ހައްދުންމަތީ ގަން ފޮނަދޫގައި ހިތްގައިމު ލިންކް ރޯޑުގައި ގިނަ ދުވުންތަކެއް ބާއްވަމުންދާއިރު، ފޮނަދޫ މެދުއަވަށު ޢީދު ކުޅިވަރުގެ ތެރޭގައި ހިމެނޭ ކަލާ ރަން ވެގެންދާނީ ލިންކް ރޯޑުގައި ބޭއްވޭ އެންމެ ކުލަގަދަ ދުވުމަށެވެ. ހުރިހާ އުމުރަކަށްވެސް ބައިވެރިވެވޭ ގޮތަށް އީދު ތެރޭގައި ކުރިއަށް ގެންދާ ކަލާ ރަންއަކީ މުޅި ސަރަހައްދަށް، އޯޕަންކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދުވުމެކެވެ.

މެދުއަވަށު އީދު ފޯރީގެ ނަމުގައި ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ހައްދުންމަތީ ކަލާ ރަންއަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމް ކުރާ ހާއްސަ އިވެންޓެކެވެ. އެ ކްލަބުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓާ ކޮށްފައެވެ. އަދި ހާއްސަކޮށް އާއިލާތައް އެކުގައި އީދު މަޖާ ނަގާލުމަށް ދުވުމުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ކްލަބުން ބުނެފައިވެއެވެ.

ފޮނަދޫ މެދުއަވަށުގެ އީދު ކުޅިވަރުގެ ތެރެއިން ކަލާ ރަންއެއް ބާއްވަން ނިންމާފައިވަނީ ކުލައަކީ އީދާ ވަރަށް ބޮޑަށް ގުޅުންހުރި އެއްޗަކަށް ވެފައި މިހާރަކަށް އައިސް ދުވުމާ ކަސްރަތުގެ ތެރޭގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުންދާތީ، ދުޅަހެޔޮ އިވެންޓެއްގެ ތެރެއިން އެންމެއް އެއްކޮށް މަޖާކޮށްލުން ކަމަށް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ބޮޑު އީދު ފޮނަދޫގެ ތިން އަވަށުގައިވެސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ތިން އަވަށުގައިވެސް އަބަދުވެސް ސަގާފީ ކުޅިވަރުތަކާއި، މާލި ނެށުމުގެ އިތުރުން ކޯޑި ކެނޑުމުގެ ކުޅިވަރުތައް ކުރިއަށް ދެއެވެ.