ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ކޮޅަށް ނުވަ ގޯލް ޖަހައިފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 9-0ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، މާޒިޔާ ވަނީ ހަ މެޗުން 14 ޕޮއިންޓް ހޯދާ، ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި މިވަގުތު އޮތް ދަ ގްރާންޑޭއަށް ފަސް މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. އެޓީމުން މި ހަފްތާގައި ނުކުންނާނީ ޗެމްޕިއަން ޓީސީއާ ދެކޮޅަށެވެ. މިރޭގެ މެޗުގައި މާޒިޔާގެ ކޯނެލިއަސް ސްޓެވާޓް ވަނީ ހެޓްރިކް ހަދާފައެވެ.

މިރޭގެ މެޗަށް ނުކުތްއިރުވެސް ވިކްޓަރީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ކޯޗު މުހައްމަދު އާދަމް ބުނެފައި ވަނީ ޓީމު ހަމަވާނެކަމުގެ ޔަގީންކަންވެސް ނެތް ކަމަށެވެ. ޓީމުގެ ކޮންޓްރެކްޓްގައި ތިބި ބައެއް ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިނުވާއިރު، ގެންނަން މަސައްކަތް ކުރާ ބިދޭސީ ތިން ކުޅުންތެރިން އަދިވެސް ގެނެވިފައެއް ނުވެއެވެ. މެނޭޖުމަންޓަށް ފައިސާގެ ދަތިކަން ބޮޑުވެފައިވާއިރު، ކޯޗު މުހައްމަދު އާދަމް ވަނީ އިސްތިއުފާ ދޭން ޖެހިދާނެ ކަމަށް ބުނެފައެވެ.

މިރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

ލީގަށް އެންމެ ވަރުގަދަ ސްކޮޑަކާއެކު ތައްޔާރުވި މާޒިޔާއަށް މަހެއްހާ ދުވަސް ލިބި، ޓީމު ރަނގަޅަށް އެކުވެލަން ވަގުތު ލިބުނު ކަމަށް ކޯޗު މަރުޖާން ސެކުލޮވްސްކީ ބުނެފައިވާއިރު، ވިކްޓަރީއާ ދެކޮޅަށް ނުކުތްއިރުވެސް ފެވަރިޓުންނަކީ އެޓީމެވެ. ޕާސްތައް ގިނަކޮށް، ފުލުފުލުގައި މާޒިޔާއިން އެޓޭކް ކުރަމުންދިޔައިރު، ވިކްޓަރީއަށް މާޒިޔާ ހިފަހައްޓާނެ އެއްވެސް ގޮތެއް ނުފެނުނެވެ.

މާޒިޔާގެ ހަލުވި، ކޮލިޓީ ރަނގަޅު އެޓޭކްލައިންގެ ނުރައްކާ އިންތިހާއަށް ބޮޑުކޮށް ފެނުނުއިރު، މެޗުގެ 20 ވަނަ ސިކުންތުގައި މާޒިޔާ ލީޑު ނެގިއެވެ. ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ލީޑު ނަގައިދިންއިރު، އޭގެ ފަހުން ކޯނެލިއަސް ސްޓެވާޓާއި، ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. މާޒިޔާއިން ފުރަތަމަ ހާފް ނިންމާލީ އިތުރު ދެ ގޯލާއެކުއެވެ. އަސައްކޮގެ އިތުރުން ހަމްޕުއާއި ކޯނޭގެ ގޯލްތައް ފެނިގެންދިޔައިރު، ވިކްޓަރީ ފެނުނީ މާޔޫސްކޮށެވެ.

ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ، ހަމްޕު އޭނާގެ ދެވަނަ ގޯލްވެސް ޖެހިއެވެ. ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ފަސޭހަ ބޯޅަ ހުއްޓުވަން އެއްވެސް ޑިފެންޑަރަކަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައެއް ނުވެއެވެ. އޭގެ ހަތަރު މިނެޓްފަހުން މާޒިޔާގެ ހަވަނަ ގޯލް ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. ހަމްޕުގެ ބޯޅައަށް ކުރިއަށް ޖެހި، އިއްބެ ބޯޅަ ނިންމާލީ ސީދާ ކަނަށެވެ.

މިރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/އެފްއޭއެމް

މާޒިޔާއިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، ހަތްވަނަ ގޯލް ޖެހީ ކޯނޭއެވެ. އަދި އަށްވަނަ ގޯލް ކޯނޭގެ ބޯޅައަކުން ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރިއިރު، މެޗު ނިމެން ދަނިކޮށް ކޯނޭ އެނާގެ ހެޓްރިކްވެސް ފުރިހަމަ ކުރިއެވެ.

ލީގުގެ މެޗުތައް މާދަމާވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި އީގަލްސްއާއި ފޯކައިދޫ ނުކުންނައިރު، މާދަމާ ރޭގެ މެޗުގައި ޓީސީން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.