ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބު ކޮށްދިން ހެޓްރިކާއެކު ކްލަބު އީގަލްސްއިން ފޯކައިދޫ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު 5-2ގެ ނަތީޖާއަކުން އީގަލްސް ކާމިޔާބުކުރިއިރު، މިއީ މި ސީޒަންގައިވެސް ރިޒޭ ކާމިޔާބުކުރި ދެވަނަ ހެޓްރިކެވެ. މިދިޔަ ސީޒަންގައިވެސް ފުލުފުލުގައި ފަސް މެޗުގައި ހެޓްރިކް ހަދާ، ރިޒޭ ވަނީ ދުނިޔޭގެ ރެކޯޑަކާވެސް ހަމަކޮށްފައެވެ.

މިއަދުގެ މެޗުގައިވެސް ރިޒޭގެ މޮޅު ހުނަރުވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުން މޮޅުވެ އީގަލްސްއިން ވަނީ ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހޯދާފައެވެ. ސީޒަންގައި އީގަލްސް އަދި ބަލިިނުވެ އޮތްއިރު، އެޓީމުން ވަނީ މާޒިޔާގެ އިތުރުން ޓީސީއާއި ގްރީން ކައިރީގައިވެސް އެއްވަރު ކޮށްފައެވެ. ހާއްސަކޮށް މާޒިޔާ މެޗުގައި ޓީމު ދެއްކި ކުޅުމަށް ކޯޗު މުހައްމަދު ޝީޔާޒް (މޯހަން)ވެސް ވަނީ ތައުރީފް ކޮށްފައެވެ.

އޭއެފްސީ ޕްރޯ ލައިސަންސް ފުރިހަމަ ކުރަމުންދާ މޯހަން، ސެޝަންތަކަކަށް ޖަޕާނުގައި ހުރުމަށްފަހު މިހާރު އައިސް ޓީމާ ގުޅިފައިވާއިރު، މޯހަން ނެތި ކުޅުނު މެޗުގައި ޓީމުގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން ކޮށްފައިވާ ބުރަ މަސައްކަތަށް، މިއަދުގެ މެޗުގެ ކުރިން މޯހަން ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި ހެޑް ކޯޗު ނެތި ކުޅުންތެރިން ދެއްކި ހިތްވަރުން އެނގެނީ ތަށްޓެއް ބޭނުންވެފައިވާ ވަރު ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

ފޮޓޯ/ އެފްއޭއެމް

ފޯކައިދޫގެ ފުރަތަމަ 11އިން އާންމުކޮށް ފެންނަ ގޯލްކީޕަރު ސާގިބް ހަނީފްވެސް ގައުމުގައި ހުރިއިރު، މިއަދުގެ މެޗުގައި ރާމޯސް ހުރީ ސަސްޕެންޝަނުގައެވެ. އެ ކުޅުންތެރިން ނެތްތައް ދައްކާނެ ކަމަށް ކޯޗު އަލީ ނިސްތާރު މެޗުގެ ކުރިން ފާހަގަކުރިއެވެ. މިހާތަނަށް ލީގުގައި ރަނގަޅަށް ކުޅެމުން އައި ފޯކައިދޫއަށް އީގަލްސްވީ އުނދަގޫ ޓީމަކަށެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ކޮޅުން ފެށިގެން އީގަލްސްއިން ހަލުވި ޕާސްތަކަކާއެކު އެޓޭކް އުފައްދަން މަސައްކަތް ކުރިއިރު، ފޯކައިދުއަށް އެންމެ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 20 މިނެޓް ހަމަވާން ދަނިކޮށް އީގަލްސްއިން ލީޑު ނެގިއެވެ. އަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ގޯލަށް ވައްދާލީ ރިޒޭއެވެ. އޭގެފަހުންވެސް އީގަލްސްގެ ދެ ހަމަލާއެއް ފާހަގަކޮށްލެވުނުއިރު، ފަސް މިނެޓްފަހުން ލީޑު ފުޅާވެސް ކުރިއެވެ. އަރިމަތިން ހަސަން ރާއިފް (ހަންނަ) އޭރިއާ ތެރެއަށް ވަދެ ނަގައިދިން ތިރި ބޯޅަ ގޯލަށް ވައްދާލީ އިމްރާން ނަޝީދެވެ.

ދެ ގޯލްގެ ލީޑަކާއެކު އީގަލްސްއިން ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފަށް ނުކެމެވެސް މެޗު ކޮންޓްރޯލް ކޮށް ކުޅުނީ އީގަލްސްއިންނެވެ. އީގަލްސްގެ ގޯލް ބަލަހައްޓަމުންދިޔަ ސުޖަން ޕެރޭރާއަށް މެޗުގައި މާ ބޮޑު މަސައްކަތެއް ކުރަން ޖެހިފައިނުވާއިރު، 55 ވަނަ މިނެޓުގައި ރިޒޭ ވަނީ އޭނާ ދެވަނަ ގޯލް ޖަހާފައެވެ. ހަސަން ޝިފާއު (ކްރޯ) ދިން ރީތި ތުރޫ ބޯޅައަކަށް ކުރިއަސް ޖެހި ރިޒޭ ގޯލަށް ބޯޅަ ވައްދާލީ ގޯލްކީޕަރު ބޯމަތިންނެވެ.

ފޮޓޯ/ އެފްއޭއެމް

އޭގެ ފަހުން އީގަލްސްއިން ފުލުފުލު ދެ ގޯލްޖެހިއިރު، އެ ގޯލްތައް ޖެހީ ސެންޓޭއާއި ރިޒޭއެވެ. މެޗުގެ 75 ވަނަ މިނެޓުގައި ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލް ގޯލެއް ޖެހި ނަމަވެސް، މާ ބޮޑު ހިތްވަރެއް އެޓީމުގެ ފަރާތަކުން ނުފެނުނެވެ. ފޯކައިދޫގެ ދެވަނަ ގޯލަކީ މެޗު ނިމެން ދަނިކޮށް އީގަލްސްގެ ގޯލްކީޕަރު ސުޖަން، އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނެލްޓީއެކެވެ. ފޯކައިދުއަށް ޕެނެލްޓީ ކާމިޔާބު ކޮށްދިނީ ހަސަން ނާޒީމް (ޗޯޓު)އެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ބައްދަލު ކުރާނީ އެންމެފަހުގެ ޗެމްޕިއަން ޓީސީއާއި ދަ ގްރާންޑެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުރު

    މި ސީޒަންގަ އެންމެސަޅި ކުޅުމެއް އަދި މިފެންނަނީ އީގަލްސްގެ ފަރާތުން، ޝޯޓް އެންޑް ލޯންގް ޕާސްތައް ހަމަ ވަރަށް ހަބޭސް.