ކުޅިވަރަށް ސަރުކާރުން ކުރާ ހޭދައާއި އެއްވަރުގެ ބަދަލެއް ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ގައުމު ތަމްސީލް ކުރަން ބޮޑު ޚަރަދު ކޮށްގެން ރާއްޖެ އިން ބޭރަށް ދަތުރުކުރާ ޓީމްތައް އެދަތުރަކީ ޗުއްޓީ ދަތުރެއް ކަމަށް ހަދާލުމަކީ މިހާރު ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ޓީމްތައް ރާއްޖެ އިން ބޭރަށް ފޮނުވަނީ ޗުއްޓީ އަށެވެ. މަންޒަރު ރީތިކޮށްލަން ބުނަނީ މިއީ "ތަޖުރިބާ ހޯދުމުގެ މުބާރާތެއް" ކަމަށެވެ.

ނިމިގެން ދިޔަ އިންޑިއަން އައިލެންޑް ގޭމްގައި "ތަޖުރިބާ ހޯދުމުގެ ގޮތުން ޗުއްޓީ ދަތުރެއްގައި" ބައިވެރިވި އެއް ޓީމަކީ ބާސްކެޓް ޓީމެވެ. ގައުމު ތަމްސީލް ކުރަން ގައުމީ ބާސްކެޓް ޓީމް ގޮސް ދަނޑު ބޭރުގައި ކުރި ކަންތައްތައް ބާއްވާފައި ފުރަތަމަ ނަތީޖާގެ ވާހަކަދައްކަން ހިނގާށެވެ.

ކުޅުނު ތިން މެޗުން ބަލިބެ ގައުމީ ބާސްކެޓް ޓީމް ކަޓައިގެން ދިޔައީ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ބާސްކެޓް ޓީމު ނިކުތީ ރިޔޫނިއަން އާއި ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ޓީމު ބަލިވީ 106 ޕޮއިންޓް 42 ޕޮއިންޓުންނެވެ. މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖޭގެ ޓީމު ނިކުތީ މަޑަގަސްކަރ އާއި ދެކޮޅަށްށެވެ. މި މެޗުން ރާއްޖޭގެ ބާސްކެޓް ޓީމު ބަލިވީ 93 ޕޮއިންޓް 23 ޕޮއިންޓުންނެވެ. ފަހުމެޗްގައި ސީސެލްސް އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ބާސްކެޓް ޓީމު ބަލިވީ 90 ޕޮއިންޓް 55 ޕޮއިންޓުންނެވެ.

މިއަހަރު ވެސް ބާސްކެޓް އެސޯސިއޭޝަންގެ ބަޖެޓަކީ 14 މިލިއަން ރުފިޔާ އެވެ. ފާއިތުވި ދެއަހަރު ކޮންމެ އަހަރަކު ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބާސްކެޓް އެސޯސިއޭޝަނުން ޚަރަދު ކޮށްފައި ވެއެވެ. ކޮންމެ މަހަކު ސަރުކާރުން ގައުމީ ޓީމްގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް މުސާރަ ދެމުން އަންނަތާ ހަތަރު އަހަރުވީ އެވެ. ޓެކްސް ދައްކާ އާއްމު ރައްޔިތުންގެ އަތުން ލިބޭ ފައިސާ ކުޅިވަރަށް ހޭދަކުރާ އިރު އެކުޅިވަރަކުން ރަނގަޅު ނަތީޖާ އެއް ނެރެވެން ޖެހޭނެއެވެ.

އައިއޯއައިޖީ – ޗުއްޓީ ދަތުރެއް

އައިއޯއައިޖީ އަށް ގެންދިޔަ ޓީމްގައި ހިމަނާފައި ވަނީ މީގެ 15 އަހަރު ކުރިން ވެސް ބާސްކެޓް ކުޅެން ތިބި މީހުންނެވެ. ޒުވާނުންނަށް ފުރުސަތު ދީފައެއް ނުވެއެވެ. މިހާރު ބާސްކެޓްގެ ފުރަތަމަ ޑިވިޝަންގެ އިތުރު މުބާރާތެއް ނެތުމުން ކުޅުންތެރިން މަގުމަތިވެފައި ތިބޭތާ ހައެއްކަ މަސް ވެގެން ދިއުމުން ދެން ނިކުންނާނެ ނަތީޖާ ކިތަންމެ ރަނގަޅަކަށް ވެސް އައިއޯއައިޖީ އިން ފެނިގެން ދިޔައެވެ.

