މިހާރު ކުރިއަށް ދާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕް ކަޕުގައި އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް ރެއަލް މެޑްރިޑު 7-3ން ބަލިވި މެޗުގައި ބޭލް ރެއަލް މެޑްރިޑްގެ ކޯޗު ޒައިނެއްދީން ޒިދާން އަށް ބެލުމަށް ފަހު ހޭން ފަށައިފިއެވެ.

މި މެޗުގައި ބޭލްވެސް ކުޅެން އަރާފައި ވާއިރު، ބޮޑު ނަތީޖާ އަކުން ރެއަލް ބަލިވާކަން އެނގުމުން ބޭލް ޒިދާން އަށް ބެލުމަށް ފަހު މަލާމަތް ކުރާ ގޮތަށް ހީފައި ވަނީ ދާދި ފަހުން ރެއަލް މެޑްރިޑަށް ބޭލް ބޭނުން ނުވާ ކަމަށް ޒިދާން ބުނެފައި ވަނިކޮށެވެ.

މި މުބާރާތުގައި ރެއަލް މެޑްރިޑުން މިހައިތަނަށް ކުޅުނު 2 މެޗުން ބަލިވެ 1 މެޗުން އެއްވަރުވެ ޕޮއިންޓް ތާވަލުގެ 9 ވަނާގައި އޮތް އިރު، ޒިދާން ވަނީ 7-3ގެ ބޮޑު ނަތީޖާ އަކުން ބަލި ވުމުން އެކަމާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

މިމެޗުގައި ޑިއޭގޯ ކޯސްޓާ 4 ލަނޑު ޖަހާފައި ވީ ނަމަވެސް، 65 ވަނަ މިނެޓުގައި ރެއަލްގެ ކާރްވަހަލް އާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދެ ކުޅުންތެރިންވެސް ދަނޑުން ފޮނުވާލާފައެވެ. އެތްލެޓިކޯގެ ދެން ހުރި ލަނޑުތައް ޖަހައިދިނީ ޒުވާން ތަރި ޖާއޯ ފެލިކްސް އާއި ކޮއްރެއާގެ އިތުރުން ވިޓޮލޯ އެވެ. ރެއަލްގެ 3 ލަނޑު ޖަހާފައި ވަނީ ނާޗޯ އާއި ބެންޒެމާގެ އިތުރުން ޒަވިއާ ހެނާންޑޭސް އެވެ.

ބޭލް ބާކީކޮށް ކުޅުމުގެ ވިސްނުން ޒިދާން ގެންގުޅޭ އިރު، ރެއަލްގެ ރައީސް ވަނީ ބޭލްގެ ބޭނުން ހިފުމަށް ޒިދާން ކައިރީ މީގެ ކުރިން ބުނެފައިކަން ފާހަގަކޮށްލެވެއެވެ.