ގައުމީ ޓީމަށް މުހިއްމީ ވަކި ކުޅުންތެރިޔަކު ނެގުން ނޫން ކަމަށާއި، މުހިއްމީ ނަތީޖާ ނެރުން ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ދާދިފަހުން މޮރިޝަސްގައި ކުރިއަށްދިޔަ އައިއޯއައިޖީގައި ރާއްޖޭގެ ވަފުދުން ވިދާލިއިރު، އެންމެ ޗޮކުން ދިޔައީ ފުޓުބޯޅައެވެ. ކުޅުނު ހުރިހާ މެޗަކުން ބަލިވެގެން އައިއިރު، ޓީމަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެވިފައެއް ނުވެއެވެ. ގައުމީ ޓީމަށް މިއަހަރު ކުރިއަށް އޮތީ މުހިންމު މެޗުތަކެކެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ރާއްޖެއަށް އެންމެ މުހިންމުވާ ސަބަބަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް އޮތް ފުރުސަތަކީވެސް އެއީ ކަމަށްވާތީއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު، އެންމެ ތަޖުރިބާކާރު އެއް ކޯޗު، އަދި މިހާރު އަލީ އަޝްފާގު (ދަގަނޑޭ) ކުޅެމުން އަންނަ ގްރީންގެ ސުޒޭންއާ ގައުމީ ޓީމާ ގުޅުވައިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ޓީމަށް މުހިއްމީ ނަތީޖާ ނެރުން ކަމަށެވެ.

"ގައުމީ ޓީމަށް ވަކި ކުޅުންތެރިއެއް ނެގުމެއް ނޫން މުހިއްމީ. ގައުމީ ޓީމަށް މުހިއްމީ ނަތީޖާ ނެރުން. ނަތީޖާ ނެރެން އަޝްފާގަކީ މުހިއްމު ކުޅުންތެރިއެއް ކަމަށްވާނަމަ އޭނަވެސް ބައިވެރި ކުރަންވީ. ނަތީޖާ ނެރެން އުމައިރަކީ މުހިއްމު ކުޅުންތެރިއެއް ކަމަށް ވަންޏާ އޭނާވެސް ބައިވެރި ކުރުވަންވީ،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދަގަނޑޭއާއި މިހާރުގެ ކޯޗު ޕީޓާ ސެގެޓާ މެދު ނުތަވަސްކަމެއް ކަމެއް އުފެދި، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ދަގަނޑޭ ބޭރު ކުރުމަށްފަހު އަދި ދަގަނޑޭ ޓީމަށް ނަގާފައެއް ނުވެއެވެ. އެކަމާ ގުޅިގެން ކޯޗު ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، ވޯލްޑް ކަޕް ކޮލިފިކޭޝަންގައިވެސް ނަތީޖާ ނެރުމަށް ދަގަނޑޭ މުހިއްމުވާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ގްރީންގައި އޭނާ ދައްކަމުންދާ ފޯމަށްވެސް ބެލުމަށްފަހުއެވެ.

ސުޒޭން ބުނެފައި ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ލައްވާލީ އުންމީދީ ގްރޫޕެއްގައި ކަމަށާއި، ތައްޔާރީތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ވޯލްޑް ކަޕް ކޮލިފައިންގައި މިއޮތީ ވަރަށް އުންމީދީ ގްރޫޕެއްގައި. އެއީ މިހާރު އޮތް ގޮތަށް ބަލާއިރު، ގުއާމްއަކީވެސް އެންމެ ވަރުގަދަ ޓީމެއް ނޫން. ފިލިޕީންސާ ސީރިއާ ދެން މިއޮތީ. ސީރިއާގެ އަމިއްލަ ގައުމުގައެއްވެސް ނޫން ހޯމް މެޗުތައް ކުޅޭނީ. އެހެންވީމާ ރާއްޖޭގެ ތައްޔާރީތައް ރަނގަޅު ކޮށްފިއްޔާ ހަމަގައިމުވެސް ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރަނގަޅު ނަތީޖާ ތަކެއް ނެރެވޭނެ. ފުރަތަމަ އަވޭ މެޗު ގުއާމްގައި މި ކުޅެނީ، ޓާފް ދަނޑެއްގައި މިއޮތީ، އެވެސް ހަމަ ތައްޔާރީތައް ރަނގަޅު ކޮށްފިނަމަ، ނެގޭނެ މެޗެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނެފައި ވަނީ ކޯޗަށް ވިސްނޭ އެންމެ ރަނގަޅު ބަޔަކު ނަގައިގެން ކުރިއަށް ދާންވީ ކަމަށާއި، ކޯޗަށް ފުޓުބޯޅައިގެ ތެރެއިން ކުރަން އޮތް ހުރިހާ ކަމަކަށް ބަރާބަރަށް އެއްބާރުލުން ދޭން ތައްޔާރަށް ހުރި ކަމަށެވެ. އެގޮތުން ލަބާން ގައުމީ ޓީމަށް ނަގާފައި އޮތްއިރު، މާދަމާއިން ފެށިގެން ތަމްރީތަކަށް ނެރުނަސް މައްސަލައެއް ނެތް ކަމަށާއި، މެޗު ކުޅޭ އެއް ދުވަހު ކުރިން ދޫކޮށްލީމަ އެހިސާބުން ނިމުނީ ކަމަށް ސުޒޭން ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު ބްރޭކަކަށްފަހު އަނެއްކާވެސް މިއަދު ފަށާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރީން ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. ސުޒޭން ބުނެފައި ވަނީ މިދިޔަ އެއް މަސް ދުވަސް ތެރޭ މަސައްކަތް ކުރީ ކުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެވޭތޯ ކަމަށާއި، އޭގެ ކުރިއެރުންތަކެއްވެސް ފެނިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސދފސދ

    ގައުމީ ޓީމުގެ ކޯޗް ތިއީ ސިޔާސީ ކޯޗެއް.

    13
  2. ޑީޑީ

    މަރުޙަބާ! ސުޒޭން. ސުޡޭން އަކީ ތިކަން ކުރެވޭނެކަން ސާބިތު ކޮށްދެމުން ދާ ކޯޗެއް! ތިކަން ކުރެވޭނެ! އިންޝާ ﷲ

    18
    2
  3. ގޮޅާ

    ދެންހަމަ ވާހަކަ ދައްކަނީ މީނައަކީ އެކައްޗެއްވެސް އެނގޭ ބުރާންޗެއް ނޫން މާވަރަކައް ފުއްޕަނީ

    • މަ

      ދެން މި ނޭގޭމީހަ މިހުރިހާ ކަމަކށް ބަސް ކިޔަން މިޖެހެނީ.. ސުޒޭނަކީ ރާއްޖޭގެ ފުޓުބޯޅަ އަށް ހަމަ މަރެއް