ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ހޮވާ "ދަ ބެސްޓް" އެވޯޑުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ 10 ކޯޗުންގެ ނަން މިއަދު އިއުލާން ކޮށްފިއެވެ.

ފީފާއިން މިއަދު އާންމުކުރި ލިސްޓަކީ ފުޓުބޯޅައިގެ ތަޖުރިބާކާރުންގެ ޕެނަލަކުން ހޮވާފައިވާ ކޯޗުންނެވެ. އެ ކޯޗުން ހޮވުމުގައި ބަލާފައި ވަނީ 2018 ވަނަ އަހަރު ޖުލައި 16 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރު ޖުލައި 19 ވަނަ ދުވަހާ ހަމައަށް ކޯޗުން ހޯދާފައިވާ ކާމިޔާބީތަކަށެވެ.

ފީފާއިން އިއުލާން ކުރި ލިސްޓްގައި ޕްރިމިއާ ލީގުގެ ދެވަނައިގައި ނިންމާލާ، ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޔާގަން ކްލޮޕާއިން ލީގު ތަށި ނެގި ޕެޕް ގާޑިއޯލާވެސް ހިމެނިފައިވެއެވެ. އޭގެ އިތުރުން ޓޮޓެންހަމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕިއަން ޗެމްޕިއަން ލީގު ފައިނަލަށް އެޓީމު ގެންގޮސްދިން މައުރީސިއޯ ޕޮޗެޓީނޯ އަދި އަޔެކްސް ޗެމްޕިއަންސް ލީގުގައި ދެއްކި މޮޅު ކުޅުމުގެ ފަހަތުގައިވާ ކޯޗު، އެރިކް ޓެންހާގްވެސް ލިސްޓުގައި ހިމެނެއެވެ.

ރިވާޕްލޭޓަށް ކޮޕާ ލިބާޓަޑޯސް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ގަލާޑޯއަށްވެސް ގަދަ 10 އަކުން ޖާގަ ލިބުނުއިރު، ބްރެޒިލްއާއެކު ކޮޕާ އެމެރިކާ އުފުލާލި ޓީޓޭވެސް ވަނީ ލިސްޓަށް ނޮމިނޭޓް ވެފައެވެ. މިދިޔަ އަހަރު ފީފާގެ އެންމެ މޮޅު ކޯޗަކަށް ހޮވުނު ފްރާންސްގެ ޑިޝޭމްޕްސް މިފަަހަރުވެސް ނޮމިނޭޓްވެފައިވާއިރު، އަލްޖީރިއާއަށް އެފްރިކަން ކަޕްގެ ތަށި ހޯދައިދިން ޖަމެލް ބެލްމާދީވެސް ލިސްޓްގައި ހިމެނެއެވެ.

ޕެރޫގެ ކޯޗާއި ޕޯޗުގަލްގެ ކޯޗުވެސް ލިސްޓްގައި ހިމެނޭއިރު، އެ ލިސްޓް ފީފާއިން ދެން ކުޑަކުރާނީ ތިން ކޯޗުންނަށެވެ. އެ ކޯޗުންގެ ތެރެއިން އެންމެ މޮޅު ކޯޗަކު ހޮވުމަށް ވޯޓުލާނީ ސަޕޯޓަރުންގެ އިތުރުން ގައުމީ ޓީމުތަކުގެ ކޯޗުންނާ ކެޕްޓަނުން އަދި ނޫސްވެރިންނެވެ. ފީފާގެ "ދަ ބެސްޓް" އެވޯޑު ހަފްލާ އޮންނާނީ ސެޕްޓެންބަރު 23 ވަނަ ދުވަހު މިލާންގައެވެ.