭގެ ޒުވާން ޓީމަށް ލިބިގެންދާ މުހިއްމު ތަޖުރިބާއެކެވެ.

ސައުދީ ކޯޗު ބުނެފައި ވަނީ މިފަހަރުގެ މުބާރާތަށް އެގައުމުން ގެނައީ 15 އަހަރަށްވުރެވެސް ޒުވާން ޓީމެއް ކަމަށެވެ. އެގޮތުން ޓީމުގައި ބޮޑަށް ހިމެނެނީ 13 އަހަރާއި 14 އަހަރު ކުދިން ކަމަށްވެސް އޭނާ ބުންޏެވެ.

އައްޑޫ ސިޓީއަށް ހޫނު ގަދަ ދުވަހެއްގެ ގޮތުގައި މިއަދު ފެނިގެންދިޔަ އިރު، މެޗަށް ރާއްޖެއިން ނުކުތީ ފުރަތަމަ 11އަށް ބަދަލުތަކަކާ އެކުގައެވެ. އެންމެފަހުން މެޗުގައި ކުޅުނު ގޯލްކީޕަރު މުހައްމަދު ޝިމަންގެ ބަދަލުގައި ގޯލް ބަލަހައްޓާފައި ވަނީ އަލީ އަޝްހާމް އާތިފެވެ. ރާއްޖޭ ޓީމުން އެންމެފަހުން ކުޅުނު މެޗަށްވުރެ ވަރުގަދަކޮށް މިއަދު މެޗު ފެށި ނަމަވެސް، ކުރީކޮޅިގައި ސައުދީގެ އަވާދު އަބްދުލް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

މެޗުގެ ފުރަތަމަ 30 ވަރަކަށް މިނެޓްގައި ރާއްޖެއިން ސައުދީ ހިފެހެއްޓުމަށް ވަރުގަދައަށް ޑިފެންސް ކުރިތަން ފާހަގަކުރެވުނެވެ. ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ރާއްޖޭ ޓީމުން ކުޅެމުންދިޔަ އިރު، ސައުދީން އެންމެ ނުރައްކާ ކޮށް ފެނުނީ ޓީމުގެ ޓޮޕް ފޯވަޑް، ބަދުރު ވަލީދެވެ. ރާއްޖޭގެ ޑިފެންސަށް އުނދަގޫވީވެސް އޭނާ ހިފަހައްްޓާށެވެ. ރާއްޖެއިން މުޅި ހާފްގައި ދެ ފުރުސަތެއް ލިބިގެންދިޔަތަން ފެނުނު އިރު، މުޅި ހާފް އެއްކޮށް ޑޮމިނޭޓް ކުރީ ސައުދީންނެވެ.

ރާއްޖޭގެ ޝިމާން އަބްދުލްޝުކޫރަށް ފުރަތަމަ ހާފްގައި ދެ ފުރުސަތެއް ލިބިގެންދިޔަ އިރު، އޭނާގެ ފުރުސަތުގައިވެސް ގޯލަށް ބޯޅަ ފޮނުވާލަން ލަސްވީއެވެ. މިއަދުވެސް ރާއްޖޭ ޓީމުން އެންމެ ރަނގަޅަށް ކުޅުނުކަން ފާހަގަކޮށްލެވުނީ ކެޕްޓަން މުހައްމަދު ޚަނާންއެވެ. މެދުތެރެއިން ޚަނާން ވަނީ ހިތްވަރާއެކު ރަނގަޅަށް ކުޅެފައެވެ.

ހާފްގެ ފުރަތަމަ ކޮޅުގައި ރާއްޖޭގެ ޓީމު އޯގަނައިޒްކޮށް ޑިފެންސް ކުރި ނަމަވެސް، ހާފްގެ ފަހު 10 ވަރަކަށް މިނެޓުގައި ސައުދީން ފުލުފުލުގައި ގޯލްތައް ޖެހިއެވެ. އޭރިއާ ބޭރުން ސައުދީގެ މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ ގޯލްކީޕަރު އަތް މަތިން ގޯލަށް ވަން އިރު، އެޓީމުގެ ތިންވަނަ ގޯލް ޖެހީ އަބްދުއްސަލާމެވެ. އަދި ހާފް ނިމުމުގެ ކުރިން ވަލީދުގެ ހިތްގައިމު ގޯލެއްވެސް ފެނުނު އިރު، ވަލީދު އެ ގޯލް ޖެހީ ރާއްޖޭގެ ޑިފެންސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ވަދެއެވެ.

ސައުދީން ޖެހި ހަވަނަ ގޯލްވެސް ހާފް ނިމުމުގެ ކުރިން ފެނުނު އިރު، އެ ގޯލަކީ ތަލާލް ރިޔާދް ދުރުން ޖެހި ބޯޅައެކެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހި މަތީ ދަނޑީގައިވެސް ޖެހިފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ފެނިގެން ދިޔައީ ހަމަ ފުރަތަމަ ހާފްގައިވެސް ފެނުނު މަންޒަރެވެ. ސައުދީން ރާއްޖޭގެ ހާފް ތެރޭގައި ޕާސްތައް ޖަހަމުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު އިރު، ރާއްޖެ ކުޅެމުންދިޔައީ ފަހަތަށް ޖެހިގެން، އަލްޓްރާ ޑިފެންސިވް ޓެކްޓިކްސްއެއްގައެވެ. މެޗުގެ ކުރިންވެސް ކޯޗު އަހުމަދު ހަލީމް (ޖަޑާ) ބުނެފައި ވަނީ ސައުދީއާއި ލެޓްވިއާ ކައިރިން ރާއްޖެ ވިސްނާނީ ކޮޅަށް ވަންނަ ގޯލް މަދު ކުރުމަށް ކަމަށެވެ.

