އިންޑިއާގައި މިހާރު ކުރިއަށް ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗު އެއްވަރު ކޮށް، ފެށުން ރަނގަޅު ކޮށްފިއެވެ.

މި މަހުގެ 3ން 6ގެ ނިޔަލަށް ޗެންނާއީގެ ޖަވާހިރު ލާލް ނެހުރޫ ސްޓޭޑިއަމް ގައި ކުރިއަށް ދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރު ކޮށް، ރާއްޖެ އިން ޕޮއިންޓެއް ހޯދީ އިންޑިއާގެ ބަރާތް – 1 ޓީމާއި ވާދަ ކޮށްގެންނެވެ. މިއަދުގެ މެޗުން ރާއްޖެ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ވަސްމީ ނަސީމް އެވެ. މި ނަތީޖާ އާއި އެކު ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުމުގެ އުއްމީދު އަދިވެސް ރާއްޖެ އަށް އެބައޮތެވެ.

ފިރިހެން ބައިގައި ޖުމްލަ 12 ޓީމަކުން ބައިވެރި ނަމަވެސް، ފަހުވަގުތު ޕާކިސްތާން އިން ނަން އަނބުރައި ގެންދިއުމުން 11 ޓީމާއި އެކު މުބާރާތް ފެށި އިރު، ރާއްޖެ ލައްވާލާފައި ވަނީ އޮސްޓްރޭލިއާ އާއި އިންޑޮނޭޝިޔާގެ އިތުރުން ބަރަތް -1 އާއި އެކު ގްރޫޕް އޭގައެވެ.

މުބާރާތުގެ އަންހެން ބައިގައި ރާއްޖޭގެ ޓީމުން ކުޅުނު މެޗު ރަޝިޔާ އާއި ވާދަކޮށް 6-0ން ބަލިވެފައި ވީ ނަމަވެސް، އެ މެޗުގައިވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅި ކުޅުމެއް ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އަންހެން ބައިގައި ޖުމްލަ 8 ޓީމަކުން ބައިވެރި ވެފައި ވާއިރު، ރާއްޖެ ހިމެނެނީ މެލޭޝިޔާ އާއި ރަޝިޔާގެ އިތުރުން ބާރަތް އާއި އެކު ގްރޫޕް އޭގައެވެ.