ބާސްކެޓް ޓީމަށް އައިއޯއައިޖީގައި މެޑަލްއެއް ނުލިބުން އެއީ ރާއްޖޭގެ ބާސްކެޓް އޮތް ހިސާބަށް ބަލާއިރު މުބާރާތައް ދާއިރު ވެސް ކަށަވަރު ކަމަކަށް ވެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ މިމުބާރަތަކީ ޗުއްޓީ ދަތުރަކަށް ހަދާލަން ޖެހުމެއް ނޫނެވެ. ފުރަތަމަ ދެ މެޗުން ބަލިވިއިރު ތިން ވަނަ މެޗަކީ ރަނގަޅު ފައިޓެއް ދެވޭނެ މެޗެއްކަން ކުރީގެ ތަޖުރިބާ އިން ވެސް އޮތީ އެނގޭށެެވެ. ނަމަވެސް ދެވަނަ މެޗަށް ފަހު ޓީމް ނައްޓާލީ "ބީޗް ޑޭ" އަކަށެވެ. މޫދަށް އެރިލާ މަޖާ ކޮށްލާށެވެ. އިތުރަށް ޕްރެކްޓިސްކޮށް ތިން ވަނަ މެޗުން ފަރަގު ކުޑަކުރަން މަސައްކަތް ކުރުމުގެ ވިސްނުމެއް ކޯޗިން ސްޓާފުން ނުގެންގުޅުނެވެ.

މުބާރާތުގައި ޓީމް ދެއްކި ކުޅުމަށް ބަލާއިރު ޓީމްގެ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) އަކީ ޓީމްގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ނަމަވެސް އޭނާ އަށް ވެސް މުޅި މުބާރާތުގައި ކުޅުނު ތިން މެޗުން ދިހަ ވަރަކަށް ޕޮއިންޓް ހޯދައި ދެވުމުން މުޅި ޓީމްގެ ފެންވަރު އަންދާޒާ ކޮށްލެވެއެވެ.

މުބާރާތައް ގައުމީ ޓީމް ފުރައިގެން ދިޔައިރު ރާއްޖޭގައި ބާސްކެޓް މުބާރާތެއް ނުބާއްވާތާ ހައެއްކަ މަސް ވީއެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނަގާފައި ވަނީ ވެސް ދައްކާ ކުޅުމަށް ވުރެ ބޮޑަށް އަމިއްލަ އެޖެންޑާއެއްގެ ދަށުން ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ.

އައިއޯއައިޖީގައި ގައުމީ ދިދަ އުފުލުން އަހުމަދު ޒަބީރު (ޒަބީ) އަށް ދިން އިރު އޭނާ އަށް އެޝަރަފް ލިބުނީ އޭނާ އަކީ ބާސްކެޓް އެސޯސިއޭޝަންގެ ނައިބު ރައީސް ހަސަން އިސްމާއިލްގެ ޓީމް ކަމަށްވާ ޓީރެކްސްގެ ކުޅުންތެރިކަށް ވުމުން ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ޒަބީ އަކީ ގައުމީ ޓީމްގެ ކެޕްޓަނެއް ނޫނެވެ. ވައިސް ކެޕްޓަނެއް ނޫނެވެ. އަދި ބާސްކެޓަށް ވުރެ އައިއޯއައިޖީގައި ކާމިޔާބު ހޯދާފައިވާ ކުޅިވަރުތަކާއި، ކާމިޔާބު ހޯދާނެ ކަން ކުރިން ކަށަވަރު ވެފައި އޮތް ކުޅިވަރުތައް އޮތް އިރު ޒަބީ އަށް އެޝަރަފު ދިނުމުން ސުވާލު އުފެދެއެވެ.

