3-0 އިން މޮނާކޯ ބަލިކުރުމަށްފަހު ފްރެންޗް ލީގު ކަޕް ޕީއެސްޖީ އިން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ އަށްވަނަ މިނެޓްގައެވެ. ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ.

އަދި އެމްބާޕޭ ދިން ރީތި ޕާހަކުން މެޗުގެ 21 ވަނަ މިނެޓްގައި އެންހެލް ޑިމަރިޔާ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ޕީއެސްޖީ އިން ނިންމާލިއިރު މެޗުގެ ދެވަނަ ހާފްގައި މޮނާކޯ އިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އެޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޒުވާން މިޑްފީލްޑަރު ރޮނީ ލޮޕޭޒް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މޮނާކޯ އަށް ރަނގަޅު އިތުރު ފުރުސަތެއް މި ހާފުގައި ލިބިފައި ނުވާއިރު ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ކަވާނީއެވެ.

މިއީ ޕީއެސްޖީ ފްރެންޗް ލީގު ކަޕް ޖެހިޖެހިގެން ކާމިޔާބުކުރި ފަސްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފްރެންޗް ލީގު ކަޕް ޕީއެސްޖީ އިން ކާމިޔާބުކުރިއިރު ފްރެންޗް ލީގާއި ފްރެންޗް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް އެޓީމަށް އަދި އެބައޮތެވެ. އެގޮތުން ފްރެންޗް ލީގު އެއްވަނައިގައި 17 ޕޮއިންޓުގެ ލީޑަކާ އެކު ޕީއެސްޖީ އޮތްއިރު ފްރެންޗް ކަޕްގެ ސެމީއަށް އެޓީމު ވަނީ ދަތުރުކޮށްފައެވެ.