މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޔޫތް ޓީމުން އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މާޒިޔާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެފައިވާއިރު، އެޓީމުން ސެމީ ގައި ހުންނާނީ ޗެންނާއިިޔެން އެފްސީއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން މާޒިޔާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ރިލަޔަންސް އެކަޑެމީއާ ދެކޮޅަށް ކުޅެ މާޒިޔާ ބަލިވި ނަމަވެސް، އެ މެޗުގައިވެސް މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ މެޗުގައި ފަސްޓް ކިކް އެސްއެސްއޭއާ ވާދަކޮށް، މާޒިޔާއިން 6-0އިން މޮޅުވިއިރު، މިއަދު މޮޅުވީ ސްޕޯޓްސް ނޭޝަން އަތުންނެވެ.

2017ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި އޮންޓަނޭޝަނަލް ކަޕް އޮފް ޖޯއީއަކީ އަހަރަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތަކީ އިންޑިއާގެ ޔޫތް ޓީމުތަކުގެ ވާދަވެރިކަން އިތުރުކޮށް، އެ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައި ދިނުމުގެ ގޮތުން ބާއްވާ މުބާރާތަކެވެ.

އިންޑިއާ އަކީ ދުނިޔޭގެ ފުޓްބޯޅާގައި މިހާރު އެންމެ ބާރަށް ކުރި އަރަމުން އަންނަ އެއް ޤައުމު ކަމުގައި ވާއިރު، މާޒިޔާގެ ޔޫތް ކުޅުންތެރިންނަށް މި މުބާރާތުގެ ސަބަބުން ބޮޑެތި ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އެފްއޭއެމް އިން 14 އަހަރުން ދަށުގެ ފުޓްބޯޅަ ލީގެއް ފެށުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި، މި މުބާރާތުގެ ސަބަބުން މާޒިޔާގެ ޓީމު، ޔޫތް ލީގުގައި ވާދަ ކުރާ އެހެން ޓީމު ތަކަށް ވުރެން ތަޖުރިބާގެ ގޮތުން މޮޅުވާނެ ކަމަށް ބެލެވެއެވެ.