އެސިސްޓެންޓް ކޯޗް – ޗީލީޑަރެއް

ގައުމީ ޓީމްގެ ކޯޗުންނާއި އެސިސްޓެންޓް ކޯޗުންނަކީ ކަމާއި ގުޅޭ ސެޓްފިކެޓްތަކާއި ފާސްތައް ނަގައިގެން ތިބެން ޖެހޭ ބައެކެވެ. ނަމަވެސް ބާސްކެޓް ޓީމްގެ އެސިސްޓެންޓް ކޯޗްގެ މަގާމުގައި ހުރި އަލީ އިޝާމް (ބަނީ) ގެ އަތުގައި ބައިނަލްއަޤުވާމީ ފާހެއް، އަދި ސެޓްފިކެޓެއް ވެސް އޮތް ކަމަކަށް ނުވެއެވެ. އަދި މުބާރާތުގައި ބާސެކްޓް ޓީމްގެ އެސިސްޓެންޓް ކޯޗް ބަނީ ފެނިގެން ދިޔައީ ޗީލީޑަރެއްގެ ގޮތުގައެވެ. ރާއްޖެއިން ބައިވެރިވި އެހެން ޓީމްތައް ކުޅުނު އިރު ވައްތަރު ވައްތަރަށް ނެށުން ފިޔަވައި އިތުރު ކަމެއް ބަނީ ކުރި ކަމަކަށް ނުވެއެވެ. އެމަންޒަރުތައް ފެންނަ ވީޑިއޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ޓީޓީގެ ފައިނަލްގައި ރާއްޖޭގެ ދެކުޅުންތެރިން ކުޅެމުން ދިޔައިރު ބަނީ ލީޑްކޮށްގެން ދަނޑުގައި ކުރިއަށް ގެންދިޔައީ ލަވަ ބާޒީ ކުޅުމެވެ. ޓީޓީގެ ފައިނަލަށް ފަހު ދެ ކުޅުންތެރިން ވެސް ވަނީ ލަވަ ބާޒީގެ ސަބަބުން މެޗަށް ދޭން ޖެހޭ ސަމާލުކަން ނުދެވި ދަތިތައް ކުރިމަތިވި ކަމަށް ބުނެފިއެވެ.

ގައުމީ ޓީމެއްގެ އެސިސްޓެންޓް ކޯޗެއްގެ އުޅުމާއި، އަޙްލާޤު މިފެންވަރަށް ދިއުމުން އެވާހަކަ ދައްކަން ޖެހެއެވެ. އަދި ބަނީ އަކީ ބާސްކެޓްގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ކިންގްސްގެ ހެޑް ކޯޗް ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

ބާސްކެޓް އެސޯސިއޭޝަން – ބައެއްގެ އަމިއްލަ އެޖެންޑާ ފެތުރުމުގައި

ބާސްކެޓް އެސޯސިއޭޝަންގެ ނައިބު ރައީސް ހަސަން އިސްމާއިލް އަކީ ބާސްކެޓް އެސޯސިއޭޝަންގެ ހުރިހާ ކަމެއް ކުރާ އެސޯސިއޭޝަން "ރޫހާނީ ލީޑަރެވެ." އެއީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެކެވެ. ބާސްކެޓް ދެކެ "ވަރަށް ލޯބިވާ ބޭފުޅެކެވެ." އެކްސްކޯގެ އަޣުލަބިއްޔަތު އޮތީ ހަސަން އިސްމާއިލަށެވެ. އޭނާ ބޭނުންވާ ގޮތަކަށް ގައުމީ ޓީމް އެކުލަވާލާ، އޭނާގެ ޓީމަށް ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތުދީ، ސަރުކާރުން މުސާރަ ނަގަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. އެކަމުގެ ތަފްސީލަށް އެހެން ލިޔުމެއްގައި ބަލާލާނީއެވެ.

ފާއިތުވި ދެތިން އަހަރު ބާސްކެޓް ވަޅު ޖަހައިގެން ދިޔައިރު، ސަރުކާރުން ކުރަމުންދާ ޚަރަދުތަކުން ފެންނަ ނަތީޖާ އާއި މެދު ސުވާލު އުފައްދަން ޖެހެއެވެ. ފުޓްބޯޅަ އެސޯސިއޭޝަނަށް ސަރުކާރުން ކުރި ޚަރަދުން ނަތީޖާ ނުފެނިގެން ޔޫތު މިނިސްޓަރ ލޮލުފިޔަ ނުޖެހިގެން އުޅުއްވިއެވެ. ނަމަވެސް ބާސްކެޓް އެސޯސިއޭޝަން އެހާލަތުގައި އޮތް އިރު އެމަންޒަރު މިނިސްޓަރަށް ފެނިވަޑައެއް ނުގަންނަވައެވެ. ސަބަބަކީ ހަސަން އިސްމާއިލަކީ ސްޓޭޓް މިނިސްޓަރަކަށް ވެފައި އޭނާގެ ނުފޫޒާއި ބާރު މުޅި ސަރުކާރުގެ މައްޗަށް ފެތުރިފައި އޮތުން ހެއްޔެވެ؟

ނަތީޖާ ނެރެވޭނީ ކިހިނެއް؟

ބާސްކެޓް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ބާސްކެޓް އެސޯސިއޭޝަނަކީ ބަޔަކު އަމިއްލަ މަންފާ ހޯދަން ގެންގުޅޭ މުދާ ގަނޑެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް އޮތުމަށް ނިމުމެއް ގެނައުމެވެ.

