ޕެނެލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް، ސިޓީން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިނގިރޭސި ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީގައި ސިޓީ މޮޅުވީ 6-5ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ ޗެމްޕިއަނުންގެ މެޗެކެވެ. ކޮންމެ އަހަރަކުވެސް ސީޒަން ހުޅުވުމަށް ކުޅެވޭ ޗެރިޓީ މެޗެއްގެ ގޮތުގައި ކޮމިއުނިޓީ މެޗު ފާހަގަކޮށްލެވޭއިރު، މެޗުން ލިބީ ފައިދާއާއި ފައިސާގެ އިނާމުތައްވެސް ހަދިޔާ ކުރަނީ އިންސާނިއްޔަތަކަށްޓަކާ މަސައްކަތް ކުރާ ކޮންމެވެސް ޖަމިއްޔާ ޖަމާއަތަކަށެވެ.

އެފްއޭކަޕްގެ ޗެމްޕިއަން ޓީމާއި، ޕްރިމިއާ ލީގު ޗެމްޕިއަނުން ވާދަކުރާ ޝީލްޑް މެޗުގައި މިފަހަރު ވާދަކުރީ ލީގުގެ ދެވަނަ ޓީމާއި އެއްވަނަ ޓީމެވެ. އެއީ ސިޓީއަކީ ލީގު ޗެމްޕިއަން އަދި އެފްއޭކަޕްގެ ޗެމްޕިއަނުންނަށް ވާތީއެވެ. ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ލީގު ރޭހުގައި ސިޓީއާއި ލިވަޕޫލް މިދިޔަ ސީޒަންގައި ފެނުނީ ވާދަވެރި ކޮށެވެ.

1908 ވަނަ އަހަަރުން ފެށިގެން އިނގިރޭސި ޝީލްޑް މެޗު ކުޅެމުން އަންނައިރު، އެންމެ ގިނަ ފަހަރަށް ޝީލްޑް ކާމިޔާބު ކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެޓީމުން 30 ފަހަރަށް ކުޅެ، 21 ފަހަރަށް ޝީލްޑް އުފުލާލާފައިވާއިރު، ލިވަޕޫލަކީ ތިންވަނައަށް އެންމެ ގިނައިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ޓީމެވެ. އެޓީމުން 15 ފަހަރު ކާމިޔާބު ކޮށްފައިވާއިރު، އެންމެފަހުން ކާމިޔާބު ކޮށްފައި ވަނީ 2006 ވަނަ އަހަރުއެވެ.

ސިޓީން ޖުމްލަ ފަސް ފަހަރަށް ޝީލްޑް ކާމިޔާބު ކޮށްފައިވާއިރު، މިދިޔަ އަހަރު ޝީލްޑް އުފުލާލީވެސް ސިޓީންނެވެ.

މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ކްލަބު ކަމަށްވާ ސިޓީއާއި ލިވަޕޫލުން މިރޭ ކުޅުނު މެޗު އިންތިހާއަށް ފޯރިގަދައެވެ. ފުރަތަމަ ހާފްގައި ސިޓީން ޑޮމިނޭޓްކޮށް، އެޓީމުގެ ފުޓުބޯޅަ ގިނަވަގުތު ކުޅުނުއިރު، ހަމަލާތައްވެސް ގިނަކޮށް ފެނުނީ ސިޓީންނެވެ. ސްޓާލިންނާއި ޑިބްރޭނާގެ ނުރައްކާ ލިވަޕޫލަށް ކުރިމަތިކުރުވިއިރު، ސިޓީން ލީޑުވެސް ނެގިއެވެ.

ސިޓީއަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިންނެވެ. ލިވަޕޫލްގެ ކުރިން ސަލާހްގެ ބާރު ދުވެއްޔަށް ސިޓީ ސަމާލުވާން ޖެހުނުއިރު، ކައުންޓާ އެޓޭކްގައި ސަލާހްގެ ދެ ހަމަލާއެއް ދެނުނެވެ. އޭނާ އަމިއްލައަށް ޖަހަން އުޅުމުގެ ތެރޭގައި ދެ ހަމަލާވެސް ބޭކާރު ވިއެވެ. އަނެއްކޮޅުން ސިޓީއަށް ލީޑު ފުޅާކުރަން އެތައް ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ސިޓީގެ ޖަރުމަނު މިޑްފީލްޑަރު ލެރޮއި ސާނޭއަށް އަނިޔާވެ، ފުރަތަމަ ހާފްގައި ބަދަލުކޮށްފައިވާއިރު، އޭނާ މި ސީޒަންގައި ކްލަބު ދޫކޮށްލާނެ ކަމުގެ ވާހަކަތައްވެސް ވަނީ ދެކެވިފައެވެ.

ޑިބްރޭނާއާއި ސްޓާލިންގެ ހަމަލާތައް ލިވަޕޫލް ގޯލްކީޕަރު އެލިސަން ބެކާ މަތަކުރިއިރު، ދެވަނަ ހާފް ކުރީކޮޅުގައި ސްޓާލިންއަށް ލިބުނު ހުސް ފުރުސަތުވެސް ދިފާއުކުރީ އެލިސަންއެވެ. ހާފްގެ ކުރީކޮޅުގައި ސިޓީން ރަނގަޅަށް ކުޅުނު ނަމަވެސް، ލިވަޕޫލުން މެޗުގެ އޮއެވަރު އަނބުރާލިއެވެ. އެޓޭކްތައް އިތުރުކޮށް، ހަމަލާތައް ގިނަކޮށްލިއެވެ. ވެންޑައިކް އަދި ސަލާހްގެ ހަމަލާތައް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، ސަލާހްގެ ހަމަލާތައް އިތުރުވިއެވެ.

ލިވަޕޫލުން އުފެއްދި އެޓޭކްތަކުގެ ސަބަބުން ސިޓީއަށް އޮބި ނޯވެގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަޓިޕްގެ ގޯލުން ލިވަޕޫލް ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފަހު މިނެޓުގައިވެސް ސަލާހަށް ހުސް ފުރުސަތެއް ލިބުނުއިރު، އެ ހަމަލާ ރޮނގުމަތިން ބޭރުކޮށްލީ ސިޓީގެ ޑިފެންޑަރު ވޯކާއެވެ. އޭގެ ކުރިން ސަލާހް ފޮނުވާލި ދެ ހަމަލާ މަތަކުރީ ގޯލްކީޕަރު ބްރާވޯއެވެ.

ޕެނެލްޓީގައިވެސް ސިޓީ މޮޅުކޮށްދިނީ ބްރާވޯގެ ސޭވްއަކާ އެކުގައެވެ. ބްރާވޯ ވަނީ ވައިނާޅްޑަމް ޖެހި ޕެނެލްޓީ މަތަކޮށްފައެވެ.

ކްލަބުގެ 125 އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިޓީން މިރޭގެ މެޗުގައި ކުޅެފައި ވަނީ ހާއްސަ ޖާޒީއެއްގައެވެ.