އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އެސޯސިއޭޝަންސް ކޮމިޓީގެ މެމްބަރަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އައްޔަން ކޮށްފިއެވެ.

ބައްސާމް އެމަގާމަށް އައްޔަން ކޮށްފައިވާއިރު، އެ ކޮމިޓީއަކީ އެސޯސިއޭޝަންތަށް ހިންގުމުގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާ ކޮމިޓީއެވެ.

ބައްސާމް އެމަގާމަށް އައްޔަން ކުރުމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ، އެއީ ރާއްޖެއަށް ލިބިގެންދިޔަ ޝަރަފުވެރި މަގާމެއްް ކަމަށެވެ. އެގޮތުން މެމްބަރު އެސޯސިއޭޝަންތަކުގެ މެންޑޭޓުތައް ބަލަހައްޓާ ކޮމިޓީގައި ދިވެހި ބޭފުޅަކު އިނުމަކީ ލިބިގެންދާ ފަހުރެއް ކަމަށް ޖަވާ ވިދާޅުވިއެވެ.

އޭއެފްސީގެ މަގާމަކަށް ބައްސާމް އައްޔަން ކޮށްފައިވާއިރު، ބައްސާމް އަބަދުވެސް ފާހަގަކޮށްލެވެނީ އޭއެފްސީއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއްގެ ގޮތުގައެވެ. ހާއްސަކޮށް އޭއެފްސީގެ ރައީސް، ޝެއިހް ސަލްމާނާ ބައްސާމް ފެންނަނީ ގާތް ދެ ބޭފުޅުންގެ ގޮތުގައެވެ.

އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް ހުންނެވިއިރު، ފުޓުބޯޅައިގެ ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ބައްސާމްގެ ލީޑާޝިޕަށް ފާޑު ކިޔާފައެވެ. ބައްސާމް މަގާމުން ދުރުކުރުމަށް ދާދިފަހުން ބައެއް ކްލަބުތަކުން މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ. ބައްސާމް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ޒައާމަތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލު އުޖާލާ ކުރެއްވުމަށް ކަމަށެވެ.

އޭގެ ދަށުން އެފްއޭއެމްއިން ވަނީ "ޓުވާޑް ފިއުޗާ" ބެނާގެ ދަށުން ހާއްސަ ހަރަކާތްތަކެއްވެސް ފަށާފައެވެ.