ދެވަނަ ކަމަކަށް ބާސްކެޓްގެ ވައިޑީޕީ ވަރުގަދަ ކުރުމެވެ. ބާސްކެޓް ކުޅުންތެރިންނަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ފުރާވަރު އުމުރުގެ ކުދިންނަށް ބާސްކެޓްގެ ރަނގަޅު ތަމްރީންތަކެއް ލިބޭނެ މަގެއް ދައްކުވައިދޭން އެބަޖެހެއެވެ.

ތިން ވަނަ ކަމަކަށް ބާސްކެޓްގެ މުބާރާތްތައް ހަރުދަނާ ގޮތެއްގެ މަތިން ބޭއްވޭނެ ގޮތެއް ހޯދަން އެބަޖެހެއެވެ. މުބާރާތްތަކަކީ އެސޯސިއޭޝަނުން ބޭނުންވީމާ ބާއްވާ، ބޭނުން ވީމާ ނުބާއްވާ ދޫކޮށްލާ މުބާތްތަކަކަށް ވެގެން ނުވާނެއެވެ. މުބާރާތްތަކުގެ ތާރީޚް ބާސްކެޓް އެސޯސިއޭޝަންގައި ތިބޭ ބައެއްގެ ޗުއްޓީ އާއި ދިމާވާތީ ކެންސަލް ކުރުމުގެ ބަދަލުގައި ހަރުދަނާ އުސޫލެއްގެ ދަށުން ކަށަވަރު ތާރީޚްތަކެއް ޓީމްތަކަށް ދީފައި އޮންނަން އެބަޖެހެއެވެ.

އެހެންކަމުން ޒާތީ ހަސަދައާއި، އަމިއްލަ އެދުން އެއްފަރާތްކޮށް ބާސްކެޓަށް ރަނގަޅު ގޮތެއް ހޯދަން ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޟައުގީ

  14 މިލިޔަނޭ މާތް ކަލާކޯ، މީ ކީއްކުރާ ބައެއް ތަ ތިޔަލާރިޔަށް ހަދާ ގޮތެއް ބަލަން ޖެހޭނުން

  30
  2
 2. ނިކަމެތިމީހާ

  ރާއްޖޭގައި ބާސްކެޓަށް ޚަރަދުކުރުމަކީ މޮޔަކަމެއް!

  21
  5
  • ަައަހުމަދު

   ބާސްކެޓާ ދިމާލަށް އެއްޗިސް ކިޔާއިރު ގައުމީ ކުޅިވަރު ކަމަށް ވާ ފުޓުބޯޅަ މާ ރަގަނޅެއް ނޫން

   20
   5
 3. ސައްދާމް

  ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ހަލާކު މަންޑޭ، މީއަޅެކާކުތަ.

  16
  2
 4. ޙުދުހުދު

  އެސޯސިއޭޝަންގެ ފައިސަައަށް ބަނޑޭ އާއި މަންޑޭ އިހުމާލްވެފައި.

  14
  1
 5. ދޮންރީދޫ

  އެސޯސިއޭޝަންގެ ހަރަދުތަށް އަތްނުފޯރާ ކުޅުންތެރިންނަށް ދޭއެއްޗެއްނޯވޭ. ކޮބާތަ އޭސީސީ

  15
 6. ބަދުރު

  މަންޑޭ އެމްއާރޑީސީ އަށް ހެދިގޮތް އެސޯސިއޭޝަނަށްވެސް

  12
 7. މަސީހު

  ޓީޓީ ބެޑްމިންޓަން ހޯދާކާމިޔާބީޔަކީ ޕްލޭޔަރުންނާއި ބެލެނިވެރިންގެ ބުރަމަސަތްކަތް މިފަހަރު އައިއޯއައިޖީގަވެސް ބެޑްމިންޓަން ޓީމްގެ ކޯޗް އެއްފަރާތްކޮއް މެޗްތައްކުޅުނުއިރު ކޯޗަކައް ހަރަކާތްތެރިވީ ބެޑްމިންޓަން އެސޯސިއޭސަންގެ ގީއެސް މެޑަލް ލިބޭނެކަން ޔަގީންވިހިސާބުން ޖީއެސް ބޭނުންވީ މެޑަލް އަޅަން.

  16
  3
 8. ޝަނާ

  ބާސްކެޓް ބޯޅައިގައި މިހާރު އިންޓަރނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެ ވާދަކުރެވޭ ފެންވަރުގެ ޓީމެއް ނެތް. ބައިނަލްއަޤްވާމީ މުބާރާތްތަކަށް ބާސްކެޓް ބޯޅަ އަށް ސަރުކާރުން ކުރާ ޚަރަދުގެ ބަދަލުގައި ޓީޓީ އަދި ބެޑްމިންޓަން ފަދަ އުއްމީދީ ކުޅިވަރުތަކަށް ޚަރަދު ކުރުން މުހިއްމު. ބާސްކެޓް ބޯޅަ ފުރަތަމަވީ ލޯކަލް މުބާރާްތްތައް ގިނަކުރަން.

