އެޑެން ހަޒާޑް ރެއާލް މެޑްރިޑްގެ ތަމްރީނުތަކާ ގުޅުނުއިރު ހުރީ ހުންނަން ޖެހޭ ވަރަށްވުރެ ހަތް ކިލޯ ބަރުކޮށް ކަމަށާއި، އެކަމުގެ ސަބަބުން ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް މާޔޫސްކަން ކުރިމަތިވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލްއަށް ބަދަލުވީ 140 މިލިއަން ޔޫރޯގެ އަގަކަށެވެ. ރެއާލްއިން އެތައް ދުވަހެއް ވަންދެން ހަޒާޑް ހޯދަން މަސައްކަތްކުރިއިރު، ހަޒާޑަށް އެންމެ ބޮޑަށް ތައުރީފްކުރީ ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާނެވެ. ޒިދާންގެ ބޮޑު އެދުމަށް ޕެރޭޒް، ހަޒާޑް ގެންދިޔައީ ކްލަބުގެ ހާލަތު ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ޕްރި ސީޒަންގެ މެޗުތަކުން އެ މަންޒަރު އަދި ފެނިފައެއް ނުވެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ ސްޕޯޓްއިން ބުނެފައި ވަނީ މޮންޓެރިއާލްގެ ތަމްރީނު ކޭމްޕާ ހަޒާޑް ގުޅުނުއިރު، އޭނާ ހުރީ ހުންނަން ޖެހޭ ވަރަށްވުރެ ހަތްކިލޯ ބަރުވެފައެވެ. ސީޒަން ބްރޭކްގައި ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ހަޒާޑް ބަރުވެފައި ހުރުމުން ކޯޗު ޒިދާންވެސް ހިތްހަމަ ނުޖެހިފައިވާއިރު، އެކަމާ ގުޅިގެން ޕެރޭޒް ވަނީ ޒިދާންއާ ވާހަކަ ދައްކާފައި ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.

އެގޮތުން ހަޒާޑްގެ މަސައްކަތުގެ ރޭޓާއި، ހަޒާޑްގެ ކުޅުމުގެ ސްޓައިލް ރެއާލްގައި އަދި ދެއްކިފައިނުވާތީ، ސީޒަންގައި ކާމިޔާބީތައް ހޯދުމަށް ހަޒާޑަށް ބަރޯސާ ވެވެން ނެތް ކަމަށް ޕެރޭޒް ފާހަގަކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޗެލްސީއާއެކު ހަޒާޑް މިދިޔަ ސީޒަން ނިންމާލީ ޔޫރޮޕާ ލީގު ތަށްޓާއެކު ރަނގަޅު ފޯމެއްގައި ހުރެގެންނެވެ. އެހެން ނަމަވެސް ރެއާލްގެ އެކުވެރިކަމުގެ މެޗަކުން ނަގާފައިވާ ފޮޓޯއަކުން ފެންނަ ގޮތުން، ހަޒާޑް ވަރަށް ބޮޑަށް ފަލަވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.