ދާދި ފަހުން ނިމިދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ 3ވަނަ ހޮވުމަށް ކުޅުނު މެޗުގައި ހިނގައި ދިޔަ ކަންތަކުގެ އަދަބެއްގެ ގޮތުން މެސީ އަށް ހީ ނުކުރާ ވަރުގެ ކުޑަ އަދަބެއް ކޮންމެބޮލް އިން ދީފިއެވެ.

ޗިލީ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ގެރީ މެޑެލް އާއި މެސީ އާއި ދެމެދު ހަމަނުޖެހުން ގަނޑެއް ހިނގުމުން ރެފްރީ ވަނީ ދެ ކުޅުންތެރިންނަށް ވެސް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއި އެކު މެސީ ވަނީ ދެކުނު އެމެރިކާގެ ފުޓުބޯޅަ އާއި ބެހޭ މައި އިދާރާ. ކޮންމެބޮލް އޮތީ ކޮރަޕްޓު ވެފައި ކަމަށް ބުނެ އެ އިދާރާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ.

މިކަންތަކުގެ ސަބަބުން ކުރިން ބެލެވިފައި އޮތީ މެސީ އަށް ވަރަށް ބޮޑު އަދަބެއް ލިބޭނޭ ކަމަށެވެ. ނަމަވެސް، ކޮންމެބޮލް އިން ވަނީ މެސީ 1500 އެމެރިކާ ޑޮލަރުން ޖޫރި މަނާކޮށް، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުން މެސީ ސަސްޕެންޑު ކޮށްފައެވެ. މިވަރުގެ ކުޑަ އަދަބެއް ދިނުމުން މެސީގެ ސަޕޯޓަރުން އެކަމާއި އުފާ ފާޅު ކުރަމުން އަންނަ އިރު، އަނެއް ބަޔަކު ބުނަމުން އަންނަނީ މެސީ އަށް ބޮޑު އަދަބެއް ލިބެން ޖެހޭ ކަމަށެވެ.

ކޮންމެބޮލް އިން މެސީ އަށް އަދަބު ދީފައި ވަނީ އެ މެޗު ތެރޭގައި މެސީގެ އަހުލާގު ގޯސް ވުމުންނާއި، ރެފްރީ އަށް އެއް އެއްޗެހި ކިޔުމުގެ އިތުރުން އެ އިދާރާގެ ހުރުމަތް ކެނޑުމުންނެވެ.