ދާދި ފަހުން އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި އެންޓޮއިން ގްރީޒްމަން ހިތުގައި ޖެހިފައި ހުރިކަން އޭނާ ހާމަ ކޮށްފިއެވެ.

ޓްރާންސްފާ މާކެޓުގައި ގްރީޒްމަން ބާސާ އަށް ގޮސްފައި ވަނީ 107 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބާސާ އިން ގްރީޒްމަން ގަނެފައި ވަނީ ޖުލައި 1ގައި ގްރީޒްމަންގެ އަގު 180 މިލިއަން ޕައުންޑުން 107ށް ވެއްޓުމުންނެވެ. ނަމަވެސް، އެތްލެޓިކޯ އިން ބުނަމުން އަންނަނީ ގްރީޒްމަން އާއި ބާސާ އާއި ދެމެދު ޓްރާންސްފާގެ ވާހަކަތައް ޖުލައި 1ގެ މާ ކުރިން ފެށިފައިވާ ކަމަށާއި އެހެން ކަމުން ގްރީޒްމަންގެ ފުރިހަމަ އަގު ކަމުގައިވާ 180 މިލިއަން ޕައުންޑް އެ ކުލަބަށް ލިބެން ޖެހޭނޭ ކަމަށެވެ.

އެ ފައިސާ އަދިވެސް އެތްލެޓިކޯ އަށް ލިބިފައި ނެތުމުން ކޯޓަށް ދާނެކަން ހާމަ ކޮށްފައި ވާއިރު، މިހާރު މިވަނީ ސްޕެއިންގެ ފުޓްބޯޅަ އާއި ބެހޭ އިދާރާ ގައި ގްރީޒްމަންގެ ބާސެލޯނާ ރެޖިސްޓްރީ ބާތިލް ކޮށްދިނުމަށް އެދިފައެވެ.

މިއާއި އެކު ބާސާ އާއި އެކު މިހާރު ތަމްރީންތައް ހަދަމުން އަންނަ ގްރީޒްމަން ބުނެފައި ވަނީ ކުރީގެ ކްލަބުން ކަންތައް ކުރާ ގޮތުން ވަރަށް ހިތުގައި ޖެހިއްޖެ ކަމަށާއި، އޭނާ އެ ކްލަބު ދޫކޮށްލީ ސާފު ހިތަކައިގެން ނަމަވެސް، އެ ކްލަބުން އެގޮތަށް ނުދެކޭ ކަމަށެވެ.

މިދިޔަ އަހަރު ފްރާންސް އަށް ފީފާ ވޯލްޑް ކަޕުވެސް ހޯދައި ދީފައިވާ ގްރީޒްމަން ހުރީ ބާސާ ޖާޒީގައި މެސީ އާއި އެކު ކުޅުމަށް ކެތް މަދުވެފައެވެ.