ސައުދީން ކުރިއަށް ޖެހި ރާއްޖޭގެ ޑިފެންސަށް ބާރުބޮޑު ކުރަމުންދިޔަ އިރު، ރާއްޖޭގެ ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފެނުނީ އޭރިއާ ތެރޭގައި ޑިފެންސް ކުރަމުންދިޔަ ތަނެވެ. ހާފްގެ ކުރީކޮޅުގައި ރާއްޖެއިން ކުރިއަށް ޖެހި އެއްވެސް އެޓޭކެއް އުފެއްދިތަން ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ގޯލްކީޕަރު ފަރާތުން ވަނީ ރީތި ދެ ސޭވްއެއް ފެނިގެން ގޮސްފައެވެ. ވަލީދު ތިރިތިރިން ފޮނުވާލި ހަމަލާއެއްވެސް ގޯލްކީޕަރު ދިފާއުކުރި އިރު، މުހައްމަދު އަބްދުﷲ ބޮލުން ފޮނުވާލި ހަމަލާވެސް ހުށިޔާރުކަމާއެކު މަތަކޮށް، ބޭރުކޮށްލީ ގޯލްކީޕަރެވެ.

ގޯލްކީޕަރު ރަނގަޅު ފޯމެއްގައި ކުޅެމުން ދަނިކޮށް، ރާއްޖެއަށް މާޔޫސްކަން ގެނުވީ އޭނާއަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. ބަދަލުގައި ކުޅެން އެރީ ބޫޓާން މެޗުގައި ކުޅުނު ގޯލްކީޕަރު ޝިމަންއެވެ. ޝިމަންގެ ފަރާތުންވެސް މުހިއްމު ދެ ސޭވްއެއް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފްގައި ރާއްޖެ ޓީމު ފެނުނީ އޯގަނައިޒް ކޮށެވެ. ހާއްސަކޮށް ޑިފެންސިވްލީ ވަރުގަދަކޮށް ފެނުނު އިރު، ހާފްގެ ފަހުކޮޅުގައި ކުރިއަށް ޖެހި އެޓޭކް ކުރަންވެސް މަސައްކަތް ކޮށްފައިވެއެވެ.

ޔޫއެފާ އެސިސްޓް މުބާރާތުގައި ރާއްޖެއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް. މުހައްމަދު އަފްޒަލް

ކައުންޓާ އެޓޭކްގައި ކުރިއަށް ޖެހި އެޓޭކް ކުރަން ރާއްޖެއިން ކުރި މަސައްކަތް ފާހަގަކޮށްލެވުނު އިރު، ސައުދީން މަސައްކަތް ކުރީ ލީދު އިތުރަށް ފުޅާކުރުމަށެވެ. އެހެން ނަމަވެސް ރާއްޖޭ ޓީމުން އެ ފުރުސަތު ދީފައެއް ނުވެއެވެ.

މެޗު ބެލުމަށް މިއަދުވެސް އައްޑޫ ސިޓީގެ ގިނަ ރައްޔިތުން ވަޑައިގެންނެވި އިރު، މެޗު ބައްލަވާ ލެއްވުމަށް މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)ވެސް ވަޑައިގެންނެވިއެވެ. ޔޫއެފާ އެސިސްޓް މުބާރާތުގައި މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ލެޓްވިއާއާއި ބޫޓާނެވެ. ދެން ރާއްޖެ ނުކުންނަން ޖެހޭނީ ލެޓްވިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިކުރާމު

    ދެންއައްޑޫގަ މީހުން ފުޓުބޯޅަކުޅޭތަ ތިޔައްވުރެ މާރަނގަޅުވީސް އުތީމުގަ ތިކަންކުރިނަމަ ތިޔައީ ހަމަޔައް ދިވެހިބަސް ނުދަންނަބައެއް

  2. އައްޓަމަސް

    ފުރަތަމަ ހާފްގައި ޖެހި ގޯލްތަކާއެކު ސައުދީން ރާއްޖެ ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ. ރާއްޖެ މިއަދު މެޗުން ބަލިވި ނަމަވެސް، ބޫޓާން މެޗާ އަޅާބަލާ އިރު، ރާއްޖެ ޓީމު ފެނުނީ ވަރުގަދަކޮށެވެ. ވަރުގަދަވީމައިތާ 2-1 އިން ބަލިވިޓީމް 6-0 އިންބަލިވީ

    6
    3
  3. ސައްޔިދު ދީދީ

    ޔާމީންގެ ސަރުކާރުގަ ގޯލްޑް ތަށި. މިސަރުކާރުގަ ލަދުވެތި ބަލިއަކުން ބަލިވީ. ވަރަށް ޖަޒީރާ ދޮގެއްތޯ؟