މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޔޫތް ޓީމުން އިންޑިއާގެ މުބާރާތެއްގައި ވާދަ ކުރުމަށްޓަކައި މިއަދު އެ ޤައުމަށް ފުރައިފިއެވެ.

އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ ޔޫތްގެ ނަމުގައި ބާއްވާ މި މުބާރާތުގައި ވާދަ ކުރުމަށް ފުރާފައި ވަނީ މާޒިޔާގެ 14 އަހަރުން ދަށުގެ ޔޫތް ޓީމު ކަމުގައި ވާއިރު، ބުރާސްފަތި ދުވަހު ފެށޭ މި މުބާރާތުގައި އިންޑިއާގެ ސުޕާ ލީގުގެ ޔޫތް ޓީމް ތަކާއި އެނޫންވެސް ބޮޑެތި ކްލަބު ތަކުގެ ޔޫތް ޓީމުތައް ވާދަ ކުރަން ވަނީ ހަމަޖެހިފައެވެ.

2017ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި މި މުބާރާތް އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި މުބާރާތަކީ އިންޑިއާގެ ޔޫތް ޓީމު ތަކުގެ ވާދަވެރިކަން އިތުރުކޮށް، އެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ބާއްވާ މުބާރާތަކެވެ.

މި މުބާރާތުގައި ވާދަ ކުރާ މާޒިޔާގެ ސްކޮޑުގައި 19 ކުޅުންތެރި އަކު ހިމެނޭ އިރުގައި، މިއީ މިފަދަ މުބާރާތެއްގައި ވާދަ ކުރުމަށް ރާއްޖެއިން ބޭރަށް ދިޔަ ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ކްލަބުކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާ އަކީ ދުނިޔޭގެ ފުޓްބޯޅާގައި މިހާރު އެންމެ ބާރަށް ކުރި އަރަމުން އަންނަ އެއް ޤައުމު ކަމުގައި ވާއިރު، މާޒިޔާގެ ޔޫތް ކުޅުންތެރިންނަށް މި މުބާރާތުގެ ސަބަބުން ބޮޑެތި ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އެފްއޭއެމް އިން 14 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ފެށުމަށް ތައްޔާރު ވަމުން އަންނަ މި ދަނޑިވަޅުގައި، މި މުބާރާތުގެ ސަބަބުން މާޒިޔާގެ ޓީމު، ޔޫތް ލީގުގައި ވާދަ ކުރާ އެހެން ޓީމު ތަކަށް ވުރެން ތަޖުރިބާގެ ގޮތުން މޮޅުވާނެ ކަމަށް ބެލެވެއެވެ.