އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާއެކު ކްލަބު ގްރީން ސްޓްރީޓްސްއިން ނިލަންދޫ ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބްރޭކަކަށްފަހު މިއަދު ކުޅުނު މެޗުން ގްރީން މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ އިންޑިއަން އައިލެންޑް ގޭމްސްއަށް ގައުމީ ޓީމު ދިޔުމަށް ނެގި ލީގު ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗެވެ.

މިއަދުގެ މެޗުން މޮޅުވެ ގްރީންއިން ތާވަލުގެ ތިންވަނައަށް ޖެހިލީ ފަސް މެޗުން އަށް ޕޮއިންޓާ އެކުގައެވެ. ނިލަންދުއަށް މޮޅެއް ނުލިބި ތާވަލުގެ ފުލުގައި އޮތްއިރު، ބްރޭކާއެކުވެސް އެޓީމަށް އެންމެ އެދެވޭ ތައްޔާރީތަކެއް ނުވެވުނު ކަމަށް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ބުނެފައެވެ. ފެސްކޯ އެހެން ބުނެފައިވާއިރު، ޓީމަށް ގެންނަން މަސައްކަތް ކުރާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ކިންގްސްލީވެސް ޓީމާ ގުޅުނީ މިދިޔަ ހަފްތާގައެވެ.

ބައެއް ކަންކަން ހަމަނުޖެހި އޮތުމުން ކިންގްސްލީއަށް މިއަދުގެ މެޗުވެސް ކުޅެވިފައިނުވާއިރު، ގްރީންގެ ކޯޗު އަލީ ސުޒޭން މެޗުގެ ކުރިންވެސް ބުނީ ޓީމުން ކުރިއެރުންތަކެއް ފެންނާނެ ކަމަށެވެ. މެޗު އެއްކޮށްހެން ކޮންޓްރޯލް ކޮށްގެން ކުޅުނު ގްރީންގެ ފަރާތުން އެ ތަފާތުވެސް ފެނުނެވެ. ހާއްސަކޮށް ދަގަނޑޭއާއި މުހައްމަދު އުމައިރު އަދި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންގެ ފަރާތުން މިއަދު ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ.

ބަކާގެ ޕާހަކަށް ކުރިއަށް ދުވެ، ނިލަންދޫގެ ޑިފެންޑަރު ނައްޓާލުމަށްފަހު ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލި ހިތްގައިމު ހަމަލާއާއެކު ދަގަނޑޭ ގްރީންއަށް ލީޑު ނަގައިދިނީ ފަސް މިނެޓްވެސް ނުވަނީހެވެ. ދަގަނޑޭގެ ގޯލާއެކު މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ގްރީންއިން ހަމަލާތައްވެސް ގިނައިން ފެނުނުއިރު، ހާއްސަކޮށް ދަގަނޑޭގެ ހަމަލާތައް ގިނަކަން ފާހަގަކޮށްލެވުނެވެ.

މެޗުގެ 27 ވަނަ މިނެޓްގައި އިބްރާހީމް ރިޒުހާން (ރިޒްކޮ)ގެ ގޯލުން ގްރީން ލީޑު ފުޅާކުރިއިރު، ދެވަނަ ހާފްގައިވެސް ފެނުނީ މުޅިންހެން ގްރީންގެ ހަމަލާތަކެވެ. ދެވަނަ ހާފްގައި އަބްދުﷲ ޔާމީން (ޔާން) ކުޅެން ނުކުމެ، އޭނާގެ ނުރައްކާވެސް ފެނިގެންދިޔައިރު، ތިންވަނަ ގޯލް ތަނަވަސް ކޮށްދިނީވެސް ޔާންއެވެ. ޔާންގެ ޕާސް ގޯލަށް ނިންމާލީ އުމައިރެވެ.

ދަގަނޑޭ ފުލުފުލުގައި ދެ ގޯލް ޖަހާ ހެޓްރިކް ފުރިހަމަ ކުރިއިރު، ގްރީންއިން ނަތީޖާ 5-0 އަކަށް ބަދަލުކޮށްލިއެވެ. ދަގަނޑޭއާއި ޔާންގެ ކޮމްބިނޭޝަން ރަނގަޅުކޮށް އަބަދުވެސް ފެންނައިރު، ޔާން ވަނީ ދަގަނޑޭއަށް އިތުރު ފުރުސަތުތަކެއްވެސް ފަހިކޮށްދީފައެވެ. ދަގަނޑޭ ގޯލްކީޕަރު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލައެއް ނިލަންދޫ ޑިފެންޑަރު ރޮނގުމަތިން ކަހަލަ ގޮތަކަށް ސާފްކޮށްލިއިރު، ހަވަނަ ގޯލް ޖެހީ ޔާންއެވެ.

ދަގަނޑޭގެ ޕާސް ޔާނު ގޯލަށް ވައްދާލީ ފުރިހަމަ ކޮންފިޑެންސާއެކުއެވެ. ލީގު އަލުން ފަށާފައިވާއިރު، މިރޭވެސް އިތުރު މެޗެއް އޮންނާނެއެވެ.

މިރޭ އޮންނަ މެޗުގައި މާޒިޔާ ނުކުންނާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.