އިއްޔެ ކުޅެވުނު ފްރެންޗް ސުޕަ ކަޕް ފައިނަލް މެޗުގައި ބައްދަލު ކުރީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އާއި ރެންނެސް އެވެ. 2-1ގެ ނަތީޖާ އަކުން މޮޅުވެ ޕީއެސްޖީ އިން ތަށި އުފުލާލިއިރު، ދެން ފެނިގެން ދިޔަ މަންޒަރު ވީ އެތައް ބަޔަކަށް ސިހުމެއް ލިބުނު ކަމަކަށެވެ.

ޕީއެސްޖީ ދޫކޮށްލަން ކެތް މަދުވެފައި ހުރި ނޭމާ، އެ ކްލަބަށް ޗެމްޕިއަންކަން ލިބުމުން ޓީމު ފޮޓޯއަށް އެރުމުން ކުޅުންތެރިން ވަނީ އޭނާ ފޮޓޯ އިން ބޭރު ކުރަން އުޅެފައެވެ. އަދި އެންމެ ފަހުން އެކަން ކޮށްފައި ވަނީ އޭނާއާ ގާތްކޮށް ފެންނަ ކިލިއަން އެމްބާޕޭއެވެ.

ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މެޗުގައި ނޭމާ ކުޅެފައި ނުވާއިރު، މީގެ ކުރިން ޕްރީ ސީޒަން ޓުއާގައި އެކްލަބުން ހެދި ތަމްރީން ތަކުގައި ނޭމާ ތަމްރީން ކޮށްފައި ވަނީވެސް ޓީމާއި ވަކިން އެކަހެރި ކޮށްކަން ފާހަގަކޮށްލެވެއެވެ.

 

ބެލެވޭ ގޮތުގައި ނޭމާ ޓީމް ފޮޓޯ އިން ބޭރު ކުރީ މިގޮތަށް ކަންތައް ކުރުމަށް ފަހު، ތަށި ލިބުމުން އެކަމުގައި ބައިވެރިވާން އުޅުނީމައެވެ. ނޭމާ މެޗުގައި ކުޅެފައިނުވި ނަމަވެސް އޭނާއަށް ވަނީ މެޑަލް ލިބިފައެވެ.

އެމްބާޕޭ ނޭމާ ފޮޓޯއިން ބޭރު ކުރިތާ ގަޑި އިރުތަކެއް ފަހުން ނޭމާ ވަނީ އެ ދެމީހުން އެކުގައި ފޮޓޯ އެއް ނެގުމަށް ފަހު "މައި ބްރޯ" ޖަހާފައި މީސް މީޑިއާގައި އެފޮޓޯ ހިއްސާ ކޮށްފައެވެ. ބެލެވޭ ގޮތުގައި މިއީ ހިނގި ހާދިޘާއަށް ފަސް އެޅުމުގެ ގޮތުން ނޭމާ ކުރި ކަމެކެވެ.

ޕީއެސްޖީން ނޭމާ އަދި އެއް އަހަރަށް މަޑު ކުރުވަން ބޭނުންވާއިރު، އޭނާ ބޭނުންވަނީ ކުރީގެ ކްލަބް ބާސާއަށް ބަދަލުވާށެވެ. ދެކްލަބުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާއިރު، ނޭމާ އަށް ރަނގަޅު އަގެއް ކިޔައިފިނަމަ ބާސާއަށް އޭނާ ފޮނުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.