މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 10،000 މީޓަރު ދުވުމުގައި މަރިޔަމް އަބްދުލް ކަރީމް (މަރީ) ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

މަރީ މުގުރާލާފައި ވަނީ 2015 ވަނަ އަހަރު ރިޔޫނިއަންގައި ކުރިއަށްދިޔަ އައިއޯއައިޖީގައި ސަމްހާ އަހުމަދު ހަދާފައިވާ ރެކޯޑެވެ. ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީގައި ސަމްހާ ރެކޯޑު ހެދީ 45 މިނެޓް 12.36 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މަރީ މިއަދު ދުވުނު ހީޓްގެ ހަވަނައަށް އޭނާ ދިޔަ އިރު، ރޭސް ނިންމީ 42 މިނެޓާ 44.80 ސިކުންތުންނެވެ. މިއީ ސަމްހާގެ ރެކޯޑާ އަޅާބަލާ އިރު، މިނެޓެއްހާ ތަން އަވަސް ވަގުތެކެވެ. މަރީއަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ފާހަގަކޮށްލެވޭ އަންހެން އެތުލީޓެވެ. އޭނާ އަތުގައި ގައުމީ އަންހެން 5 ކިލޯ މީޓަރާއި، 10 ކިލޯ މީޓަރު އަދި 20 ކިލޯ މީޓަރުގެ ރެކޯޑުވެސް އޮތް އިރު، މަރީއަކީ އަންހެން މެރަތަން ރެކޯޑު ހޯލްޑާވެސް މެއެވެ.

އައިއޯއައިޖީގައި މިއަދު ކުރިއަށްދިޔަ ޓްރެކް އިވެންޓްތަކަށްބަލާ އިރު، ނާއިލް ވަނީ 400 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. ހީޓްގެ ފުލަށް ދިޔުމުން އޭނާ ފައިނަލް ބުރަށް ކޮލިފައިވެފައެއް ނުވެއެވެ. މިހާތަނަށް އައިއޯއައިޖީގައި ރާެއްޖެއަށް ފަސް މެޑަލް ލިބިފައިވާ އިރު، ޓްރެކް އިވެންޓަކުން މެޑަލް ލިބިފައެއް ނުވެއެވެ. އެންމެ ބޮޑަށް އުންމީދު ކުރެވުނު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދަށް ވަނީ މުބާރާތުގައި މެޑަލް ހަނި ތަފާތަކުން ގެއްލިފައެވެ.

ސާއިދަކީ 2015 ވަނަ އަހަރުގެ އައިއޯޖީން ރާއްޖެއަށް ރަން މެޑަލް ގެނެސްދިން ހަމައެކަނި އެތުލީޓެވެ.