ކުރިއަށް އޮތް އަންހެން ވޯލްޑް ކަޕްގައި 32 ޓީމު ވާދަކުރާ ގޮތަށް ފީފާއިން ނިންމައިފިއެވެ.

އަންހެން ވޯލްޑް ކަޕް މިއަހަރު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ދެން ވޯލްޑް ކަޕް އޮންނާނީ 2023 ވަނަ އަހަރުއެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި 24 ގައުމަކުން ވާދަކުރިއިރު، އެ އަދަދު 32 އަކަށް މިވަނީ އިތުރު ކޮށްފައެވެ. ފީފާއިން ބުނެފައި ވަނީ އަންހެން ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރަން ނިންމީ މިއަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ކާމިޔާބީއަށް ބަލާފައި ކަމަށެވެ.

2023 ވަނަ އަހަރުގެ އަންހެން ވޯލްޑް ކަޕް ބާއްވަން ބޭނުންވާ ގައުމުތަކަށް އޮކްޓޯބަރު ހަތަރުވަނަ ދުވަހު ބިޑަށް ހުޅުވާލާއިރު، ލަފާކުރެވޭ ގޮތުގައި ނުވަ ގައުމަކުން އަންހެން ވޯލްޑް ކަޕް ބޭއްވުމަށް ބިޑްކުރާނެއެވެ.

އަންހެން ވޯލްޑް ކަޕާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ބުނެފައި ވަނީ، މިހާރުވެސް މުބާރާތް ކުރިއަށްދާ ރަނގަޅު "މޮމެންޓަމް"ގައި ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، ފީފާއިން ނިންމި ނިންމުމާއެކު އިތުރު އަށް ގައުމަކަށް އަންހެން ފުޓުބޯޅައިގެ އެހެން ލެވެލްއަކަށް ގެންދިޔުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އިންފެންޓީނޯ ބުނެފައި ވަނީ އަންހެން ވޯލްޑް ކަޕްގެ ސަބަބުން، އެކިއެކި ގައުމުތަކުގައި އިންފްރާސްޓްރަކްވާ ތަރައްގީވެ، އަންހެން ފުޓުބޯޅަ ތަރިން އުފެއްދުމުގެ މަސައްކަތަށް ކުރިއެރުންތައް ލިބެމުންދާ ކަމަށެވެ.

އެންމެފަހުން ދެއަހަރުވެސް އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަކީ އެމެރިކާއެވެ.