ބްރޭކަކަށްފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މިއަދު އަނެއްކާވެސް ފެށޭއިރު، ކްލަބުތަކަށް ވަނީ ހުސްކޮށް މަހެއްހާ ދުވަސް ލިބިފައެވެ. ސީޒަންގެ ފުރަތަމަ ހަތަރު ވަރަކަށް މެޗުގައިވެސް ނިލަންދޫއަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރު ނުވެވޭކަން ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ފާހަގަކުރިއިރު، ލިބުނު ބްރޭކްގައިވެސް ހިތްހަމަ ޖެހޭ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިލަންދޫން ނުކުންނައިރު، ފެސްކޯ ބުނެފައި ވަނީ ބައެއް ހާލަތްތައްވެސް ދިމާވެ، ތައްޔާރު ނުވެވުނު ކަމަށެވެ.

"އެކަށީގެންވާ ވަގުތު ލިބިއްޖެ ތައްޔާރުވާން. ދެން ހުރި ކަންތައްތަކުގެ ވާހަކަ ދެން އެހާ ބޮޑަށް ދައްކާކަށް ނެތިން. ކޯޗެއްގެ ހައިސިއްޔަތުން އެންމެ ހިތްހަމަ ޖެހޭ ވަރަކަށް ތައްޔާރެއް ނުވެވޭ. އެއީ ދެން ބައެއް ހާލަތްތައްވެސް ދިމާވީމަ އެކަމާ ޒިންމާވާން ޖެހޭ ބަޔަކުވެސް ތިބޭނެ. އެކަން އެނގެންވެސް އެނގޭނެ. ސަބަބުތައްވެސް އެނގޭނެ،" ފެސްކޯ ބުންޏެވެ.

ނިލަންދޫއަށް ކިންގްސްލީ ގެނެސްފައިވާއިރު، އޭނާއާއެކު އެކަށީގެންވާ ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވިފައި ނުވާ ކަމަށްވެސް ފެސްކޯ ބުންޏެވެ.

"ބޭރު ހަތަރު ކުޅުންތެރިންގެ ނަން އެބައިން ލިސްޓްގައި ޖަހާފައި. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކު މިހާރު ޓީމާ ގުޅިއްޖެ. ފިޒިކަލީ ވަރަށް ރަނގަޅަށް ހުރީ. މާ ބޮޑު ފަރިތަކުރުންތަކެއް ކިންގްސްލީއާއެކު ކުރެވޭ ގޮތަކަށް ނޫން ކަންތައްތައް މިވީ. ކިންގްސްލީ މާލެ އައިސް ހަފްތާއެއް ވަރު މިވީ ޓީމައެކު. ދެން އޭގެ ތެރެއިން ރަނގަޅު ވަގުތަކެއް ފަރިތަކުރުންތަކުގައި ބޭނުން ކުރެވިއްޖެ. ފިޒިކަލީ ކޮންޑިޝަން ރަނގަޅު. ކުޅުންތެރިންގެ އެވޭލިބިލިޓީ އެއީ ވަރަށް ބޮޑު ބޮލުރިހުމަކަށް ވެފައި އޮތީ. އެކަމާހުރެ ވާން ޖެހޭ ތައްޔާރީތަކެއް ނުވެވުނު،" ފެސްކޯ ފާހަގަކުރިއެވެ.