ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ އަހަރު ކުޅުނު އަފްގާން ޑިފެންޑަރު ހާރޫން އަމީރީ، ނިއުގެ ނަމުގައި އޮޅުވާލައިގެން ވަގު ލިޔުންތަކެއް ހަދާ، ކުރިން ކްލަބުގެ ކޯޗު ކަމުގައި ހުރި އޮސްކާ ބުރުޒޯންގެ ސޮއި ފޯޖުކޮށްފައިވާ ކަމަށް މީޑިއާގައި މިއަދު ވަނީ އަޑު ފެތުރިފައެވެ. އެ ވާހަކަތަކަކީ އޭނާ ގުޅެން މަސައްކަތްކުރާ ކްލަބެއް ކަމަށްވާ އިންޑިއާ އައި ލީގުގެ ގޯކުމް ކެރަލާ އެފްސީއަށް ހުށަހެޅި ލިޔުންތަކަކާ ގުޅިގެން ކަމަށް ވެއެވެ.

"މިހާރު" ނޫހުން ބުނެފައިވާ ގޮތުގައި އަމީރީ ހުށަހެޅީ ނިއުއިން ރިލީޒް ދިންކަމުގެ ލިޔުމާއި ތާޑް-ޕާޓީ އޯނާޝިޕެއް ނެތް ކަމުގެ ލިޔުމެވެ. މި ދެ ލިޔުމަކީ ވެސް ކުޅުންތެރިޔަކު އާ ކްލަބަކާ ގުޅޭ ނަމަ ކުރީގެ ކްލަބުގެ ފަރާތުން ހުށަހަޅަން ޖެހޭ ދެ ލިޔުމެވެ. އެ ނޫހުގައި ބުނެފައި ވަނީ އެ ލިޔުމުގައި ކޯޗު ސޮއި ކޮށްފައިވާއިރު، އެއީ ވަގު ސޮއިއެއްކަން ފަޅާއެރީ ލިޔުމުގައި ތަށްގަނޑު ނެތިގެން ކްލަބުން އޮސްކާއަށް ގުޅުމުން ކަމަށެވެ. އަދި އޮސްކާ ބުނެފައި ވަނީ އަމީރީއަށް އޭނާ ލިޔުމެއް ދީފައި ނޯންނާނެ ކަމަށެވެ.

އެ މައްސަލަ ނިއުއިން ވަނީ ފީފާއަށްވެސް ހުށަހަޅަން ނިންމާފައެވެ. އަމީރީ ނިއުއާ މައްސަލަ ޖެހިގެން ފުރައިގެން ގޮސްފައިވާއިރު، ނިއުއިން އަމީރީއާއެކު ވެފައިވާ ކޮންޓްރެކްޓާ ހިލާފުވެފައިވާތީ ފީފާއިން ވަނީ ނިއުއަށް ހަރުކަށި އަދަބު ދީފައެވެ.

ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރަ ނުލިބިވާކަމަށް، އަމީރީ ފީފާއަށް މައްސަލަ ޖެއްސުމުން، ފީފާގެ ޑިސްޕައިޓް ރިސޮލިއުޝަން ޗެމްބާއިން ނިއުއަށް އަންގާފައި ވަނީ 45،636 ޑޮލަރު، 45 ދުވަހުގެ ތެރޭގައި އަމީރީއަށް ދިނުމަށެވެ. ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

ފީފާއިން ކުރިންވެސް ބުނެފައިވަނީ އެ އަދަދު 45 ދުވަހުގެ ތެރޭގައި ނުދެއްކިއްޖެނަމަ، ޓްރާސްފާ ބޭން ކުރާނެ ކަމަށެވެ. މޭމަހު 15 ވަނަ ދުވަހަށް އެ މުއްދަތު ހަމަވެފައިވާ އިރު، ފީފާއިން ބުނެފައި ވަނީ ތިން އަހަރު ދުވަހަށް ނިއުއަށް ލޯކަލް އަދި ބޭރުގެ އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރާނެ ކަމަށެވެ.

އަމީރީއާއެކު ނިއު ވެފައިވާ ކޮންޓްރެކްޓް ޑިސެންބަރަށް ހަމަވާއިރު، އޭނާއަކީ ފްރީ އެޖެންޓެއް ކަމަށް އޭނާ ބުންޏެވެ. އަދި ކުރީގެ ކްލަބަކުން އޭނާ ހޯދަން ޖެހޭ ލިޔުމެއް ނޯންނާނެ ކަމަށްވެސް އަމީރީ ބުންޏެވެ. އަދި ނިއުއިން ވާހަކަތައް ދައްކަމުންދާ ގޮތަށް ހިތްހަމަ ނުޖެހޭ ކަމަށްވެސް އަމީރީ ވަނީ ބުނެފައެވެ.

ނިއުއިން މިދިޔަ ސީޒަންގައި އެ ކްލަބަށް ކުޅުނު ލޯކަލް 10 ކުޅުންތެރިއެއްގެ މުސާރައިގެ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމްއިން ވަނީ އެ ކްލަބު ސަސްޕެންޑް ކޮށްފައެވެ.