  14
 9. އަބޫ

  ކުޅިވަރު ކުރިއަރުވަން ތިބޭ މީހުން ވެގެން ކުޅިވަރު ޖޯކަކަށް ހަދަނީ ދޯ. އެކަމަކު ސުނީ އަކަށް ވަކި ދުލެއް ނުދޭ އިންގޭ

 10. ޔޫސޭ

  ހޫޫން، ޑާންސް އިންޑިޔާ ޑާންސް އަށް ތައްޔާރުވާ ސޮރެއްތަ މީ އަނެއްކާ؟

  13
  2
 11. ސިދިއްކޮ މީ

  ޒަބީ އަށް ދިދަ ދިންގޮތް މަވެސް ވިސްނާ ވިސްނާ ނޭންގުނު. ޓީމަށް އަރަނީވެސް ކިރިޔާ!

  7
  1
 12. ސިދިއްކޮ

  ޒަބީ އަށް ދިދަ ދިން ގޮތް ހޯދަން އެބަޖެހޭ. ޓީމަށްވެސް އަރަނީ ކިރިޔާ.

  6
  1
 13. ޓަންވީރު

  ތިޒިލާ އެންޑް ޒަބީ ބޭރުކުރޭ

  8
  1
 14. ހާމިދު

  މީ ކޯޗެއް ނޫނެއްނު، މީ ނަޝާ މާގަޑެއްނު، މިސޮރު ރަނގަޅުވާނެ އީދައް އަހަރުމެން ރަށައް ގެންނަން އީދު ޝޯއަށް

  10
  1
 15. ސޯބިރު

  ސުނީ ގޮޓް ކޮމްޕެޓިޝަން

  7
  1
 16. ނަވާޒު

  މި ލިޔުނު މީހަކު ހަސަދައެއް ފިލުވާލާފަތަ މިއޮތީ.!

  4
  13
  • ަައަހުމަދު

   ބާސްކެޓާ ދިމާލަށް އެއްޗިސް ކިޔާއިރު ގައުމީ ކުޅިވަރު ކަމަށް ވާ ފުޓުބޯޅަ މާ ރަގަނޅެއް ނޫން

   11
   2
 17. ކެރޭބެ

  ބާސްކެޓް ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީ ބާސްކެޓް އެސޯސިއޭޝަނަކީ ބަޔަކު އަމިއްލަ މަންފާ ހޯދަން ގެންގުޅޭ މުދާ ގަނޑެއްގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް އޮތުމަށް ނިމުމެއް ގެނައުމެވެ ހަމަ ރަނގަޅު ވާހަކަ އެއް 1991 އިން ފެށިގެން ބޯގަންވިލާ އައިލާ ބޭފުޅުން ތިއްބަވައިގެން ކުަރޭ ކަމެއް ، އަނެއް ކޮޅުން ސުޕުން އައް ހަރަދު ކުރަނީ ލިބޭހާ ލާރިއިން

  11
 18. ފަލަގަނޑު

  މިތާ ބާސްކެޓް ކުޅޭ ކުދިންގެ ފެންވަރު އެބަހުރި. މައްސަލަޔަކީ ކުޅުންތެރިން އިތުރު ވަޒީފާ އަދާކުރަން ޖެހުން. ކޮންމެ ކުޅިވަރެއްވެސް މިތާ ހަމަ އެހެން. ކުޅުންތެރިންނަށް ނަތީޖާ ނެރެވޭނެ އެ ފުރުސަތު ފަހިކޮއްދިނީމަ.ބޭރު ގައުމު ތަކުގަވެސް ކުޅުން ތެރިން ތިބެނީ ކުޅެންގެން ނަތީޖާ ނެރެން ބައިތިއްބާފަ މުސާރަދީފަ.

 19. ނާހާ

  ގައުމީ ޓީމް، މި ޝަރަފު މިވަރަކަށް އެބިއުސް ކުރެވޭނި. މިހާރުން މިހާރަށް އެސޯސިއޭޝަން ގެ އިންޓާނަލް ރިވިއުއެއް ހަދަން ޖެހޭ. ޢަދި ކުޅުންތެރިން ބަދަލުކުރަން ޖެހޭ...

  2
  1