އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކްލަބު، މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ޕައުލޯ ޑީބާލާ ގާތު ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޑީބާލާ ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަމުންދާއިރު، ޔުނައިޓެޑަށް ދިޔުމުގެ ވިސްނުމާ ގުޅޭގޮތުން ޑީބާލާ ވަނީ ރޮނާލްޑޯގެ ލަފާ ހޯދާފައެވެ. އިނގިރޭސި މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ޔުނައިޓެޑުން ޑީބާލާ ގެންދަން ވިސްނަނީ ބަދަލުގައި ރޮމެލޫ ލުކާކޫ ދިނުމަށްފަހުގައެވެ.

ޕޯޗުގީޒްގެ ލިސްބަންއިން ޔުނައިޓެޑަށް ބަދަލުވެ، ރޮނާލްޑޯ ވިދާލީ ޔުނައޓެޑްގައެވެ. އެލްކްސް ފާހަގަސަންގެ ކޯޗުކަމުގެ ދަށުގައި ރޮނާލްޑޯގެ މަގުބޫލުކަން ބޮޑުވެގެންދިޔައިރު، އޭނާ ވަނީ ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. އަދި ދުނިޔޭގެ އެއްވަނަ މަގާމަށް ރޮނާލްޑޯ ވާސިލްވެފައި ވަނީވެސް ޔުނައިޓެޑްގެ ބޮޑު އެހީއަކާ އެކީގައެވެ.

ރޮނާލްޑޯ ބުނެފައި ވަނީ އޭނާ ޗެމްޕިއަނަކަށް ހަދާދިނީ ޔުނައިޓެޑުން ކަމަށެވެ.

އުމުރުން 25 އަހަރުގެ ޑީބާލާއަކީ ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ފާރަލަމުންދާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަންގައި ޑީބާލާގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ނުފެނުނު ނަމަވެސް، އޭނާ ވަނީ 10 ގޯލް ޖަހާފައެވެ. އަދި އޭގެ ކުރިން ސީޒަންގައި ޗެމްޕިއަންސް ލީގުގައިވެސް ޑީބާލާ ވަނީ ޔުވެންޓަސްއަށް މުހިއްމު ކުޅުމެއް ދައްކާފައެވެ.

ޑީބާލާގެ ކުޅުން އެންމެ ބޮޑަށް ގެއްލިގެން ދިޔަ ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވަނީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ޖުވެންޓަސްއާ ގުޅުނު ހިސާބުންނެވެ. އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ކުޅުމުގެ ސަބަބުން ޑީބާލާ އަދި ޓީމާ ގުޅިފައިނުވާއިރު، އޭނާއަށް ގައުމީ ޓީމުގެ ފުލް 11އިންވެސް މިހާރަކަށް އައިސް ފުރުސަތު ލިބިފައެއް ނުވެއެވެ.