ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ނޯވޭ އަށް ދަތުރު ކޮށްފިއެވެ.

އެ ކްލަބުން ކުރިއަށް ގެންދާ ޕްރީ ސީޒަން ޓުއާގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ނޯވޭ ހަމަޖެހިފައި ވާއިރު، މެންޔޫ އޮތީ ނޯވޭގެ ކްލަބެއް ކަމުގައިވާ ކްރިސްޓިއަންސަންޑް އާއި ދެކޮޅަށް މެޗެއްވެސް ކުޅުމަށް ހަމަޖެހިފައެވެ.

ނޯވޭ އަށް ޔުނައިޓެޑުގެ ކުޅުންތެރިން އައުމުން، އެ ގައުމުގައި ތިބި ގިނަ އަދަދެއްގެ ޔުނައިޓެޑު ސަޕޯޓަރުން ވަނީ އެ ކުޅުންތެރިންނަށް މަރުހަބާ ކިޔަން ގޮސްފައެވެ. މީގެ ތެރެއިން ވެސް އެންމެ ފާހަގަ ވެގެން ދިޔަ ކަމަކީ އެ ކްލަބު ދޫކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ މިޑްފިލްޑަރު ޕައުލް ޕޮގްބާ ސަޕޯޓަރުންނާއި އެކު ގިނަ އަދަދެއްގެ ފޮޓޯތައް ނަގާފައިވާ ކަމެވެ.

ފުޓްބޯޅަ ދިރާސަ ކުރާ ފަރާތްތަކުން ބުނާ ގޮތުން ޕޮގްބާ އެހެން ކަންތައް ކުރަމުން އަންނަނީ އޭނާ ޔުނައިޓެޑު ދޫކޮށްލުމަށް ފަހުގައި ވެސް، ސަޕޯޓަރުން އޭނާ ދެކެ ރުޅި އަންނަން ބޭނުން ނުވާތީއެވެ. ޔުނައިޓެޑާއި ކްރިސްޓިއަންސަންޑް ބައްދަލު ކުރާ މެޗު މިރޭ ރާއްޖެ ގަޑިން 22:00ގައި ފެށުމަށް ހަމަޖެހިފައި ވާއިރު، އެ މެޗުން ރޮމެލޫ ލުކާކޫ ފެނިގެނެއް ނުދާނެއެވެ.

ލުކާކޫވެސް ޔުނައިޓެޑު ދޫކޮށްލަން ތައްޔާރު ވެފައިވާ މި ދަނޑިވަޅުގައި އެ ކްލަބުގެ ކޯޗު ސޮލްސަޖާ ވަނީ އެ ޓްރާންސްފާގެ ކަންތައް ވަކި ގޮތަކަށް ނިމެންދެން ލުކާކޫ އަށް ޗުއްޓީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު