ފްރާންސްގެ ޗެމްޕިއަނުން ކަމުގައިވާ ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ދޫކޮށް ކުރީގެ ކްލަބު ބާސެލޯނާ އަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނަ ނޭމާ އެންމެ ފަހުން ޕީއެސްޖީގެ ތަމްރީނު ތަކުގައި ބައިވެރި ވެއްޖެއެވެ.

މީގެ ކުރިން ޕީއެސްޖީގެ ތަމްރީނު ތަކުގައި ބައިވެރި ނުވާނޭ ކަމަށް ނޭމާ ބުނެފައި ވީ ނަމަވެސް، ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ކްލަބުން ޗައިނާގައި ބާއްވާ ޕްރީ ސީޒަން ޓުއާ އަށް ނެގި ސްކޮޑުގައި ނޭމާ ވަނީ ހިމެނިފައެވެ. އަދި ނޭމާ ވަނީ ޓީމާއި އެކު ޗައިނާ އަށްވެސް ގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

ޕީއެސްޖީ އާއި އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓު ހަމަނުވާއިރު، އެ ކްލަބުން ނޭމާ ދޫކޮށްލަން އެހައި ބޭނުމެއްވެސް ނުވެއެވެ. ނަމަވެސް، ރަނގަޅު އަގެއް ކިޔައިފިނަމަ އެ ކްލަބުން އެކަން ކުރާނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދާދި ފަހުން ބާސާ އިން ގްރީޒްމަން އާއި އެނޫންވެސް ކުޅުންތެރިން ގަނެފައި ވާއިރު، ނޭމާ އަށް ބޮޑެތި އަދަދު ތަކުން ފައިސާ ހަރަދު ކުރަން އެ ކްލަބުގެ ބޯޑު މެމްބަރުން އެއްބަހެއް ނުވެއެވެ. އޭގެ ބަދަލުގައި ބާސާ އިން ބޭނުންވަނީ މަދު ފައިސާ ކޮޅަޅާއި ބާސާގެ ކުޅުންތެރިން ތަކެއް ނޭމާގެ ބަދަލުގައި ދޭށެވެ.

ކުޑަ ހުޅަށް ދިމާވި އަނިޔާ އެއްގެ ސަބަބުން ކޮޕަ އެމެރިކާ މުބާރާތުންވެސް ނޭމާ ފެނިފައި ނުވާއިރު، އޭނާ މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ. ޕްރީ ސީޒަން ޓުއާގައި ޕީއެސްޖީން އިންޓަ މިލާން އާއި އެސްޕަނިޔޯލް އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، އެ މެޗުތަކުން ނޭމާ ފެންނާނޭ ކަމަށް ބެލެވެއެވެ.