ގައުމީ ޓީމުން އައިއޯއައިޖީއަށް ދިޔުމަށް ލީގު މެދުކަނޑާލިތާ މަހެއްހާ ދުވަސް ފަހުން، އަނެއްކާވެސް ލީގުގެ މެޗުތައް ވަނީ ފަށާފައެވެ. ކުރިއަށްމިދާ ހަފްތާގެ މެޗުުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ލޯތައް ހުއްޓުނު މެޗަކަށްވާނީ ޓީސީ ސްޕޯޓްސް ކްލަބާއި، ދަ ގްރާންޑޭ ވާދަކުރާ މެޗެވެ.

އަލަށް ފުރަތަމަ ޑިވޝަނަށް އައިސް، ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް ދަ ގްރާންޑޭ މޮޅުވެފައިވާއިރު، ބަލިވީ ހަމައެކަނި މާޒިޔާ އަތުންނެވެ. މި ހަފްތާއަށް ނުކުތްއިރު، ދަ ގްރާންޑޭ އެއްވަނައިގައި އޮތްއިރު، މިރޭގެ މެޗުން މޮޅުވެގެން އަނެއްކާވެސް އެ މަގާމަށް ޖެހިލުމަށް ފުރުސަތު އެބައޮތެވެ.

"ވަރަށް ވަރުގަދަ ޓީމަކާ ކުރިމަތިލާން މި ޖެހެނީ. ޓީމުގެ ކުޅުންތެރިންގެ ހުރީ މޮޅުވުމުގެ ވިސްނުން. ރަނގަޅު ނަތީޖާއަކަށް އުންމީދުކޮށް ނުކުންނާނީ. 100 ޕަސެންޓް ދޭނަން. ޓީމު ވަރަށް ފްރެޝްކޮށް އޮތީ،" ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު އާތިފް ވިދާޅުވީ ޓީސީއަށް އެފްއޭއެމްގެ ފަރާތުން ތަނަވަސްކޮށްދިން ތަމްރީނު ކޭމްޕަށް ސައުދީއަށް ދިޔުމުން އޭގެ ނަތީޖާ ފެންނާނެ ކަމަށެވެ.

"ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި މިއޮތީ. ތާވަލަށް ބަލާއިރު، އެންމެ ކުރީގައި އޮތީ އެޓީމު. އެހެންވީމާ ޓީސީން ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނާނީ ލީގުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ބަލައިގެން. ތަމްރީނުތަކެއް ކުރުމުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް ރަނގަޅުވާނެ ކުޅުން. ތަފާތު ފެންނާނެ ކުޅުމުން. އަށް ދުވަހުގެ ކޭމްޕެއްގެ ތެރެއިން ރިވޮލިއުޝަނަރީ ބަދަލެއް ނާންނާނެ. ސަޕޯޓަރުން ދެކޭ ގޮތުގައި އަށް ދުވަހުގެ ކޭމްޕް ނޫނީ ފަސް ދުވަހުގެ ކޭމްޕަކީ ވަރަށް ބޮޑު ރިވޮލިއުޝަނަރީ ބަދަލެއް އަންނަން ޖެހޭ ކަންކަން. އެކަމަކު ޕާފޮމަންސް ފެނިގެންދާނެ،" އާތީ ބުންޏެވެ.