އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖުގެ ފައިނަލަށް އެފްސީ އުސްގަނޑަ ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުގައި 5-0ގެ ނަތީޖާއަކުން ނެކްސަސް ބަލިކޮށް، އުސްގަނޑަ ފައިނަލަށް ދަތުރުކުރި އިރު، ފައިނަލްގައި އެޓީމުން ނުކުންނާނީ ޒެލޯންއާ ދެކޮޅަށެވެ.

މިއީ ނެކްސަސްއިން މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. ކުއާޓާއަށްވެސް ނެކްސަސް ފުރަތަމަ ފަހަރަށް ދިޔަ އިރު، އެޓީމުން ސެމީއަށް ދިޔައީ ވަރުގަދަ މޯލްޑިވިއަން ކަޓުވާލައިފައެވެ. ތަރިންނާއެކު މިއަހަރުގެ މުބާރާތަށް ނުކުތް އުސްގަނޑަ ގްރޫޕްގެ އެއްވަނަ ހޯދާ، ކުއާޓާގައި މިދިޔަ އަހަރުގެ ރަނަރަޕް ވަން އެންޑް އޮންލީ ރީތިރަށް ބަލިކޮށްފައި ސެމީއަށް ދިޔަ އިރު، ސެމީގެ ފެވަރިޓުންގެ ގޮތުގައިވެސް އޮތީ އެޓީމެވެ.

މެޗުގެ ފެށިގެން ޑޮމިނޭޓްކޮށް ކުޅެމުންދިޔައީވެސް އުސްގަނޑައިންނެވެ. ކުރިއަށްޖެހި އެޓީމުން ހަމަލާތައް އުފައްދަމުންދިޔަ އިރު، ނެކްސަސްއިން ވިސްނީ އުސްގަނޑަ ހިފަހައްޓާ ކައުންޓާ އެޓޭކް ކުރުމަށެވެ. ހާފްގެ ބޮޑު ބައިގައި އެޓީމުގެ ޓެކްޓިކްސްވެސް މަސައްކަތް ކުރިއެވެ. ހާއްސަކޮށް ހަލުވި ކުޅުންތެރިޔާ އަނީލް އިބްރާހީމްގެ ނުރައްކާ އުސްގަނޑަށް ކުރިމަތިވިއެވެ.

އެފްސީ އުސްގަނޑާއި ނެކްސަސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

އުސްގަނޑަ ޓީމުން ކެތްތެރިކަމާއެކު ހަމަލާތައް އުފައްދަން މަސައްކަތް ކުރި އިރު، ހާފްގެ ކުރީކޮޅުގައި ހަސަން ރާއިފްއާއި އަލީ ލިރުއާމްގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ލިރުއާމްގެ ހަމަލާ ގޯލްކީޕަރު މަތަކުރި އިރު، ހަންނަގެ ހަމަލާ ރޮނގުމަތިން ކަހަލަ ގޮތަކަށް މަތަކޮށް ބޭރުކޮށްލީ ނެކްސަސްގެ ޑިފެންޑަރެވެ. އުސްގަނޑުގެ ފަހަތް ބަލަހައްޓަމުން ދިޔަ ހުސައިން ޝަރީފް (އޮންލީ) ކުރިއަށް ޖެހި ހަމަލާތަކުގައި ބައިވެރިވި އިރު، އޭނާ ފެނުނީ ނުރައްކާ ކޮށެވެ.

އޮންލީގެ ހަމަލާއެއް ގޯލްގެ އަރިމަތީ ދަނޑިއަށްވެސް އަމާޒުވި އިރު، މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް، އުސްގަނޑަށް ލީޑު ނަގައިދިނީ އަޔާޒް އަހުމަދުއެވެ. މެދު ތެރެއިން ނެކްސަސްގެ ކުޅުންތެރިޔާ ނައްޓާލުމަށްފަހު އަޔާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ އަރިމަތީ ދަނޑީގައިވެސް ޖެހިފައެވެ.

ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅުނީ އުސްގަނޑުންނެވެ. ހާއްސަކޮށް ހަންނައާއި ލިރުއާމްގެ ނުރައްކާތެރިކަން ބޮޑަށް ފެނިގެންދިޔައެވެ. ހާފްގެ ކުރީކޮޅުގައި ހަންނަގެ ނުރައްކާތެރި ހަމަލާއަކާއެކު އުސްގަނޑުން ލީޑު ފުޅާވެސް ކުރިއެވެ. އުސްގަނޑުގެ ސަޕޯޓަރުންގެ ފޯރިގަދަކޮށް ފާހަގަކޮށްލެވުނު އިރު، އުސްގަނޑަކީ މުބާރާތް ބާއްވާ ހިތަދުއަށް ނިސްބަތްވާ ޓީމެކެވެ.

އުސްގަނޑުން މެޗު ކޮންޓްރޯލް ކުރި އިރު، މެޗުގެ ފަހުކޮޅުގައި ނެކްސަސްއަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އަނެއްކޮޅުން އުސްގަނޑަ ދިޔައީ ހަމަލާތައް ގިނަ ކުރަމުންނެވެ. ހަންނަގެ ބާރު ހަމަލާއެއް ގޯލްކީޕަރު ދިފާއުކުރި އިރު، އެ ބޯޅައިގެ ރީބައުންސް ލިރުއާމްއަށް ފަހުވި ނަމަވެސް، އޭނާގެ ހަމަލާ ދިޔައީ ބޭރަށެވެ.

އޭގެ އިރުކޮޅެއްފަހުން އުސްގަނޑަ ތިންވަނަ ގޯލެއްވެސް ޖެހިއެވެ. އަބްދުﷲ އިމްރާން ތަނަވަސްކޮށްދިން ފުރުސަތާއެކު އުސްގަނޑަށް ތިންވަނަ ގޯލް ޖަހައިދިނީ ހަންނައެވެ. ދެވަނަ ހާފްގައި އަޔާޒްގެ ޗަރުކޭސް ފެނިގެންދިޔަ އިރު، އެޓީމުގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީވެސް އަޔާޒެވެ. އަރިމަތިން ކުރިއަށް ޖެހި އަޔާޒް ޖެހި ބޯޅަ އަމާޒުކޮށްލީ ސީދާ މަތީ ކަނަށެވެ.

އުސްގަނޑުން ފޯމުގައި ކުޅެމުންދިޔަ އިރު، ފަސްވަނަ ގޯލެއްވެސް ޖެހިއެވެ. ފަސްވަނަ ގޯލް ޖަހައިދިނީ ކެޕްޓަން ލިރުއާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހަންނަ ހޮވުނު އިރު، އާގަލާއިން ހުށަހަޅާ ޔުނިކައި ބްރޭންޑްގެ ކިރުޕެކެޓާއި ވަގުތުގެ ޓްރޮފީ ހަވާލުކޮށްދެއްވީ އައިސީއެމްގެ ސީއީއޯ އިބްރާހީމް ދީދީއެވެ.

މިމަހުގެ 26 ވަނަ ދުވަހަށް އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

އެފްސީ އުސްގަނޑާއި ނެކްސަސް ކުޅުނު މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ ޔޫރޯ އަންލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.

މިއަހަރު ފައިނަލްގައި ވާދަކުރާނީ އުސްގަނޑާއި ޒެލޯންއެވެ. މުބާރާތުގެ ފައިނަލް އޮންނާނީ 26 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ 20:30 ގައި މެޗު ފެށޭ އިރު، ނިންމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ.