ލަލީގާ ޗެމްޕިއަން ފުޓްބޯލް ކްލަބު ބާސެލޯނާގެ ޖެނެރަލް މެނޭޖަރުގެ މަގާމު އެ ކްލަބުގެ ލެޖެންޑް ކާލެސް ޕުޔޯލް އަށް ހުށަހަޅައިފިއެވެ.

ބާސާ އަށް 15 އަހަރު ވަންދެން ކުޅެދީފައިވާ ޕުޔޯލް މީގެ ކުރިންވެސް އެ ކްލަބުގެ އިސް މަގާމެއް ފުރާފައި ވީ ނަމަވެސް، 2015ވަނަ އަހަރު ޒުވާން ކުޅުންތެރިން ތަކެއް ސޮއި ކުރުމާއި ގުޅިގެން ބާސާ އަށް އައި ޓްރާންސްފާ ބޭން އާއި އެކު ޕުޔޯލް ވަނީ އެ މަގާމު ދޫކޮށްލާފައެވެ.

ފާއިތުވެދިޔަ މަސް ތަކުގައި ބާސާ އިން ވަނީ އެ ކްލަބުގެ އިސް މަގާމުތަކަށް ކުރީގެ ކުޅުންތެރިން ގެންނަން މަސައްކަތް ކޮށްފައެވެ. އެހެންކަމުން ޕުޔޯލް މި މަގާމާއި ހަވާލު ވެއްޖެ ނަމަ، އޭނާގެ ކުރީގެ ޓީމް މޭޓުން ކަމުގައިވާ އެރިކް އަބިޑާލް އާއި ޕެޓްރިކް ކްލިއުވާޓްގެ އިތުރުން ވިކްޓާ ވަލްޑޭސް ފަދަ ކުޅުންތެރިން ނާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަނެއްކާވެސް އޭނާ އަށް ލިބިގެން ދާނެއެވެ.

އުމުރުން 41 އަހަރުގެ ޕުޔޯލް ހޯދާފައިވާ ބައެއް ކާމިޔާބީ ތަކަށް ބަލައިލާ އިރުގައި ބާސާ އާއި އެކު 6 ފަހަރަށް ލަލީގާ ކާމިޔާބު ކުރުމާއި، 3 ފަހަރެއްގެ މަތިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ސްޕެއިން އާއި އެކު 2010ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް އެ ޤައުމަށް ކާމިޔާބު ކޮށްދިނުން ވެސް ހިމެނެއެވެ.