މެންޗެސްޓާ ސިޓީއަކީ ބޭނުން ވަގުތެއްގައި، ބޭނުން ކުޅުންތެރިޔަކު ގެންނަ ކްލަބެއް ކަމަށާއި، ސީޒަނެއްގައި އެ ކްލަބުން 200 މިލިއަން ޕައުންޑް ޓްރާންސްފާއަށް ހޭދަކުރާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނުމުން، ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ރުޅި ގަދަވެއްޖެއެވެ.

ސިޓީއާއި ލިވަޕޫލް، ފަހަކަށް އައިސް ވަރަށް ބޮޑަށް ވާދަވެރިކޮށް ފެންނައިރު، އެ ދެޓީމުން ސީޒަންގެ ފުރަތަމަ މެޗަށް، އަންނަ އާދީއްތަ ދުވަހު ނުކުންނާނެއެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ޝީލްޑް މެޗަށް ދެޓީމުންވެސް ތައްޔާރުވަމުންދާއިރު، ދެ ކޯޗުންގެ ބަހުގެ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. ސިޓީން ކާމިޔާބު ގަންނަ ކަމަށް ދޭހަވާގޮތަށް ކްލޮޕް ބުނި ބުނުމަކާ ގުޅިގެން ގާޑިއޯލާ ބުނީ އެއީ ހުސް ދޮގު ކަމަށެވެ.

"ކްލޮޕް ދައްކާ ވާހަކަ އަހަންނަށް ކަމަކު ނުދޭ. އަދި އެކަމާ ކަންތައްވެސް ބޮޑުވޭ، އެއީ ދޮގު ހަދާތީ. އަހަރެމެން ކޮންމެ ސީޒަނަކަށް 200 މިލިއަން ޕައުންޑް ހަރަދެއް ނުކުރަން. މިދިޔަ ޓްރާންސްފާ ސީޒަންގައިވެސް އެންމެ ކުޅުންތެރިޔަކަށް 17 މިލިއަން ޕައުންޑް ދީފައި ގެންދޔައީ،" ޕެޕް ބުންޏެވެ.

ގާޑިއޯލާ އެހެން ބުނި ނަމަވެސް ސިޓީން ވަނީ މިދިޔަ ސީޒަނަށްވެސް ހަރަދުތަކެއް ކޮށްފައެވެ. ކްލަބު ރެކޯޑު އަގަކަށް މަހަރޭޒް ގެންދިޔައިރު، އެއީ 60 މިލިއަން ޕައުންޑްގެ ޓްރާންސްފާއެކެވެ. އެހެން ނަމަވެސް ގޯލްކީޕަރު އަންގުސް ގުމްއާއި ބްރަހިމް ޑިއާޒް ވިއްކާލާ، ގާޑިއޯލާ ވަނީ ޓްރާންސްފާގެ ހަރަދު ބޮޑުތަކުން ކުޑަކޮށްލާފައެވެ.

އެއާ ހިލާފަށް، ލިވަޕޫލުން މިދިޔަ ސީޒަންގައި ވަނީ ހަތަރު ކުޅުންތެރިޔަކަށް 172 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ގޮތުގައި އޭރު ގެންދިޔަ ވާޖިލް ވެންޑައިކްވެސް ހިމެނެއެވެ. އެހެން ނަމަވެސް ލިވަޕޫލުންވެސް ކުޓީނިއޯ ބާސާއަށް ފޮނުވާލާ ފައިދާ ހޯދިއިރު، މިފަހަރުގެ ހަރަދުކުރީ 1.7 މިލިއަން ޕައުންޑެވެ. އެއީ ނެދަލޭންޑްސްގެ ވެން ޑެން ބާގް ގެންދިޔުމަށެވެ.

ގާޑިއޯލާ ބުނެފައި ވަނީ އޭނާ ހަވާލުވި ފުރަތަމަ ސީޒަންގައި ޓީމު ބަދަލުކުރަން ޖެހިފައި އޮތް ކަމަށާއި، ގިނަ ކުޅުންތެރިންތަކެއްގެ އުމުރު 30 އިން މައްޗަށް ޖަހާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެފަހުން ބޮޑެތި ހަރަދުތަކެއް ނުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.